ތިރީގައި އެވަނީ އިޖުތިމާއީ އިލްމުގެ އިލްމުވެރިއެއް ކަމުގައިވާ ސުވީޑަންގެ ޕިޔަރ ޔޯހަންސަންގެ މަޒުމޫނެކެވެ. އޭނައަކީ ސުވީޑަންގެ ސްޓޮކްހޯމް ޔުނިވަރސިޓީގައި އިޖުތިމާއީ އިލްމު ކިޔަވައިދެއްވި ބޭކަލެކެވެ. ވަޒީފާއިން މުސްކުޅިކުރެވި، ކިޔަވައި ދިނުމާ ދުރަށް ދެވުމުން، 'އުމުރުގެ ފަހު ފަންސަވީސް އަހަރު’، މި މައިގަނޑު ސުރުޚީގެ ދަށުގައި ތިރީގައި އެވާ ލިޔުން ލިޔުނެވެ.
"އިއްޔެ އަހަރެން ހުރީ ކުޑަކުޑަ ކުއްޖެއްގެ ގޮތުގައެވެ. މިއަދު އަހަރެންގެ ނަފްސާ ސުއާލު އެބަ ކުރަމެވެ. 'އަހަރެންގެ އުމުރުގެ އެ ދުވަސްތައް ފާއިތުވެ ދިޔައީ ކިހިނެއް ބާވައެވެ؟ ޝައްކެއް ނެތެވެ. ދިރިއުޅެ، އެ އަހަރުތައް އަހަރެން ހޭދަކޮށްލީމުއެވެ. އަހަރެން ކުރި އުއްމީދުތަކާއި ދުށް ހުވަފެންތަކުގެ ތަންތަން ކޮޅު އަހަރެންގެ ހަނދާނުގައި ހަރުލާފައި އަދިވެސް އެބަ ހުއްޓެވެ. ނަމަވެސް، ހަމަ ކުއްލިއަކަށް، އަހަރެންގެ ސަމާލުކަމަށް އައީ މިހާރު އަހަރެން ދިރިއުޅެމުން މި ދަނީ އަހަރެންގެ އުމުރުގެ ފަހު ފަންސަވީސް އަހަރު ކަމެވެ. ދެން ވެސް އަހަރެންގެ ނަފްސާ އަހަރެން ސުއާލުކުރަމުން ދިޔައީމެވެ:
އަހަރެންގެ އުމުރުގެ އެ ހުރިހާ އަހަރުތަކެއް ދިޔައީ ކޮންތާކަށް ބާވައެވެ؟
އަހަރެންގެ ޝަބާބުގެ ދުވަސް ވަރު، އަހެންގެ ޒުވާންކަން، އަހަންނާ ވަކިވެ ދިޔައީ ކޮން އިރަކު، އަދި ކޮންތާކަށް ހެއްޔެވެ؟
އުމުރުން ދުވަސްވީ އެތައް މީހަކާ، ބައްދަލުވެ، ދެނެގަތުމުގެ ނަސީބު، އަހަންނަށް އަހަރެންގެ ޒުވާން ދުވަސް ވަރު، ލިބުނެވެ. އެ މީސްމީހުން ބުނެ އެ ސިފަކޮށްދިން މުސްކުޅިކަމާއި މުސްކުޅިކަމުގެ ދުވަސްވަރަކީ، އަހަންނަށް ހީވި ގޮތުގައި، އަހަންނާ ވަރަށް ވެސް ދުރުގައި އޮތް ދުވަސްވަރެކެވެ.
އެއީ އެއިރު އަހަރެން އުޅެމުން ދިޔައީ އަހަރެންގެ ހަޔާތުގެ އުމުރުގު ދަތުރުގެ ފުރަތަމަ ފަންސަވީހުގެ ތެރޭގައެވެ. އެހެންވެ، ހަޔާތުގެ ފަހު، ނޫނީ، ހަތަރު ވަނަ ފަންސަވީހުގެ ދުވަސްތަކަކީ އަހަންނާ ވަރަށް ވެސް ދުރުގައިވާ ދުވަސްވަރެއް ކަމެވެ. އަދި، އެހެންވެ، ހަޔާތުގެ އެ މަރުހަލާ އައުމުން، އެ މަރުހަލާގެ ދުވަސްތައް އޮންނާނީ ކިހިނެއް ކަމެއް އަހަރެންގެ ޚިޔާލަށް ގެނެވޭ ގޮތެއް ނުވެއެވެ.
ނަމަވެސް، އަހަރެންގެ ހަޔާތުގެ ފަހު ފަންސަވީހުގެ މަރުހަލާ މި އޮތީ ލައިގެންފައެވެ. އެ މަރުހަލާ އައިސް އަހަރެންގެ ހަޔާތުގެ ދޮރު މައްޗަށް ހުއްޓި، އެ ދޮރު ހުރަސްކޮށް ގެއަށް ވަދެ، އަހަރެންގެ ޒުވާންކަން އަހަރެންގެ ކިބައިން ނިގުޅައިގެންފިއެވެ. ދެން، އަހަންނަށް ފާހަގަކުރެވުނީ އަހަރެންގެ ރަހުމަތްތެރިން ވެސް ވަޒީފާއިން މުސްކުޅި ކުރެވި، އެމީހުން ވެސް މުސްކުޅިންނަށް ވެއްޖެ ކަމެވެ. އަދި، އެ ރަހުމަތްތެރިންނަށް ހިނގައި ހަރަކާތްތެރި ވެސް ވެވެނީ ލަސްލަހުންކަމާއި އަޑު އިވެނީ އުނދުގުލުންކަމާއި އެއްޗެހި ވިސްނި ފަހުމުވަނީ އުނދަގުލުން ކަމެވެ. އެ ރަހުމަތްތެރިންގެ ތެރެއިން ބައެއް މީހުންގެ ހާލަތު އަހަރެންގެ ހާލަތަށް ވުރެ ރަނގަޅެވެ. އަދި އަނެއް ބައި މީހުންގެ ހާލަތު އަހަރެންގެ ހާލަތަށް ވުރެ ވެސް މާ ގޯހެވެ. ކޮންމެ ހެނެއް ވިޔަސް، އަހަންނަށް ފެނިގެން ދަނީ އެމީހުންގެ ހާލަތަށް އައިސްފައިވާ ބޮޑު ބަދަލެވެ. މިހާރު އެމީހުންނީ މާޒީގައި އަހަންނަށް ފެނި އެނގި އަހަރެންގެ ހަނދާނުގައި ހަރުލާފައިވާ މީހުން ނޫން ކަމެވެ.
އާދެ، މިހާރު އަހަރުމެންނަކީ ހަމަ އެ މީހުންނެވެ. ދުވަސްވެ، މުސްކުޅިވެ، ގައި ބާރު ދެރަވެފައިވާ މީހުންނެވެ. ކުރިން އަހަރުމެން ދުށުން އާދަވެފައި، އަދި، ދުވަހެއްގައި ވެސް، އެ މީހުންގެ ހާލަތަށް އަހަރުމެން ނުދާނޭކަމަށް ބެލެވުނު މީހުންނެވެ!
އަދުގައި އަހަރެންގެ ހާލަތަކީ ހެއްޔެވެ؟ މިހާރު، ހަމައެކަނި ފެންވަރާލުން ވެސް އެއީ ހަގީގަތަކަށް ހަދާލެވިދާނޭ ކަމެއްކަމަށް ދެކެމެވެ. މެންދުރު ވަގުތުގައި ނިދާލުމަކީ މިހާރު އިޚްތިޔާރުގައި އޮންނަ ކަމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސު މަޖުބޫރުކުރުވާ ކަމެކެވެ. ނަފަސްު އެދޭ ގޮތަށް އެކަން ނުކޮށްފި ނަމަ، ދެން، އަހަރެން ކޮންމެ ތަނެއްގައި އިށީނދެ ލިޔަސް، ލޯ މެރޭ ގޮތް ވެއެވެ.
އާދެ، މިފަދަ ގޮތެއްގައި އަހަރެންގެ ހަޔާތުގެ މުޅިން އާ މޫސުމަކާ އަހަރެން ކުރިމަތިލާން ޖެހިއްޖެއެވެ. އެ މޫސުން ކުރިމަތި ކުރުވާ ވޭންތަކާއި ރިހުންތައް، އަހަރެން އެދޭ ކުރާ ހިތްވާ، ކުރަން ބޭނުން، ކަންކަަމުގެ ކުޅަދާނަކަމުން މަހުރޫމުވެ، އެކަންކަން އެއްގޮތަކަށް ވެސް ނުކުރެވޭ މޫސުމެވެ. މާޒީއަށް ވިސްނާލުމުން، މިވެނި އެވެނި ކަމެއް ނުކުރެވުނު ނަމައޭ ހިތަށް އަރައި އެކަންކަން ކުރެވުނު ކަމަށްޓަކައި ހިތާމަ ކުރާ މޫސުމެވެ. މިވެނި އެވެނި ކަމެއް ނުކުރެވޭކަން އެނގި، އެކަންކަން ކުރެވުނު ނަމައޭ ހިތަށް އަރައި އެކަމާ ވެސް ހިތާމަ ކުރާ މޫސުމެވެ. އެހެންވެސް، ވަރަށް ގިނަ އެހެން ކަންކަން ވެސް، ހަޔާތުގެ މާޒީގެ ދުވަސް ވަރު، އެކަންކަން ކުރެވުނީތީވެ، އުފާކުރާ ކަންކަން ވެސް އެބަ ހުއްޓެވެ.
އެހެންވީމާ، ހަޔާތުގެ ފަހު ފަންސަވީހުގެ މަރުހަލާއާ އަދި ކުރިމަތިލާން ނުޖެހި ތިބި މީހުން ގާތު އަހަރެން ބުނެލަން ބޭނުންވާ ވާހަކައެއް އެބަ އޮތެވެ. އެންމެ ފުރަތަމަ ވާހަކައަކީ ހިވެސް ނުކޮށް، ނުވެސް އެނގި، ހުއްޓައި އެ މަރުހަލާ އައިސް ކަލޭމެންނާ ވެސް ބައްދަލުކުރާނޭ ކަމުގެ ވާހަކައެވެ. އެވާހަކަ ކަލޭމެން ގާތު އަހަރެން ބުނެ ލުމުގެ އިޒުނަ އަހަންނަށް ދޭށެވެ. އެހެންވީމައި، ކަލޭމެން ކުރަން ބޭނުން ކަންކަން، ވީހާ ވެސް އަވަހަކަށް، ކަލޭމެންގެ ހަޔާތުގެ ރަބީއު މޫސުމުގައި، އެކަންކަން ކޮށް ނިންމާށެވެ. އެންމެ ރަނގަޅު ގޮތުގައި އަދުގެ ދުވަސްތައް ހޭދަކުރާށެވެ. އަދުގައި އުފާވެރިކަންމަތީ އުޅެވޭތޯ ބަލާށެވެ. އެ އުފާވެރިކަން ގެނެސްދޭ ކަންކަން އަދުގައި ކުރާށެވެ. އުފާވެރިވެ، އުފަލުގައި، އަދު، ހުންނާށެވެ! އަދި، އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ: ހަގީގީ ރައުސްމާލަކީ، މުއްސަނދިކަމަކީ، ރަނގަޅު ސިއްހަތެއް ލިބިފައި އޮތުމެވެ. ރަނާއި ރިހީގެ ފައިސަ ފޮތިތަކާއި އަގު ބޮޑު ޖަވާހިރުތަކާއި ބޮޑެތި ގަނޑުވަރުތަކެއް ނޫނެވެ. އަދި، މިނަންގަންނަ ކަންތައް މަތިން ވެސް ހަނދާންކޮށްލާށެވެ:
1. ގެއިން ނިކުތުމަކީ ހަމަ ރަނގަޅު ކަމެކެވެ. ނަމަވެސް، ގެއަށް އެނބުރި އައުން އެއަށް ވުރެވެސް ރަނގަޅެވެ.
2. ބައެއް ނަންނަން މަތިން ހަނދާން ނެތޭނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެނީ ބައެއް މީސްމީހުން، އެންމެ ކުޑަވެގެން، ކަލެއަށް އެ މީހުން އެނގޭނޭކަމުގެ ހަނދާން ވެސް ނުހުންނާނެއެވެ.
3. މިހާރު ކުރަން އާދަވެފައިވާ ބައެއް ކަންކަމީ މާ މުހިއްމު ކަންކަން ކަމުގައި، ފަހުން ނުވާނެއެވެ.
4. ޓީވީ ބަލަން، ސޯފާ މަތީގައި އިނދެ ވެސް، އަދި ގޮނޑި ގޮނޑީގައި އިނދެވެސް، ނިދި ޖެހޭނެއެވެ. އަދި، އެނދުމަތީގައި ނިދުމަށް ވުރެ، އެ ތަންތަނުގައި އިނދެ ނިދުން މާ އަރާމު ވެސް ވެދާނެއެވެ.
5. ވާހަކަ ދެއްކުމުގައި، އާނއެކޭ، ނޫނެކޭ، ކީކޭހޭ، ކޮން އިރަކުންހޭ، ފަދަ، ކުރު ޖުމްލަތައް ބޭނުން ކުރުން އާދަވާނެއެވެ.
6. ހެދުން އަލާމާރީގައި ހުރި ހެދުންތަކުގެ މައްޗަށް ވެސް ހިތާމަކުރާނެއެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ހެދުން ނުލާނެއެވެ.
7. އިހުގެ އެއްޗިއްސާއި ކަންކަމުގެ އަގު ވަޒަން ކުރެވޭނެއެވެ. އިހުނާ އަޅާ ކިޔާ އިރު، މާ ބޮޑަށް ވެސް މެއެވެ. އިހުގެ ލަވަތަކާއި އިހުގެ ފިލްމުތަކެވެ. އެއްޒަމާނެއްގައި މީރުވި އިހުގެ ކެއުންތަކެވެ. މެދުކެނޑުމެއް ނެތި، އެ މީހުންނާ ގުޅުން ދެމިގެން ދިޔަ އިހުގެ ވެސް އަދުގެ ވެސް ރަހުމަތްތެރިންނެވެ.
ކޮންމެއަކަސް ހަނދާން ކޮށްލުން މުހިއްމު ހަގީގަތަކީ އަހަރުމެންގެ ހަޔާތަށް، އުމުރުގެ ދުވަސްތަކަށް އިތުރު ވަތުގުތަކެއް ގެނައުމަކީ މުސްތަހީލުކަމެކެވެ. ނަމަވެސް، ބާކީ އޮތް އަހަރުމެންގެ ވަގުތުތަކަށް، 'ހަޔާތް’، އެބަހީ، ދިރުން ގެނެވިދާނެއެވެ!
