ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯގެ މި އިލްތިމާސް އައީ ރަމަޟާންމަހުގެ ފުރަތަމަ ހަތް ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލައި ރޭ އާންމުކޮށްފައިވާ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ މި ރޯދަ މަހު ފާއިތުވި ހަފުތާގައި މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާނަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު ހަޔަކާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެ، ހެނދުނު ހަޔަކުން ނުވައެއް ޖެހުމާ ހަމައަށް އެއް ހަމައެއްގައި މަތިވަމުންގޮސް، ހެނދުނު ނުވަޔަކުން ފެށިގެން މެންދުރު އެކަކާ ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މި ގަޑިތަކަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމުގެ އިތުރުން، އެއީ އޮފީސް ގަޑިއަށްވުމާއެކު ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި. އަދި މެންދުރު އެކަކާއި ހަވީރު ފަހަކާ ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމަށް ފާހަގަކުރެވޭ. މީގެ އިތުރުން ހަވީރު ފަހަކުން ފެށިގެން ރޭގަނޑު ހަތެއް ޖެހުމާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށް ފާހަގަ ކުރެވުނު ނަމަވެސް، އޭގެ ފަހުން ދަންވަރު 12 ޖެހުމާ ހަމައަށް މެންދުރުގެ ލޯޑާ އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި،" ފާއިތުވި ހަފުތާގައި ކަރަންޓް ބޭނުންކޮށްފައިވާ ގޮތުގެ ޗާޓަކާއެކު ނެރުނު ބަޔާނުގައި ސްޓެލްކޯ އިން ބުންޏެވެ.

"އެހެންކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކަމަށް ފާހަގަކުރެވިފައި މިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން،" ސްޓެލްކޯ އިން ބުންޏެވެ.



advertisment

