މަނިކުބޭ: ޖުހާއެވެ. ވަރަށް ވެސް އަޖައިބު ކަމަކާ މި ދޭތެރެއިން ދިމާވެއްޖެއެވެ؟
ޖުހާ: އަނެއްކާ ކޮންކަމެއް ހެއްޔެވެ؟
މަނިކުބޭ: އިހަށް ދުވަހު މިއައީ ވަރަށް އުތުރުގެ ރަށަކަށް ގޮސްލާފައެވެ. އެ ދިޔަ ރަށުން ދިމާވި ކަމެކެވެ.
ޖުހާ: އަދިވެސް، އެކަމެއްގެ ވާހަކަ ނުބުނެވޭ ނޫން ހެއްޔެވެ؟ އެ ރަށުން ދިމާވީ ކޮންކަމެއް ހެއްޔެވެ؟
މަނިކުބޭ: އެއްދުވަހު ފަތިސް ނަމާދުން ފައިބައިގެން، އެ ރަށު އަތިރިމަތިން ހިނގާލަން ދިޔައީމެވެ. އެހެން ހިނގަމުން ދަނިކޮށް ކުއްލިއަކަށް އަހަރެންގެ ރައްޓެހި އިބުރާހިމާ ދިމާވިއެވެ. އެ ވަގުތު އިބުރާހިމު ހުރީ އަރަމުން އަންނަ އިރާ ދިމާއަށް ބަލަހައްޓައިގެންނެވެ. މަ ހީކުރީ ރީތި މަންޒަރެއް ބަލާލައި ފޮޓޯއެއް ނަގައި ހިތްހަމަޖައްސާލަން ވެގެން އިބުރާހިމު އެތާ ހުރީ ކަމަށެވެ. ދެން، ސަލާން ގަލާންކޮށްލާނަމޭ ހިތާ އިބުރާހިމު ކައިރިއަށް ޖެހެލީމެވެ. ކައިރިއަށް ޖެހިލުމުން ދެން، އިވުނީ ކޮންމެ ވެސް ފަތިވަރެއް ކިޔަމުންދާ އަޑެވެ. އެ ފަތިވަރު ކިޔައި މޫނުގައި އަތް އެޅުމުން އިބުރާހިމާ ސަލާން ކޮށްލާފައި ހާލުއަހުވާލު އަހާލައިފައި، އިބުރާހިމަކީ ވެސް ގާތް ރައްޓެއްސެއް ކަމުން، އެކުރީ ކޮންކަމެއްތޯ އަހާލާ ހިތްވެގެން އޭނަ ކުރިން އަތިރިމަތީ ހުރެ، އިރާ ދިމާއަށް ބަލަހައްޓައިގެން ހުރެ ތިކިޔަނީ ކޮން ފަތިވެރެއްތޯ އެހީމެވެ. ދެން، އިބުރާހިމު ވަރަށް ސާފުކޮށް އެކުރި ކަމެއްގެ ވާހަކަ ބުންޏެވެ.
އިބުރާހިމު ބުނީ އޭނަ ފަންޑިތައެއް ކިޔަވާ ކަމެވެ. ދެން މަ އިބުރާހިމު ކުރެން އެހީ އެ ފަންޑިތައެއް ކިޔަވަނީ ކޮންކަމަކަށްތޯއެވެ. ބުނީމަ ބުނީ އެއީ ހުޅުމާލޭން ފުލެޓެއް ލިބޭތޯ ކިޔަވާ ފަންޑިތައެއް ކަމެވެ. ދެން، މަ ހައިރާން ވެގެން އެހީ ފުލެޓު ލިބުން އޮންނަނީ ފަންޑިތައާ ގުޅިފައިތޯއެވެ. ފުލެޓު ލިބެނީ ވަކި ޝަރުތުތަކެއް ހަމަވެ، ފުލެޓު ލިބުން ހައްގުވާ ނަމަ ނޫންހޭ ބުނީމެވެ. ބުނީމަ އިބުރާހިމު ބުނީ ތިކަން ވެސް އޮންނަނީ ހަމަ ތިޔަ ފަދައިން ވަރަށް ވެސް އިންސާފުވެރި ގޮތެއްގައެވެ. ނަމަވެސް، ބައެއް ފަހަރު، ފަންޑިތައިން ވެސް އެކަން ވާކަމެވެ. ރަނގަޅު މުޖައްރަބު ފަންޑިތައެއް ހަދާލެވިއްޖެ ނަމަ، ފުލެޓު ވެސް ލިބެއެވެ. ދުއާކޮށްގެން ތަގުދީރު ބަދަލުކޮށްލެވޭ ގޮތަށް، ފަންޑިތަ ހަދައިގެން ޝަރުތުތައް ފޫއަޅުވާލައިފައި ފުލެޓު ލިބޭ މީހުންގެ ލިސްޓުގެ ކުރިއަށް ފަންޑިތަ ކިޔަވާ މީހާގެ ނަން ޖައްސާލެވެއެވެ. އެންމެ އެހެން ބުނެފައި، އެކަމުގެ ހެކި ވެސް ދެއްކިއެވެ. އެ ރަށުން ކުރިން ވެސް އެ ގޮތަށް ފަންޑިތަ ކިޔަވައިގެން ފުލެޓު ލިބުނު މީހުން އުޅޭކަމުގެ ވާހަކަ ބުންޏެވެ. އެ މީހަކީ ރަށުގައި ރަޖިސްޓުރީވެގެން، މުޅިންހެން ރަށުގައި ދިރިއުޅޭ މީހެއްކަމާއި ރަށުގައި ގެދޮރު ހުރިކަމުގެ ވާހަކަ ވެސް ބުންޏެވެ. ނަމަވެސް، އޭނަގެ ފަންޑިތައިގެ ސަބަބުން އޭނަ އަތުގައި ފުލެޓުގެ ނަސީބު އައިސް ހިފައި ފުލެޓު ލިބުނީއެވެ. އެހެންވެ، އިބުރާހިމު ވެސް އެ މަސައްކަތް ފެއްޓީއެވެ.
ދެން، މަ ވެސް މިކަމުގެ އެދުން ހިތުގައި ހިނގައިގަނެ، އެ ފަންޑިތައިގެ އިތުރު ތަފްސީލަށް އެދުނީމެވެ. ފަންޑިތައިގައި ކިޔަން ޖެހެނީ ކޮން އެއްޗެއްތޯ އިބުރާހިމު ކުރެން މަ އެހީމެވެ. ދެން، އިބުރާހިމު ބުނީ، އިރުއަރާ ވަގުތު، އިރާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ހުޅުމާލޭގެ ފުލެޓު ހިތުގައި ކުރަހާލައި، އެ ފުލެޓަށް އިޝާރަތްކޮށް "تعال يا شقة"، މިހެން ތިން ފަހަރު ކިޔުމަށެވެ. . އަދި، ހަތަރު ވަނަ ފަހަރު، تعال يا شقة، وإن لم أستحق، إلى يدي، بدون مشقة."، މިހެން ކިޔައި މޫނުގައި އަތް ފިރުމާލުމެވެ.
ދެން، އަހަރެން ވެސް ވަރަށް އުފަލުން، އެކަން ކުރަން ނިންމައި، އަރަބި ކަލާމު ދަންނަ މީހެއް ކުރެން އެ ފަންޑިތައިގައި ކިޔާ އެއްޗެހީގެ މާނަ އަހާލީމެވެ. ދެން އޭނަ ބުނެދިނެވެ. "تعال يا شقة"، ގެ މާނައަކީ "އޭ ފުލެޓާއެވެ، އަންނާށެވެ!" އަދި، ހަތަރު ވަނަ ފަހަރު ކިޔާ، تعال يا شقة، وإن لم أستحق، إلى يدي، بدون مشقة."، މި އިބާރަތުގެ މާނައަކީ: އޭ ފުލެޓާއެވެ، އަންނާށެވެ! އެ ފުލެޓު އަހަންނަށް ހައްގު ނުވިޔަސް، އެއްވެސް އުނދަގުލެއް އުފުލަން ނުޖެހޭ ގޮތަކަށް އަހަރެންގެ އަތުތެރަށް އަންނާށެވެ!
މަށަށް ވިސްނުނީ ފުލެޓު ހޯދަން އޮތް އެންމެ ފަސޭހަ ގޮތަކީ މިއީ ކަމެވެ. ހުރިހާ ޝަރުތުތައް ފޫއަޅުވާލާނޭ ކަހަލަ މި ބާވަތުގެ މުޖައްރިބު ފަންޑިތައެއް ހެދުމެވެ. މި ފަދަ ފަންޑިތަ ހަދައިގެން މީސްމީހުންނަށް ފުލެޓު ލިބޭ އިރު، މަށަށް ވެސް ލިބޭނެ ނޫން ހެއްޔެވެ؟ މިއާ ދޭތެރޭ ޖުހާ ބުނަނީ ކީކޭ ހެއްޔެވެ؟
ޖުހާ: ދެން، މަ ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ މަނިކުބޭ ތިބުނަނީ ތިޔައީ މުޖައްރިބު ފަންޑިތައެއް ނޫން ހެއްޔެވެ؟ ހުރިހާ ޝަރުތުތަކެއް ފޫއަޅުވާލާފައި ފުލެޓު ހޯދައިދޭ ފަންޑިތައެއް ކަމަށް ވަންޏާ އެކަން ވެސް ތަޖުރިބާކޮށްލެވިދާނެތާއެވެ.
މަނިކުބޭ: މަވެސް ހިތަށް އެރީ ހަމަ ތިޔަހެންނެވެ. އެކަމަކު ވެސް، ބައެއް ކަހަލަ ޝައްކުތައް ވެސް އުފެދެއެވެ. ޚާއްސަކޮށް އެ ފަންޑިތައިގެ އެ ކިޔާ އެއްޗެއްގެ މާނައާ މެދު ވިސްނާލުމުންނެވެ!
ޖުހާ: ކޮން ކަހަލަ ވަހުމީ ސުއާލެއް ހެއްޔެވެ؟
މަނިކުބޭ: އެ ފަންޑިތައިގައި އެ މުޚާތަބުކުރަނީ ފުލެޓުތަކާ ނޫން ހެއްޔެވެ؟ މަގޭ ހިތުގައި އުފެދޭ ސުއާލަކީ ފުލެޓުތަކަށް ވެސް އަރަބި ބަސް އެނގޭނެ ބާވައެވެ! އެކަން ވެސް ގުޅެނީ ބަހުގެ މާތްކަމާ ހެއްޔެވެ؟
ޖުހާ: ތިއާ ދޭތެރޭ ބުނާނެ މާ ބޮޑު އެއްޗެއް ނެތެވެ. ޝައްކެއްގެ ތެރޭގައި ހުރެގެން ކަމެއް ނުވާނެއެވެ. ފައިދާއެއް ނުކުރާނެއެވެ. އެހެންވެ، ހިތުގައި އުފެދޭ ޝައިތާނީ ވަސްވާސްތަކުގެ ޝައްކުތައް ފިލުވައިގެން މަސައްކަތްކުރުމުން ކުރީ މީހާ ވެސް، ފަންޑިތައިން ފުލެޓު ކާމިޔާބު ކުރި ގޮތަށް މަނިކުބެއަށް ވެސް އެކަން ވެދާނެއެވެ.
އެކަމަކު އެއް ވާހަކަ ހަނދާން ވެއްޖެއެވެ. ތި ކަހަލަ ފަންޑިތަ އިހުގައި މަސްވެރިކަމަށް ވެސް ކިޔަވާ އުޅުނެވެ. ރާއްޖޭގައި އުފެދުނު ބޮޑު އިލްމުވެރިޔަކު ލިޔެދެއްވި ފަންޑިތައެކޭ ކިޔާ އުޅެއެވެ. އެ ފަންޑިތައިގެ އިބާރަތް ވެސް އޮންނަނީ ހަމަ ފުލެޓަށް ކިޔެވި ފަންޑިތަ ފަދަ ގޮތަކަށެވެ. އޭގައި އިރުޝާދު ދެވިފައި އޮންނަނީ ކަނޑުމަތީ މަސް އައިން ފަހަތު ދުއްވައި މަސް އައިނާ މުޚާތަބުކޮށް، މަސްއައިނަށް ހަނާ އަޅަމުން ތިން ފަހަރު މިހެން ކިޔުމަށެވެ! "تعال يا سمك" (އޭ މަސްތަކާއެވެ! އަންނާށެވެ!" ދެން ހަތަރު ވަނަ ފަހަރު، މަސްދޯންޏަށް އިނގިލިން އިޝާރަތް ކުރުމަށް ފަހު، "إلى هذا المركب" (މި އުޅަނދަށެވެ!) މިހެން ކިޔައި މޫނުގައި އަތް ފިރުމާލާށެވެ.
ކޮންމެ އަކަސް، އަހަރުމެން އާދައިގެ މީހުންނަށް އަރަބި ކަލާމު ދަސްކޮށްގެން ނޫނީ ފަހުމް ނުވިޔަސް، ނުކިޔަވައި ވެސް، މަސްމަހާއިމެއްސަށް އަރަބި ކަލާމު ފަހުމްވާކަން އަހަރުމެންގެ ތެރޭގައި އުފެދުނު އެ ބުނާ ބޮޑު ދަންނަކަލޭގެފާނު އެ ވިދާޅުވަނީ ނޫން ހެއްޔެވެ؟ އަހަރުމެންގެ ސިކުނޑިތަކަށް އެކަން ގަބޫލުކުރަން އުނދަގޫ ނުވާ އިރު، ފުރާނަނެތް ފުލެޓުތަކާއި ގޯތިތަކަށް އަރަބި ކަލާމު އެނގުން ފަހުމްކޮށް ގަތުން އުނދަގޫ ކަމަކަށް ވާންވީ ކީއްވެ ހެއްޔެވެ؟
