Support Us

ޖުހާއާއި މަނިކުބޭގެ ހާސަރެއް: ނަމާދުގެ ވަގުތު ކަނޑައެޅުމާއި އަދިވެސް އެހެން ވާހަކައެއް

މަނިކުބޭ: ޖުހާއެވެ! ވަރަށް ބޮޑު ސުއާލެއް އެބަ އޮތެވެ؟

ޖުހާ: ބުނެ ބަލާށެވެ! އެއަށް ރަނގަޅު ޖަވާބެއް ދޭން އެނގޭ ކަމަށް ވަންޏާ ޖަވާބެއް ދޭނަމެވެ.

މަނިކުބޭ: އިސްލާމް ދީނުގައި ނަމާދުގެ ވަގުތު ކަނޑައަޅަނީ ކިހިނެއް ހެއްޔެވެ؟

ޖުހާ: މިހާރު ތިކަންތައް ކުރަނީ ފަލަކީ ހިސާބަށް ބުރަވެގެން ނޫން ހެއްޔެވެ؟ އަޑު އިވެނީ މުސްލިމު ހުރިހާ ގައުމުތަކުގައި ވެސް އެކަން އޮތީ އެހެން ކަމެވެ.

މަނިކުބޭ: އިހުގައި ވެސް އެކަން އޮތީ ހަމަ އެހެން ހެއްޔެވެ؟

ޖުހާ: ހިޔެއް ނުވެއެވެ. އޭރު ގަޑިތައް ކަނޑައެޅުން މިހާރާ ތަފާތުވާނެ ނޫން ހެއްޔެވެ؟ މިހާރު އަހަރުމެން އަތުގައި ހުރި ވަސީލަތްތަކެއް އޭރަކު ލިބިފައެއް ނޯންނާނެ ނޫން ހެއްޔެވެ؟ އެހެންވެ، ނަމާދުގެ ވަގުތުތައް އޭރު ކަނޑައެޅުމަށް ދެވިފައިވާ ނަބަވީ އިރުޝާދުގެ މަތިން އެކަން ކުރެވުނެވެ.

މަނިކުބޭ: އެއީ ކިހިނެއް ހެއްޔެވެ؟

ޖުހާ: އިރުގެ ދައުރުވުމާއި އަދި އެކަމާ ގުޅިގެން ހިޔަންޏަށް އަންނަ ބަދަލުތައް ބަލައި އެކަމަށް އިއުތިމާދު ވެގެންނެވެ. މިސާލަކަށް ފަތިސް ނަމާދުގެ ވަގުތު ވަނީ ފަޖުރުއް ސާދިގުގެ އަލިކަން ފައުޅުވުމުންނެވެ. އެއީ ރޭގަނޑުގެ އަނިދިރީގެ ތެރެއިން ފަތިހުގެ އަލިކަން ފެތުރިފައި ހުންނަ މަންޒަރު ފެންނަން ފެށުމުގެ ވަގުތެވެ. ފަޖުރުއް ސާދިގޭ ކިޔަނީ އެ ވަގުތުގެ ކުރިން ފަޖުރުލް ކާޒިބެއް ވެސް އޮންނާތީއެވެ. އެއީ އެ އަލިކަން ނިގުލެއްހެން ދެމިފައި އޮންނަ އޮތުން ފެންނަ ވަގުތެވެ. ދެން ފަތިހުގެ ވަގުތު ނިމެނީ އިރު އަރަން ފެށުމުންނެވެ. މެންދުރު ވަގުތު ޖެހެނީ އިރު މެދު ޖެހުމުންނެވެ. މިކަން އެނގެނީ އެއްޗެއްގެ ހިޔަނި އެ އެއްޗެއްގެ ދަށަށް އައިސް ގެއްލޭގޮތް ވުމެވެ. ދެން، މެންދުރު ވަގުތު ދަނީ އަސުރު ވަގުތު ލައިގަތުމުންނެވެ. އެ ވަގުތު ލައިގަންނަނީ އެއްޗެއްގެ ހިޔަނި އެ އެއްޗެއްގެ ދެގުނައަށް ދިގުވުމުންނެވެ. އަސުރު ވަގުތު ނިމެނީ އިރު އޮއްސި، މަޣުރިބުގެ ވަގުތު ޖެހުމުންނެވެ. މަޣުރިބުގެ ވަގުތު ނިމެނީ އިޝާ ވަގުތު ޖެހުމުންނެވެ. އެއީ ރަތްވިލާ އޮބި ދިޔުމުންނެވެ.

މި ނަންގަތް ވަގުތުތައް އެއީ ލޮލުން ފެނިގެން ދެނެގަނެވޭ ކަންކަމެވެ. އިހުގައި އެކަން ކުރީ ވެސް ހަމަ އެ ގޮތަށެވެ. ލޮލުން ދެނެގަނެގެންނެވެ. ނަބަވީ ހަދީސްތަކުގެ އިރުޝާދުގައި ވެސް އޮތީ ހަމަ އެފަދައިންނެވެ. މިކަން ކަން ދެނެގަތުމަށްޓަކައި، އަދި ވަކީން ޚާއްސަކޮށް މެންދުރު ނަމާދާއި އަސުރު ނަމާދުގެ ވަގުތު ދެނެގަތުމަށްޓަކައި، މިސްކިތްތަކުގައި ދިގަށް ދަނޑިކޮޅެއް ހަރުކޮށްފައި ބެހެއްޓިފައި ހުރެއެވެ. އަދި، އެ ދަނޑިކޮޅުގެ ހިޔަންޏަށް ބަލައި އެ ނަމާދުތަކުގެ ވަގުތު ކަނޑައެޅެއެވެ.

މަނިކުބޭ: މިސްކިތްތަކަކުން މިހާރު އެ ދަނޑިކޮޅެއް ނުފެނޭނޫން ހެއްޔެވެ؟

ޖުހާ: ރަނގަޅު ވާހަކައެކެވެ. މިހާރު އެ ދަނޑިކޮޅުގެ ބޭނުމެއް ނޯވެއެވެ. މިހާރު އެކަން ކަނޑައެޅުމުގެ ގޮތް މުޅިން ބަދަލުވެއްޖެއެވެ. އިރާއި ހަނދާއި ތަރިތަކާއި ދުނިޔޭގެ ދައުރު ވުން ވެސް މިހާރު ކަނޑައަޅާލަނީ ފަލަކީ ހިސާބުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ!

މަނިކުބޭ: އެންމެ ރަނގަޅެވެ. ނަމާދުގެ ވަގުތުތައް ކަނޑައެޅުމުގެ ގޮތް ހަދީސްތަކުގައި ވަކި ގޮތަކަށް އޮވެފައި، މިހާރު ހިސާބު އިލްމުގެ އަލީގައި އެކަން ކުރުން އެންމެ ރަނގަޅުވާ ނަމަ، ރޯދަ މަސް ފެށުމުގެ ހަނދާއި ޝައްވާލު މަސް ފެށުމުގެ ހަނދު، ފަލަކީ ހިސާބުގެ އަލީގައި ކަނޑައެޅިދާނެ ހެއްޔެވެ؟

ޖުހާ: ތިކަމުގައި ދެ ގޮތަކަށް ވާހަކަ ދައްކައެވެ. އެއްބަޔަކު ބުނަނީ އެކަން ކުރަން ޖެހޭނީ ނަބަވީ ހަދީސްގައި އޮތް ގޮތަށް ކަމަށެވެ. މިއީ ގިނަ މީހުން ދެކޭ ގޮތް ކަމަށް ވެސް ވެދާނެއެވެ. އަނެއް ބަޔަކު ބުނަނީ، ނަމާދު ވަގުތުތައް ވެސް ކަނޑައަޅާ ގޮތަށް، އެކަން ވެސް ހިސާބު އިލްމުގެ އަލީގައި ކަނޑައެޅިދާނޭ ކަމެވެ.

މަނިކުބޭ: ތިކަމާ ބެހޭ އިތުރު ތަފްސީލެއް ބުނެދެވިދާނެ ހެއްޔެވެ؟

ޖުހާ: ރޯދަމަހުގެ ހަނދާއި އަދި ޝައްވާލު މަހުގެ ހަނދު ކަނޑައަޅަން ޖެހޭނީ ނަބަވީ ހަދީސްގެ އިރުޝާދުގައި އޮތް ގޮތަށޭ ބުނާ މީހުންގެ ހެއްކަކީ މި ހަދީސެވެ. صوموا لرؤيتكم وأفطروا لرؤيتكم… ހަނދު ފެނުމުން ކަލޭމެން ރޯދަ ހިފާށެވެ. އަދި، ހަނދު ފެނުމުން ކަލޭމެން ރޯދަ ދޫކޮށްލާށެވެ. މާނައަކީ ރޯދަ މަސް ނިމުނީ ކަމުގައި ބަލައި އީދުކިޔާށެވެ.

މި ހަދީސް އެހެން ބައެއް އިބާރާތުން ވެސް ވާރިދުވެފައި އޮވެއެވެ. މިއިން ދޭހަވާ ކަމެއް ވެސް އެބަ އޮތެވެ. އެއީ މި ހަދީސްތަކުގެ މާނަ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް ނިސްބަތް ކުރެވުނަސް، އެ ހަދީސްގެ މުޅި އިބާރަތަކީ އެކަލޭގެފާނުންގެ ބަސްފުޅެއް ނޫންކަމެވެ.

ކޮންމެއަކަސް، މަތީގައި އޮތް އިބާރާތުގެ މާނައާ މެދު އިތުރަށް ބަލައިލަމާހެއްޔެވެ؟ މަތީގައި ނަންގަނެވުނު ހަދީސް މައްޗަށް ބުރަވެ، ރޯދަމަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުވާނީ ހަމަ ލޮލަށް ފެނިގެން ކަމަށް ބުނާ މީހުން، އެ ހަދީސްގައި އޮތް رؤية- ފެނުން- މާނަކުރަނީ ހަމަ ލޮލުގެ ފެނުމަށެވެ.

ނަމަވެސް، ނަމާދުގެ ވަގުތުތައް ވެސް ފަލަކީ ހިސާބުގެ އަލީގައި ކަނޑައެޅުން ރަނގަޅުވާ ފަދައިން، ހަނދުލެއްވުން ވެސް ފަލަކީ ހިސާބުގެ އަލީގައި ކަނޑައެޅުން ހުއްދަ ކުރާ މީހުން އެ ލަފްޒު، އާދެ، 'ރުއުޔާ' މާނަކުރަނީ އެހެން ގޮތަކަށެވެ. އަރަބި ބަހުގައި މި ލަފްޒުގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ ލޮލަށް ފެނުމެވެ. އަނެއް މާނައަކީ ހިތަށް ފެނުމެވެ. މާނައަކީ އެކަން ރަނގަޅަށް ވިސްނި، ފަހުމްވުމެވެ. ނަމާދުގެ ވަގުތުތައް ވެސް، އެއްވެސް، ޝައްކެއް ނެތް ގޮތެއްގައި ފަލަކީ ހިސާބުގެ އަލީގައި ކަނޑައަޅާލާހެން، ފަލަކީ ހިސާބުގެ އިލްމުގެ އަލީގައި ހަނދު ލެއްވުން ވެސް އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ކަނޑައަޅައި ހަނދު ސާބިތުވާކަން އިއުލާނުކުރުމެވެ.

މަނިކުބޭ: ސާފުވެއްޖެއެވެ! ދެން، އެހެން ކަމަށް ވެއްޖިއްޔާ، އެއްކަމެއް ވަކި ގޮތަކަށް ކުރުން ރަނގަޅުވެފައި ހަމަ އެ ގޮތަށް އެހެން ކަމެއް ކުރީމާ ގޯސް ވަނީ ކީއްވެ ހެއްޔެވެ؟

ޖުހާ: ތީގެ ޖަވާބު ސާފު ސީދާކޮށް ބުނެދޭކަށް މަށަކަށް ނޭނގެއެވެ. އެއްބައި ފަހަރު އެކަން ގުޅެނީ ކަމުގެ އަސްލާއި މަގުސަދު އެކައްޗަކަށް ވުމެވެ. ނޫނީ ވަސީލަތަކީ ޣާޔަތަށް ވުމެވެ. އެހެން ވުމުން، ހަމައެކަނި ބޭރު ފުށުގެ ލަފްޒީ މާނައަށް ރިއާޔަތްކޮށް ހުކުމްތައް ކަނޑައަޅާލުމެވެ. މިސާލަކަށް، ކުއްތާއެއް ކަލޭމެންގެ ކަންވާރެއްގައި ދޫލައިފި ނަމަ، ހަތް ފަހަރު ފެނުން، އެއް ފަހަރު ވެލިން ދޮންނަން އޮތް ނަބަވީ އިރުޝާދެއް އޮވޭ ނޫން ހެއްޔެވެ؟ މިހާރު ވެސް އެފަދަ ކަންވާރެއް، ތަށިތަށި، ދޮންނަން ޖެހޭނީ ހަމަ އެ ނަބަވީ އިރުޝާދުގެ ލަފްޒީ މާނައަށް ރިއާޔަތްކޮށްގެން ކަމަށް ބުނާ މީހުން އުޅެއެވެ. ނަމަވެސް، އިމާމު އަބޫ ހަނީފާ ވިދާޅުވެފައި އޮންނަ ފަދައިން، އެ ފަދަ ކަންވާރެއް، އެއް ފަހަރު ދޮވުނަސް ފުދޭނެއެވެ. އިމާމު އަބޫ ހަނީފާގެ ވިދާޅުވުން ބިނާ ވެފައި އޮތީ އެ ނަބަވީ ހަދީސްގެ މާނައަށް ރިއާޔަތްކުރައްވައިގެންނެވެ. އޭގެ މާނައަކީ ރަނގަޅަށް ދޮވުމެވެ. ދޮންނަ ކުނޑިއެއް ނޫނީ އެފަދަ އެހެން އެއްޗެއް ވެސް ލައިގެން ދޮވެ ސާފުކުރުމުން އެކަން ނިމި، އެ ހަދީސްގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރެވުނީއެވެ!

ދެން، މި ފަދަ މައްސަލައަކީ އެކަމުގެ ހައްލު އެންމެން އެދޭ ގޮތަށް ނިމުން ދުރު މައްސަލަތަކެވެ. ސަބަބަކީ ކަންކަމާ ދޭތެރޭ ގެންގުޅޭ ވިސްނުމުގެ ރޮނގުވަޅު އޮންނަ ގޮތެވެ. އެ މީހަކަށް ކަންކަން ފެންނާނީ ހަމައެކަނި އެމީހަކު ބަލާ ރޮނގުވަޅަކުން ނޫންތާއެވެ! އެހެން ގޮތް ގޮތަށް ވެސް މައްސަލަތަކާ ބެހޭ ގޮތުން ބަލަން ސިކުނޑިއަށް ތަމުރީނު ދެވި، ތިމާ ދެކޭ ގޮތް ދޫކޮށްލުން ރަނގަޅު ކަމަށް ފެނި، އެ ގޮތް ދޫކޮށްލެވޭ ނަމަ، މައްސަލަތަކުގެ ހައްލު ހޯދުން ގާތްވާނެއެވެ.