މިއީ މީގެ ދަހަރެއް ދެ ދަހަރެއް ކުރީގެ ވާހަކައެކެވެ. މާލޭގައި ދިރިއުޅޭ މީހުން މޫދަށްއެރިލައި އުޅޭނޭ ރައްކައުތެރި ތަނެއް ނެތީތީ ރަށުގެ އިރުމަތީ ފަރާތުގައި ހެދުނު ހެދިގޮނޑުދޮށޭ ކިޔޭ ތަން ވުޖޫދަށް އައިތާ ދުވަސްކޮޅެއް ފަހުން އެ ތަން ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތައް ހިނގަމުން ދިޔަ ދުވަސްވަރެވެ. އަންހެނުންނާއި ފިރިހެނުން ވަކީން ފާޚާނާކޮށްލައި، ފެންވަރައިލައި، އެއްޗިހި ބަދަލުކޮށްލައި ހަދާލާނޭ ފާޚާނާތައް ހެދުނު ދުވަސްވަރެވެ. މޫދަށް އެރޭ މީހުން ފަހަރުގައި ގެނބިދާނޭތީ އެ މީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދޭނޭ ލައިފުގާޑުންނޭ ކިޔުނު ބަޔަކު އުސްކޮށް ހަދައިފައި ހުރި ކޮށިގަނޑުތަކަކަށް އެކި ދަންފަޅިޔަށް އަރުވައި، ތަނުގެ އަމަންއަމާންކަން ބަލަހައްޓާން ގައިބާރު ހުރި މީހުން ލައި، މިކަހަލަ ކަންކަންވެސް ހަމަޖެހިގެން ދިޔަ ދުވަސްވަރެވެ.
ދެން ފަހެ، މި ވާހަކަޔަކީ އޭގެ ޒާތުން ފުލޯކު ވާހަކަޔެކޭ ދަންނަވައިނުލައި ކުރިޔަށް ދެވޭން ނެތީތީ އެހެން ވެސް ދަންނަވައިލައިފައި ކުރިޔަށް ދާނަމެވެ.
މިދަންނަވާ ދުވަސްވަރު މިދެންނެވި ހެދިގޮނޑުދޮށަށް ގޮސް މޫދަށް އެރިލައި، ވެލިގަނޑު މަތީގައި ހިނގައިލައި، ވައިޖައްސައިލާން ގޮނޑިގޮނޑީގައި އިށީނދެލައި އުޅޭން އެ ތަނަށް ގޮސް އުޅުނު މީހުންގެ އެކި ޙަރަކާތްތަކާއި ކުޅިވަރުތަކުގެ ސަބަބުން ބައެއް ފަހަރު އުފެދޭ ކުނިބުނި އުކައިލާން ތަނުގައި ބެހެއްޓުނު ބޮޑެތި ޓުކުރިތަކާ ހަމަޔަށް ބައެއް މީހުންގެ އަތް ނުފޯރާ ފަހަރުވެސް ދާތީ، ނުވަތަ ވައިގަދަކަމުން، ނުވަތަ އެހެންވެސް މަޤްބޫލު ސަބަބަކަށްޓަކައި އެތަންމިތަނަށް އެޅެމުން ދިޔަ ހުސް ދަޅާއި، ފުޅިޔާއި، ކޮތަޅާއި، އެފަދަ އެހެން އެއްޗިހި މުޅި ތަނަށް ފެތުރޭތީ، އަދި ތަނުގައި އިންދައިފައި ހުރި ގަސްގަހުން ފައިބާ ފަތާއި ކުނިބުނި ވެސް ތަނަށް ޖަމާވާތީ، އެފަދަ އެއްޗިހި ހޮވައި، ކަހައި، ނަގައި، އުކައިލާނޭ ބަޔަކު ހޯދާން އިޢުލާނެއް ކުރެވުނެވެ. އަދި ހަމަ އެހެންމެ، އިޢުލާނުކުރެވުނު ވަޒީފާގެ މުސާރަ ރާއްޖޭގެ ނިކަމެތީންގެ ނިސްބަތުން ރަނގަޅުކަމާއި، ވަޒީފާ އަދާކުރާ މީހުންގައި ހުންނާން ވީ ހުނަރުތަކާއި ސިފަތަކާއި، މަސައްކަތަށް ނިކުންނާން ޖެހޭ ގަޑިތަކާއި، ވަޒީފާ ލިބޭ މީހުން ޖަވާބުދާރީވާން ޖެހެނީ ކޮންކޮން ބަޔަކަށް ކަން އިޢުލާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތުމާއެކު، ތިމާމެންނަކީ ކަމަށް ޤާބިލް ބައެއް ކަމަށް ފެނުނު އެތައް ބަޔަކު އެ ވަޒީފާޔަށް އެދި ކަމާ ބެހޭ ފަރާތަށް ސިޓީ ލިއެވެ.
ސިޓީ ލީ ހަމަ އެންމެން ހެން ކަމާ ބެހޭ އޮފީހަށް ހާޒިރުކޮށް، އިޢުލާނުގައި ބަޔާންކޮށްފައި ހުރި ހުނަރުތަކާއި ސިފަތައް އެމީހުންނަށް ލިބިފައިވާކަމަށް ސާބިތުކޮށް ފާހަގަކޮށްދެވުނު ހަމަ އެންމެންނަށް ހެން ވަޒީފާ ލިބުނެވެ. މިވެނި މީހަކީ އެވެނި ކަމުނުދާ މީހާގެ ދަރިޔަކަށް ވާތީ، ނުވަތަ އެވެނި ނުކިއްސަރު މީހާގެ ތިމާގެ މީހަކަށް ވާތީ، ނުވަތަ އެހެރަ ތަޞައްވުރު ކިލަނބު މީހާގެ ރައްޓެއްސަކަށް ވާތީ، ޝަރުޠު ހަމަވާ ހަމަ އެކަކު ވެސް އިދާރީ އުކުޅަކުން ފޭއަކަށް ވެސް ނުޖައްސައެވެ. އަދި ހަމަ އެހެންމެ، މިވެނި މީހާޔަކީ މިވެނި ގޮތަކުން ބާރުގަދަ، ނުވަތަ އެވެނި ގޮތަކުން ތަނަވަސް، ނުވަތަ ދެން އެހެން ކޮންމެވެސް ގޮތަކުން ކަމުދާ ގިންތީގައި ހިމެނޭ މީހަކަށް ވާތީ، ހަމަ އެއްވެސް މީހަކު، އެ މީހާގައި އެ ޝަރުޠުތައް ހަމަނުވެ އޮތަސް ނުނަގާ މެއެވެ. ހަމަ ގައިމު ވެސް، ވާހަކަ ހުރީ އެ ބީދައިންނެވެ.
ދެން އައްސަވާށެވެ! ކުނިކަހާން ވަޒީފާ ލިބުނު މީހުންގައި ހުންނާން ޖެހޭ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައި އޮތް ގޮތުގައި، ކުނިކަހާއިންނަކީ ގައިބާރު ހުރި، ޞިއްޙަތު ރަނގަޅު، ނަފުސާނީ ގޮތުން ދުޅަހެއު ބަޔަކަށް ވާން ޖެހެއެވެ. ގަޑިޔަށް ކަމޭހިތާ، ސުލޫކީ ހެއު މަގުން އެއްކިބާ ނުވާ، މުޖުތަމަޢު ބަލައިގަންނަ މިންގަނޑުތަކުގެ ބޭރުން ހެދުން ނާޅާ މީހުންނަށް ވާން ޖެހެއެވެ. މޫދަށް އެރިލައި، މަޖާކޮށްލައި ހަދާން ތަނަށް ގޮސްއުޅޭ މީހުންގެ އަތުން ތަނަށް ދޫވާ އަގުހުރި އެއްޗިއްސާއި އެމީހުންގެ އަތުން ނޭނގި ތަނަށް ދޫކޮށްލެވޭ ކުނިބުނި ވަކިކޮށް ދެނެގަނެ، ފުރަތަމަ މި ދެންނެވި ބާވަތް އޭގެ ވެރީންނަށް ރައްދުކޮށް، ދެން މިދެންނެވި ބާވަތް އުކައިލާން ދަންނަ ބަޔަކަށް ވާން ޖެހެއެވެ. ކުށުގެ ރިކޯޑެއް އޮތް، ސާބިތު ދަރަންޏެއް ދައްކާން އޮވެ ނުދައްކައި، އެ ޒާތުގެ ލައްތަކުން މިންޖުވެގެން ވާ މީހުންނަށް ވާން ޖެހެއެވެ. އެ ނިމުނީއެވެ. ހަމަ ގައިމު ވެސް، އިޢުލާނުގައި އޮތީ އެހައިވަރަށެވެ.
ކޮންމެއަކަސް، ކުނިކަހާ މީހުންގެ ވަޒީފާ ލިބުނު މީހުންނަށް ވަޒީފާ ލިބި، އެ މީހުން ވަޒީފާޔަށް ނިކުމެ، މަސައްކަތައިގެން މަޝްޣޫލުވެއްޖެއެވެ. ކުރީން ދެންނެވި ލައިފުގާޑުންނާއި ތަނުގެ އަމަންއަމާންކަން ބަލަހައްޓާން ލައިފައި ތިބި، ކަމަށް ޤާބިލް، ކުޅަދާނަ، ދުޅަހެއު މީހުންނެކޭ އެއްފަދައިންނެވެ. އެންމެންގެ މަސައްކަތް ބަލައި، ހަމަޖައްސާން ޖެހޭ ކަންކަން ހަމަޖައްސައި، ކަމެއް މަގުން ކަސިޔާރުވާނަމަ، އެކަމެއް ހަމަ މަގަށް އަޅުވައި ހަދާން ލައިފައި ހުރި ސަރުދާރެކޭވެސް އެއްފަދައިންނެވެ. ތަނުގެ ތަޞައްވުރާއި މަންޒަރު ޒަމާނީ ހަމަތަކަށް ފައްތައި، ބިދޭސީން އެ ތަނަށް ޒިޔާރަތް ކޮށްފި ފަހަރަކު އެ މީހުންނާ މުޢާމަލާތްކޮށް ހަދައި، ތަނަކީ އެންމެންގެ ކުރިމަތީގައި މަޤްބޫލު ތާކަށް ހަދައި، ތަނުގައި ދެންވެސް ހުންނާނޭ އެ ޒާތުގެ ކަންކަން ބޮލަރުވައިގެން އުޅޭން ހަމަޖެއްސި، ކަމާ ގުޅޭ ބިދޭސީ ލަޤަބަކުން ނަން ދީ، ކަމާ އެކަށޭނަ ބިދޭސީ މިންގަނޑުން ބޮޑު މުސާރަ ދީފައި ހުރި "ޕަބްލިކް ރިލޭޝަންސް އޮފިސަރ" އެކޭ ވެސް އެއްފަދައިންނެވެ. ހަމަ ގައިމު ވެސް، ކަން އޮތީ އެހެން ކަމަށް ހީވުމަކީ އަދި އެ ހިސާބުން އެއްވެސް ބަޔަކަށް ކުރެވުނު ކުށްހީއަކަށްވެސް ނުވާނެ، އެހެންނޫންތޯއެވެ!
ކަން މި ބީދައިން ހިނގަހިނގައި އޮއްވައި، އެއް ދުވަހަކު ތަނަށް އެ އައީ ހަމުގެ ކުލަޔާއި އިސްކޮޅާއި ރޫފަޔާއި ސުލޫކަށް ބަލާ އިރު ދިވެހީންގައި ޢާންމުކޮށް ނުހުންނަ ސިފަތަކެއް އެބައެއްގައި ހުރި ބައެކެވެ. އެ މީހުން އައި ގޮތަށް އައިސް ތަނަށް ވަނީ އެކަކު އަނެކަކާ ވާހަކަދައްކާން އެ ބޭނުންކުރި ބަހަކުން އެކަކު އަނެކަކާ ތަންކޮޅެއް އަޑުގަދަކޮށް ވާހަކަދައްކަމުންނެވެ. ދެން އެތަނުން ދެތިން އަންހެނަކު ހަމަ ކުއްލިޔަކަށް އެ ތައްޔާރުވީ މޫދަށް އެރޭށެވެ. އެ މީހުންގެ ޤައުމުގައި އެ މީހުންގެ މިންގަނޑުތަކަށް ފެތޭ، އެކަމަކު މި ރާއްޖޭގައި ދިވެހީން ވަޒަންވެރިވެގެން އުޅޭ ރަށްރަށުގައި އާދައިގެ ދިވެހީން މޫދަށް އެރިލައި އުޅޭން ހުއްދަ އޮންނަ ތަންތަނަށް އައިބު، އެއްކަލަ ކުޑަހެދުމުގައެވެ. ދެން ހަމަ ގައިމު ވެސް، އެތާ ތިބި ދިވެހީންނަކަށް އެ ގޮތެއް ކަމަކު ނުދާނެ، އެހެން ނޫންތޯއެވެ!
އަސްތާ، ދެން އެ ޖެހުނީ ކަންތަކާއެވެ! އިނގިރޭސީންގެ މުޙާވަރާގައި އެ އޮންނަ، "ބުޅަލުގެ ކަރުގައި ރަނގަބީލު އަޅުވާނީ ކާކުހޭ" ބުނާ ޒާތުގެ އަޑުތަކެއް އެ ހިސާބުން އިވޭން ފެށުން ނޫން ކަމެއް ފުރަތަމަޔަކު ނުވިއެވެ. ކަންކަން ބަލައި ހަމަޖައްސާން ލައިފައި ހުރި ސަރުދާރަކީ ބިދޭސީންނާ ބެހޭ ކުޑަވެސް މުޢާމަލާތެއް ކުރުމަކީ މީހާ ބިރުން ވިރޭ ވަރުގެ ކަމަކަށް ވާ މީހެކެވެ. އަދި އޭނާޔަކީ ބޭރުގެ ބަހަކުން ކުރެ ބަހެއް ޢަމުދުން ރޭކާވެސް ނުލާ މީހަކަށް ވާތީ، އޭނާ އަޅައި ދުއްވައިގަތީ އަނބޮށްފުޅާދަނބޮށްފުޅާ ވާހަކައިގެ މުހިންމު ރޯލެއް ކުޅޭށެވެ. އޭނާ އެންމެ ފުރަތަމަ ދިޔައީ ލައިފުގާޑުން ގާތަށެވެ. އެކަމަކު ލައިފުގާޑުން ބުނީ ތިމަންމެންނަކީ މޫދަށް އެރޭ މީހަކު ގެނބުން ކަހަލަ ކަމެއް ދިމާވެއްޖިއްޔާ އެކަމާ އުޅޭން ތިބި ބަޔެކޭ، މީހުންގެ އަންނައުނާ ބެހޭ ތަޤްރީރު ދޭން މިތަނުން ވަޒީފާ ދީފައި ތިބި ބަޔަކީމެއް ނޫނޭއެވެ. ސަރުދާރު ދެން ދިޔައީ ތަނުގެ ސެކިޔުރިޓީން ފެނޭތޯއެވެ. އެ ހިސާބުން ސަރުދާރަށް އެނގުނީ އެމީހުން ޑިޔުޓީ މަރަނީ ރޭގަނޑު ކަމެވެ. ސަރުދާރު ދެން އެ ދުއްވައިގަތީ "ޕަބްލިކް ރިލޭޝަންސް އޮފިސަރ" ހޯދާށެވެ. އެ އޮފިސަރު އެ ވަގުތު އިން ކަމަށް ވީ މާ ދުރުގައި ހުރި ކެފޭއެއްގައި ރައްޓެހީންކޮޅަކާ އެކު ކޮފީއަކަށް އަރައި ސަވާރުވެގެންނެވެ. އޭނާޔަށް ފޯނުކުރީމައި ބައިގަޑިޔެއްހައި އިރު ތެރޭ އެބަ ދަމޭ ބުނެފައި ފޯނު ކަނޑައިލީއެވެ.
ކަން މި ހިސާބަށް ދިޔަ އިރު، މޫދަށް އެރޭން ތަނަށް ގޮސް އުޅުނު ދިވެހި ޒުވާނުން ކޮޅެއްގެ ތެރެއިން ދެތިން ކުއްޖަކު މައްސަލަޔަށް ވަގުތީ ޙައްލެއް ހޯދައިފިއެވެ. ބިދޭސީން އެކަކު އަނެކަކާ ވާހަކަދެއްކީ ކޮން ބަހަކުން ކަމާއި، އެއީ ޔޫރަޕުގެ މިވެނި ބަހެއް ކަން އެ ތަނުން ދެ ކުއްޖަކަށް އެނގިއްޖެއެވެ. އަދި އެ ބަސް އެ ކުދީންނަށް އެނގޭ މިންވަރަކުން، ކޮށަކޮށައިގެން ނަމަވެސް، ބިދޭސީން އިހަށް ރީއްޗަށް އަލުން ނަލަ ހެދުން އަޅައި، ތަނުގެ ފަރާތުން ބަޔަކު އައިސް ދެން ހަދާންވީ ގޮތް ބުނެދޭން ދެން މަޑުކުރާން އެދިއްޖެއެވެ. ބިދޭސީން ވެސް އެ އެދުމަށް ކަމޭހިތައިގެން މަޑުކޮށްފި މެއެވެ. އެހެން ނަމަވެސް، އެ މީހުން ބުނަމުން ގެންދިޔައީ ތަނުގެ ބާރުވެރި ފަރާތަކުން ތަނުގެ ގަވައިދުތައް އެމީހުންނަށް ސާފުކޮށް ބުނެދެވެން ވާނެޔޭއެވެ. އެހެންކަމާ އެކު، އެއްކަލަ އޮފިސަރު އަންނާން ދެން ސަރުދާރުވެސް އިންތިޒާރުގައި ހުރީއެވެ.
ބައިގަޑިޔެއް ހައި އިރު ފަހުން، ވީ ވަޢުދާ އެއްގޮތަށް، "ޕަބްލިކް ރިލޭޝަންސް އޮފިސަރ" އަތުވެއްޖެއެވެ. އަދި ސަރުދާރު ގާތުން މަޢުލޫމާތު އޮޅުންފިލުވައިގެން، ސަރުދާރުވެސް ގޮވައިގެން، ބިދޭސީން ތިބި ތަނަށް އޭނާ ހިނގައްޖެއެވެ. އަދި އެ ތާނގައި ތިބި، ކުރީން އެ ބައެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ދިވެހި ޒުވާނުންނާ އޭނާ ބައްދަލު ކޮށް، ބިދޭސީން ވާހަކަދައްކަނީ ކޮން ބަހަކުން ކަން އޮޅުންފިލުވައިފިއެވެ. އަދި ހަމަ އެޔާ އެކު، އެ ބަހަކީ "ޕަބްލިކް ރިލޭޝަންސް އޮފިސަރ" އަށް އެނގޭ ބަހަކަށް ނުވިޔަސް، ކަމުގެ ޙައްލު އޭނާ ހޯދައިފިއެވެ.
"އަހަރެން ދަންނަން އެ ބަސް ދަންނާނެ މީހަކު! ހިނގާ އޭނާ މިތަނަށް ގެންނަމާ!" އޮފިސަރު ސަރުދާރު ގާތު ބުންޏެވެ.
"އެއީ އަނެއްކާ ކާކު؟ އޭނާ އުޅޭނީ ކޮންތާކު؟" ސަރުދާރު އަހައިލިއެވެ.
"އެހެރަ ގަސްދޮށް ކުނިކަހާން އެހެރީނު ޒުވާން އަންހެން ކުއްޖެއް! އޭނާ އެ ބަސް ހަމަ ފަރިތަކޮށް ދަންނާނެ. އެއީ އަހަރެން ވަރަށް ރަނގަޅަށް އޭނާގެ ވަނަވަރު ދަންނަ ކުއްޖެއް. އަހަރުމެންގެ އަވަށްޓެރިޔެއްގެ ދަރިޔެއް. އޭނާ ވަރަށް މޮޅުވާނެ އެ ބަހަށް!" އޮފިސަރު ޔަގީންކަމާ އެކު ބުނެލިއެވެ. "ދޭބަލަ އޭނާ މިތަނަށް އަންނާށޭ ބުނަން!"
އޮފިސަރުގެ ބަހަށް ކިޔަމަންވުމާ އެކު، ސަރުދާރު ކުނިކަހާ ކުއްޖާގެ ގާތަށް ހިނގައްޖެއެވެ. އަދި އޮފިސަރު އެބަ ގޮވަޔޭ ބުނުމާއެކު، އެ ކުއްޖާވެސް ކިޔަމަންތެރިކަމާއެކު އޮފިސަރު ގާތަށް އަތުވެއްޖެވެ.
"އާނ! ކަލޭ މިގެނެވުނީ މިތިބަ ބިދޭސީންނާ ވާހަކަދައްކައި، މިތާނގައި ނުއުޅެވޭނޭ ގޮތްތަކާއި، އުޅޭން ވީ ގޮތްތައް އެމީހުންނަށް ކިޔައިދީ، މިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި މޫދަށް އެރި އުޅުމުގައި ބިދޭސީން ގެންގުޅޭންވީ މިންގަނޑުތައް އެ މީހުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭން!" އޮފިސަރު އޭނާގެ ބޮޑު މަޤާމުގެ އުސް ކުންނުން ކުނިކަހާ ކުއްޖާޔަށް އަމުރުކުރިއެވެ.
ވަޒީފާގެ ބަޔާނުގައި އޮފިސަރު އެ ބުނި ޒާތުގެ ކަންކަން ކުރުން ނުހިމެނުނަސް، ވަޒީފާގެ ޝަރުޠުތަކުގެ ތެރޭގައި ބޭރު ބަސްބަސް އެނގުން ނުހިމެނުނަސް، އޮފިސަރާ އެއްވަރުގެ ބޮޑު މުސާރަޔެއް އޭނާޔަށް ތަނުން ނުދިނަސް، ކުނިކަހާ ކުއްޖާ އޮފިސަރުގެ އެ އަމުރަށް ކިޔަމަންވިއެވެ. ބިދޭސީން ގާތަށް ދިޔައެވެ. އެ މީހުންނަށް ކަންކަން އޮޅުންފިލުވައިދޭން އުޅުނެވެ. އޭނާ އެކަން ކުރީ އޮފިސަރުގެ އަމުރަށް އޭނާ ކޮންމެހެން ކިޔަމަންވާން ޖެހޭ ކަމަށް ފެނިގެންނެއް ނޫނެވެ. އަދި ކިއެއްތަ، އޭނާ އެކަން ކުރީ، ޙާލަތާއި، ތަނާއި، މަޞްލަޙަތާއި، އަމިއްލަ ޤައުމުގެ ކަރާމާތް ނެގެހެއްޓުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް…
"ބަލަ ކަލޭތީ މިތާ ކުނިކަހާ ވަޒީފާގައި ހުރި މީހެއްނު؟ ކަލޭގެ ކޮން ޙައިޘިއްޔެއް އޮތީ އަހަރުމެންނަށް އުޅޭނޭ ގޮތް ބުނެދޭން؟" ބިދޭސީން ކުރެ އެކަކު، ކުނިކަހާ ކުއްޖާ ދެއްކި ވާހަކަތައް އަޑުއަހާން ހުރެފައި މަލާމާތުގެ ރާގަކަށް އޭނާޔާ ދިމާޔަށް ބުނެލިއެވެ.
އެ ވާހަކަކޮޅު ސަރުދާރާއި އޮފިސަރަށް ދޭހަކޮށްދޭން ދިވެހިބަހަށް ތަރުޖަމާކޮށްދޭކަށް ކުނިކަހާ ކުއްޖާގެ ޒަމީރު ތަނެއްނުދިނެވެ. އޭނާ ބޯހޫރައިލައިފައި، އަޅުގަނޑަށް މަޢާފުކުރައްވާށޭ، މިއީ އަޅުގަނޑަށް ވާވަރުގެ ކަމެއް ނޫނޭ އޮފިސަރު ގާތު ބުނެލައިފައި އޭނާގެ ކުނިކަހާ ފިހިގަނޑު ހިފައިގެން ގަސްދޮށް ކުނިކަހާން އޭނާގެ ހައިޘިއްޔަތަށް ރުޖޫޢަވީއެވެ.
ސަރުދާރަށްވެސް އަދި އޮފިސަރަށްވެސް އެ ދުވަހު އެ ހިނގި އެ ހުރިހައި ކަންކަމުގެ ތެރެއިން އައިބު ކަމަކަށް ފެނުނީ ހަމަ އެންމެ ކަމެކެވެ. އެއީ ކުނިކަހާ ކުއްޖާޔަށް މައްސަލަ ޙައްލުކޮށް ނުދެވުނު ކަމެވެ.
