Support Us

ކޮލަމް ކަލާވެހި: "މި ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނޭ ލަފުޒުތަކެއް ދިވެހިބަހުގައި ނެތީމައި…"

"މި ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނޭ ލަފުޒުތަކެއް ދިވެހިބަހުގައި ނެތީމައި…" މިއީ މިހައިރަކަށް އައިސް މަދުމަދުން ނަމަވެސް އަޅުގަނޑަށް އިވޭ ބައެއް ޢިބާރާތުގެ ފެށުމެވެ. އަދި އެއީ ބިދޭސީ ކޮންމެވެސް ބަހަކުން، އަދި ވަކީން ޚާއްޞަކޮށް އިނގިރޭސިބަހުން ވަރަށް ފަސޭހައިން ބުނެލެވޭ "ޒަމާނީ ތަޢުލީމުގެ ޢިލްމީ" ވަރަށް ގިނަ ޢިބާރާތުގެ ފުރިހަމަ މާނަ ދިވެހި ކަންފަތްތަކަށް ފަސޭހައިން ދޭހަވާނޭ ގޮތަކަށް ނުގެނެވޭނެޔާ ބުނެއުޅޭ ބައެއް މީހުންގެ އަތްމަތީ ހަތިޔާރެއް ކަހަލައެވެ. ހިތާމަހުއްޓެވެ!

ދަންނަވަންތޯއެވެ! ދިވެހިބަހަކީ ބަހުގެ އުފަން ވަޒަން ކަމުގައިވާ މި ހަންހާރަވެތި ދިވެހިރާއްޖޭގައި އަންދުހުއްސުރެ ބޭނުންކުރެވެމުން އަންނަ މާދަރީ ބަހެވެ. އަޅުގަނޑުމެންގެ މި ވެށީގައި ދިވެހީން ބަނޑުފުރާނަ މުއްތިކޮށް، އުނުއަނދެ، ބޯހިޔާކޮށްގެން އުޅުމުގައި އެކަކު އަނެކަކާ މުޢާމަލާތްކުރުމުގައި ދޫފަސޭހަކަމާ އެކު ބޭނުންކުރަމުން އައި ހަތިޔާރެވެ. އަދި ކިއެއްތަ، ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް އެކަނި ކިރިޔަކިރިޔާ ފުއްދައިލައިގެން ނުތިބެ، ދިރިއުޅުމުގެ ތަފާތު އެކި މުހުތާދުތައް ފުއްދުމުގައި ފަސޭހަކަމާއި ތަނަވަސްކަން ހޯދައި، އެކި ތަންތަނަށް ދަތުރުފަތުރުކޮށް، ވިޔަފާރިކޮށް ހެދުމުގައި ފުދުންތެރިކަމާއި ދޫފަސޭހަކަމާއެކު ބޭނުންކުރަމުން އައިސްފައިވާ މަދަދުވެރިޔާ ވެސް މެއެވެ.

ކަން މި ދެންނެވި ބީދައިން ހިނގަހިނގައި އޮއްވައި، ބޭރުން އެ އައި އެއްޗެއް އައިސް، އެހައިތަނަށް ނުލާހިކު ހިތްފަސޭހަކަމާ އެކު ދިވެހި އުޑުގައި އުދުހިއުދުހި އުޅުނު ބައެއް ދޫނީގެ ބޭރުފުށުގެ ސިފަ ރޭރަށް ބަދަލުވެ، ބަޔަކު ގޮވައިލި ހޯކަކަށް ސިހިގެން ބިންމައްޗަށް ވެރޭ ގޮތް ވުމަކީ ދިވެހިބަހުގެ މައްސަލަޔެއް ކަމަށް ދައްކާން އުޅޭ ބަޔަކު އަޅުގަނޑުމެންގެ ތެރެޔަށް އައުމަކީ ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އުފެދުކީ އެ ކުށުގެ ޖޫރިމަނާ ދެއްކުމުގެ މަސްއޫލިއްޔަތު ދިވެހިބަހުގެ ބޮލުގައި ނުކިއްސަރު ބީދަޔަކުން އަޅުވައިގެން ފުދޭން އޮތް ކަމެއް ވެސް ނުމެ ނޫންމެއެވެ.

އަޅުގަނޑަކީ ވޭސް ބޭރު ބަސްބަހުން ކުޑައިކޮށް ވާހަކަދައްކައިލެވޭ މީހަކަށް ވާތީ، އަދި އިނގިރޭސިބަސް ވެސް މިދެންނެވި ބަސްތަކުގެ ތެރޭގައި ހިމަނާން ކަމަށް އުޅޭ މީހަކަށް ވާތީ، އިނގިރޭސި ބަހުން ބުނެވިދާނޭ ދެ ޖުމުލައެއް މިތާނގައި ލިޔެލައި، އެއިން ކޮންމެ ޖުމުލައެއްގެ "ޒަމާނީ" މާނަޔާއި، އަޅުގަނޑުމެން ކަހަލަ މީހަކު އެ ދެ ޖުމުލަ ދިވެހިބަހަށް ގެންނާން އުޅުނީމައި ވާ ގޮތް މިތާނގައި ދަންނަވައިލާން ކަމަށެވެ! ދެން އެޔަށްފަހު، އެ ދެ ޖުމުލައިގެ ތަރުޖަމާގެ މަގުން އަޅުގަނޑު ހުށައަޅާ ދެ ގޮތުން ކުރެ ހެއުމަގެއް ކަމަށް ފެނިވަޑައިގަންނަވާ މަގެއް އިޚްތިޔާރުކުރައްވާނީ ތިޔަބޭފުޅުން، އެހެން ނޫންތޯއެވެ!

ފުރަތަމަ ޢިބާރާތް

Unless you prime him well ahead of time for the task at hand, he will still remain ineffectual in conducting these transactions with state dignitaries.

ތަރުޖަމާ 1:

ކަލޭ، މިހާރު ކުރިމަތިވެފަ އޮތް މަސައްކަތަށް އޭނާ ވަގުތުގެ މާ ކުރިން ޕްރައިމް ނުކޮށްފިއްޔާ، އޭނާ އަދިވެސް ހުންނާނީ ދައުލަތުގެ ބޮޑުމީހުންނާ އެކީ މި ޑީލްތައް ހެދުމުގައި ނަތީޖާ ނުނެރެވޭނެ ގޮތުގައެވެ.

ތަރުޖަމާ 2:

މިހައިރު ކުރިމަތީގައި މިއޮތް ކަންތަކަށް ކަލޭ އޭނާ ދުރާލައި ތައްޔާރު ނުކޮށްފިއްޔާ، އޭނާ ދެންވެސް ދެމިހުންނާނީ ދައުލަތުގެ ކަމުވޮށިގެންވާ މީހުންނާ މުޢާމަލާތްކުރުމުގައި ކަމުފޮޅާ ޙާލަތެއްގައެއް ނޫނެވެ.

ދެވަނަ ޢިބާރާތް

The troops need to be mobilized in an appropriate manner before the assault on the city commences.

ތަރުޖަމާ 1:

ރަށަށް ދޭ ހަމަލާ ފެށުމުގެ ކުރިން ކަމާ ގުޅޭ ގޮތަކަށް ސިފައިން މޮބިލައިޒްކޮށް ތައްޔާރުކުރަން ޖެހޭނެއެވެ.

ތަރުޖަމާ 2:

ރަށަށް ޙަމަލަދޭން ފެށުމުގެ ކުރީން ފައުޖުތައް އެކަށީގެންވާ ގޮތަކަށް ރުކުރުވައިލާން ޖެހޭނެއެވެ.

ދެން މި ހިސާބަށް މި ވާހަކަ ދަންނަވައިފައި، ދެން އޮތީ އަޅުގަނޑުގެ އާދޭހެކެވެ. އެއީ، ބަޔަކު މީހުން އަދި ކޮންމެ އެއްޗެއް ކިޔަސް، ދެންމެ އިނިގިރޭސިބަހުން މި ދެންނެވި ދެ ޢިބާރާތުން ކުރެ ކޮންމެ ޢިބާރާތެއްގެ ތަރުޖަމާޔަށް ބައްލަވައި، ފިކުރުފުޅު ހިންގަވައިލައްވައި، ބޭރު ބަހެއް ޢަމުދުން ނޭނގޭ ދިވެއްސަކަށް ވެސް ފަހުމުވާނީ ކޮން ބާވަތެއްގެ ތަރުޖަމާއެއްތޯ ނިންމަވައި، "މި ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނޭ ލަފުޒުތަކެއް ދިވެހިބަހުގައި ނެތީމައި…" މިއީ ތިޔަބޭފުޅުން ވިދާޅުވާ ހަމަ އެއްވެސް ޖުމުލައެއްގެ ފެށުމަށް ހަމަ އެއްގޮތަކަށް ވެސް ނުހައްދަވައި، އަޅުގަނޑުމެން އެންމެންގެ ޢިއްޒަތާއި ޝަރަފާއި ފަޚުރު ކަމުގައިވާ ދިވެހިބަހުގައި ފިސާރި ރަނގަޅަށް ހިފަހައްޓަވައިގެން ތިއްބެވި ދިވެހި މުޥާޠިނުން ކަމުގައި ވެވަޑައިގެންދެއްވާށޭއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
23

One Response

  1. ސާބަހޭ 100 އިގެ ލިޔުއްވުމެއް. ދިވެހިބަހަށް ހެޔޮއެދެންޏާ މަޢުލޫމާތުފަތުރާ ވަޞީލަތްތައް (ހުރިހާ ޓީވީ، ހުރިހާ ނޫސްތައް، ހުރިހާ ރޭޑިއޯ) ތަކަށް ބަހަށް އިސްކަންދީ އެތަންތާނގެ ބަސްމަގު އަދި ބަސްކޮށާރު ހިނގާނުހިނގާގޮތް ބެލޭނެ ދަޢުލަތުގެ މުއައްސަސާއެއް ހުންނަންވީ. އެކަޑަމީއަކަށް އެކަމެއްނުވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *