އެއްދުވަހު، ބައްޕަގެ ދަށިފުޅު މަސްރޮށްޓެން ބޭނުން ވެގެން، ކުއްޖަކު ފޮނުވައިގެން ދަރިފުޅަށް މަސްރޮށްޓެއް ގަނެދެއްވިއެވެ.
މަސްރޮށި ފަޅާލާފައި ދަރިފުޅު، ބައްޕައަށް ނަންގަތެވެ. މީގައި މި އޮތީ ހުސް މަހެވެ. އަޅުގަނޑު މިކާނީ ކިހިނެއްތޯއެވެ؟
ދެން ބައްޕަ ވެސް ހައިރާންވެލެއްވިއެވެ. އަދި މަސްރޮށީގައި މަސް ހުރޭހޭ ބުނުއްވައި ސުއާލުކުރެއްވިއެވެ! ދެން ރުޅިދުރުވެ، މަސްރޮށި ހިފައިގެން މަސްރޮށި ވިއްކި ސައި ފިހާރައަށް ދުރުވިއެވެ. އަދި، މަސްރޮށި ބޭނުންވެ ނުލައްވާ ވާހަކަ ވެސް ސޭޓު ގާތު ބުނުއްވިއެވެ.
ދެން، ސޭޓު ބައްޕައަށް ނަންގަތެވެ. 'މަސް ރޮށި އަނބުރާ ތި ގެންނެވީ ކީއްވެތޯއެވެ؟ މަހުގައި ނުރަނގަޅު ރަހައެއް ހުރީތޯއެވެ؟'
ދެން ބައްޕަ ބުނުއްވިއެވެ. "ނޫން ނޫނެކެވެ! މި މަސްރޮށީގައި ހުރީ ހުސް މަހެވެ. އެއީ މަސްރޮށި ހުންނަ ގޮތް ހެއްޔެވެ! މަސްރޮށީގައި މަސްހުރުމުން، އަހަރެންގެ ދަރިފުޅަށް މަސްރޮށި ކެވޭ ގޮތެއް ނުވިއެވެ!"
ދެން ސޭޓަށް ބުނާނެ އެއްޗެއް ނޭނގި، އާގަމަވެ، އަނގަ ހުޅުވިފައި އިނެވެ. އަދި އިރުކޮޅެއް ފަހުން ބުނެވުނެވެ. ބައްލަވާ ކޮންމެ މީހަކަށް ވެސް ބުއްދި ހަމަ ނުވާ ސޭކަކަށް ވުމުގެ ހައްގު އޮވެއެވެ. ނަމަވެސް، އެންމެންގެ ކުރިމަތީ އެކަން ސާބިތުކޮށްދޭން އުޅޭކަށް ނުޖެހެެއެވެ. މިހާރު ހާދަ ގިނައިން މަސްރޮށީގައި މަސްހުރުމުގެ މައްސަލަތަށް އެބަ ނުކުމެއެވެ.
ދެން ބައްޕަ ބުނުއްވިއެވެ؟ އެހެން ހެއްޔެވެ؟ ހަމަ އެހާ ގިނަ މީހުން މަސްރޮށީގައި މަސް ހުރެގެން ޝަކުވާ ކުރަނީ ހެއްޔެވެ؟
ސޭޓު މައްސަލަ އިތުރަށް ތަފްސީލު ކޮށްދިނެވެ. މުޅިއަކުން އެހެންނެއް ނޫނެވެ! ނަމަވެސް ހަމަ އެފަދަ ވާހަކަތަކެވެ! މި ބުނަނީ މަސްރޮށީގައި މަސް ހުރުމަކީ ގޯސްކަމެއްކަމަށް ދެކޭ ފަދަ މަންތިގީ، ބުއްދީގެ، ހަމައިގެ ވާހަކަތައް ގިނަވާ ވާހަކައެވެ! އަޑު އިވޭ ދެ މިސާލެއްގެ ވާހަކަ ބުނެފާނަމެވެ. އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުމުން، ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭ ވާހަކައެވެ. ރާއްޖޭގެ ބަޔަކު، ބޭސްފަރުވާ އަށް، އިންޑިޔާއަށް ދިއުން ވެސް އެއީ އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ގާއިމުވެ ތިބެން ޖެހޭނޭ ވާހަކައެވެ.
އަދިވެސް އެހެން ވާހަކައެކެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލައި ބުރިޖެއް އެޅިއްޖެއެވެ. މިކަންކުރުމުން، މިކަން ކުރި ބަޔަކީ ކަމުގެ ތަޖުރިބާ ހުރި ބައެއްކަމާއި އަދި އެކަން ކުރެވޭނޭ ބައެއް ކަން ވެސް ސާބިތުވެއްޖެއެވެ. ނަމަވެސް، މޮޅު އިތުރުވެގެންވާ ގޮތަކީ ކަމުގެ މާ ބޮޑު ތަޖުރިބާއެއް ނެތް ބަޔަކާ މާލެއާއި ވިލިގިއްޔާ ދެމެދު ބުރިޖު އަޅަން ހަވާލުކުރުމެވެ. އަދި، އެމަސައްކަތް ދިގުދެމިގެން ދިޔުމަކީ ވެސް މައްސަލައަކަށް ނުވެ، ރާއްޖެއަށް ހަމަ އެންމެ ރަނގަޅު ގޮތްކަމުގައި ވެއްޖެއެވެ. ބުރިޖު އެޅުމުގެ މޮޅު ގޮތަކީ މަސައްކަތް ދިގު ދަންމައި އެކަން ނުނިންމުން ނޫން ހެއްޔެވެ؟ އެކަމަކީ އެކަން ކުރާ މީހުންގެ ކުޅެދުމާއި ނުކުޅެދުމާ ގުޅޭ ކަމެއް ނޫނެވެ. އެހެން ބުނެފި ނަމަ، އެކަން ވެސް މަސްރޮށީގައި މަސްހުރެގެން މައްސަލައަކަށްވާ ކަހަލަ ކަމަކަށް ނޫން ހެއްޔެވެ؟
ދެން ބައްޕަ ބުނުއްވިއެވެ! ތީ ހަމަ ހައްތަހާ ވެސް ބުއްދި ގަބޫލުކުރާ ކަހަލަ ވާހަކަ ނޫން ހެއްޔެވެ؟ ތިކަންކަމުގައި މަންތިގީ ހަމަތަކާއި ޚިލާފު އެއްވެސް ކަމެއް އޮތް ކަމަކަށް އަހަރެން ނުދެކެމެވެ!
ދެން ސޭޓު ނަންގަތެވެ. އަޅުގަނޑު ވެސް މި ނަންގަންނަނީ ހަމަ ތި ވާހަކައެވެ. މަސްރޮށީގައި މަސްހުރުން މައްސަލައަކަށްވާ މަންތިގާ ހަމަ އެއްފަދަ ކަމުގެ ވާހަކައެވެ. މަސްރޮށީގައި މަސް ހުރުން މައްސަލައަކަށްވުމީ މަންތިގީ ވާހަކައަކަށްވާ އިރު، މި ނަންގަތް ކަންކަން ވެސް ހަމަ މަންތިގީ ބުއްދީގެ ހަމަތަކާ ފުށުއަރާނޭ ކަންކަމަކަށް ނުވާނެ ވާހަކައެވެ. ދެން އިވޭނީ މިފަދަ މަންތިގީ ހަމަ ގަބޫލުކުރާ އެންމެންނަކީ ވެސް ކަނޑު މަހާއި، ގޮދައާއި ލައްޓިއާި ރާނގޮޑިއަކީ ވެސް ހަމަ އެކައްޗެކޭ ބުނާ އަޑެވެ."
"އެހެންވާން ޖެހޭނީ ކީއްވެ ހެއްޔެވެ؟" ބައްޕަ އެއްސެވިއެވެ.
ދެން ސޭޓު ނަންގަތެވެ. "މިހުރިހާ އެއްޗަކީ ވެސް ހުސްބުޅީގައި ގަންނަ އެއްޗެހި ނޫން ހެއްޔެވެ؟ އަދި، އެއެއްޗިއްސާ އަހަރުމެންނާ ވެސް މާ ބޮޑު ތަފާތެއް ނެތެވެ. އަހަރުމެން ވެސް ގަބޫލުކުރަނީ ދެ އަހަރު ނިންމޭނެ ބުރިޖެއް ފަސް ނޫނީ ހަ އަހަރުން ނުނިމުނަސް އެއީ ހަމަ މޮޅު ގޮތް ކަމެވެ. އަދި، މިއީ ބުއްދީގެ ހަމަތައް ނިޔާކުރާ ކަމެއް ކަމުގައެވެ."
ބައްޕަ: ތީ ވެސް ހަމަ ރަނގަޅު ވާހަކައެކެވެ. މާގިނައިން މަސްކާކަމަށް ވަންޏާ މަހަށް ވާ ގޮތެއް އަހަރުމެންނަށް ވެދާނެ ކަމީ ބުއްދި ގަބޫލުކުރާ ކަމެކެވެ. މަސް ހުސްބުޅީގައި ގަންނަ ކަމަށް ވަންޏާ އަހަރުމެން ވެސް ހުސްބުޅިގައި ގަންނާނެ ނޫން ހެއްޔެވެ؟"
އެހެން ބުނެ، މަސްރޮށިތައް ސައިފިހާރައިގައި ބަހައްޓަވާފައި ބައްޕަ އެނބުރި ގެއަށް ދުރުވިއެވެ. ދަރިފުޅު ބުނާ ވާހަކައަކީ ބައްޕައަށް ހަމަޖެހޭ ވާހަކައެކެވެ! ޕާޓީގެ ވާހަކައަކީ ޕާޓީ މީހުންނަށް ހަމަ އެންމެ ރަނގަޅު ވާހަކައެކޭ އެއްފަދައިންނެވެ. ރޭގަނޑަކީ ދުވާލޭ ދުވާލަކީ ރޭނގަނޑޭ ބުންޏަސް ވެހެވެ! ޅެންވެރިޔާ ބުނެފައިވާ ފަދައިންނެވެ:
ياقوم لا تتكلموا إن الكلام محرم
ޤައުމުގެ ދަރީންނޭ ބަސްއަހާ ވާހަކަ ނުދައްކާށޭ ސަފުން
ވައި އަނގަތަޅާ ހެދުމީ ތިހެން ގައިމުން ހަރާން ކަމަކަށް ވުމުން
ناموا ولا تستيقظوا ما فاز إلا النوم
ފައި ދަމަދަމާފައި ނިދުމުގައި ދެމި ތިއްބަވާށޭ ދާނުގައި
ވާނީ އެދޭހެން ކާމިޔާބު ޣާފިލުވެ ތިބެގެންނޭ މިހެން
وتأخروا عن كل ما تقضي بأن تتقدموا
ފަސްޖެހި ތިބޭށޭ ކަންކަމުން، މުސްތަޤުބަލަށް ފައިދާކުރާ
ކޮސް އަނގަތެޅުން ވެސް މޮޅުކަމެއް ކަމުގައި ހަދައި ހެވިފާ ނިކަން
ودعوا التفهم جانبا فالخير ألا تفهموا
އެކުވެރިވެ އެއްބައިވަންތަވުން އެކުގައި ނަގާ އެއްލާށެލާ
ވަކިވަކިވެ ބައިބައި ކުރުމުގައި ނަސްރޭ އޮތީ ހީކޮށްލަމުން
وتثبتوا في جهلكم فالشر ألا تتعلموا
ހޭވެރިވެ ހޭލުންތެރިކަމެއް ބޭނުން ނެތޭ ބުނެ އިއްވަމުން
މޭރުން ނުވުން އެއްވެސް ކަމެއް މޮޅު ގޮތް ކަމަށް ވީއޭ ހަދަން
أما السياسة فاتركوا أبدا وإلا تندموا
ކަންކަން ސިޔާސީ އެންމެހައި ނަންވެސް ނުގަންނާށޭ މިހެން
ކަންތައް ނުވާ ނަމަ ދެން އޮތީ ދަންޖެއްސުމާ އެކުގައި މެރުން
إن السياسة سرها لو تعلمون مطلسم
ސިއްރާއި ހިކުމަތްތައް އެނގޭ ނަމައީ ސިޔާސަތު ނަންދެވޭ
އެއްޗެއް އެއީ ފަހުމެއްނުވާ އަރަތެއް ކަމުން ނުފިލާ އޮޅުން
وإذا أفضتم في المبــــــــــــــــــاح من الحديث فجمجموا
އޮތް މިންވަރުން ވެސް ހުއްދައެއް ދައްކާ ހަދާ ވާހަކަ ވިޔަސް
ފެންވަރު ނުހުންނަ ގޮތަކަށް ދެމޭ ހާސަރު ކަމަށް ވީއޭ ހަދަން
من شاء منكم أن يعيـــــــــــــــــش اليوم وهو مكرم
فليمس لا سمع ولا بصر لديه ولا فم
މިއަދަށް އުޅެން، ބޭނުންވި ނަމަ ޝަރަފާ އެކީގައި އިއްޒަތާ
އަނގައެއް، ލޮލެއް، އަދި ކަންފަތެއް، ނެތް މީހަކަށް، ވާށޭ މުޅިން
فارضوا بحكم الدهر مهــــــــــــما كان فيه تحكم
ރުހިގެން ތިބޭށޭ މީ ޒަމާނުގެ ގޮތް ކަމަށް ހީކޮށްލަމުން
ފުރިހަމަވި އިސްތިބްދާދު އޮތް ނަމަވެސް، ގަޔާވެވިފާ ނިކަން
إن قيل هذا شهدكم مر فقولوا علقم
މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެ ނަމަ ފަސްޖެހި ނުލައި
އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން
أو قيل إن نهاركم ليل فقولوا مظلم
އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭނގަޑޭ ބުނެވޭ އިރަށް
ބުނެލާށެ އާނ! މީ ރޭނގަޑޭ ގަދަ ވެސްމެއޭ ކަޅު އަނދިރިކަން
إن قيل إن ثمادكم سيل فقولوا مفعم
ކުޑަކުޑަ މިތާ އޮތް ފެން ފޮދެއް ފެނުނަސް އެއީ ބޮޑު ސައިލެކޭ
ބުނެވޭ އިރަށް ވެސް އާނއެކޭ ބުނެލާށެ މާ ކަޑެކޭ ވި ފުން
أو قيل إن بلادكم يا قوم سوف تقسم
فتحمدوا وتشكروا وترنحوا وترنموا
ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް
ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން
