ޛުއްނޫން އައްޔޫބު 2
މުވާސަލާތާއި އިގުތިސާދާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އިބުރާހިމު އޭނާގެ ދުވަހުގެ ވާޖިބުތައް އަދާކޮށް ނިންމާލައްވައިފިއެވެ. މިވާޖިބުތަކުގެ ތެރޭގައި ދެތިން ރަސްމީ ސިޓީއެއްގައި ސޮއިކޮށްލެއްވުން ނޫންކަމެއް ނޯވެއެވެ. އޭނާގެ ވާޖިބުތައް އަދާކުރައްވައި ނިންމެވުމަށްފަހު ގޮނޑިކޮޅުގައި ރަނގަޅަށް ހިންދެމިލެއްވިއެވެ. އަދި ފުންވިސްނުމެއްގެ ތެރެއަށް ގެއްލިވަޑައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަދި އަމާންކަމެވެ. ހަތަރުވަރަކަށް މަސްވެސް ވަޒީފާގައި ހޭދަ ނުކުރައްވައި، ދާދި ކުރު މުއްދަތެއްގެ ތެރޭގައި ވަޒީފާގެ ކުރިއެރުމުގައި ދެހަރުފަތެއް އޭނާވަނީ ގިރާކުރައްވައިފައެވެ. މިހާރު އޭނާ އަކީ 'ޑިރެކްޓަރ ޖެނެރަލް' އެކެވެ. ވުޒާރާގައި ވަރަށްވެސް މުހިއްމު ޝަޚުސިއްޔަތެކެވެ. އަދި އޭނާއަކީ، އޭނާއާ އެއް އުމުރުގެ، އަދި ތައުލީމީ ގޮތުން އެއް ފެންވަރެއްގެ، މީހުންނާ އަޅާބަލާއިރު، އެފަދަ މީހުން ހަސަދަވެރިވާނޭހާ ބޮޑު މުސާރައެއްގެ ވެރިއެކެވެ. އޭނާ ކިތަންމެ ބޮޑާވެފައި ފޮނިވިޔަސް، އޭނާއަށް މި ވަޒީފާގައި ދެމިހުންނެވެނީ ކިހިނެއްކަން، އޭނާގެ ހަނދާނުން ފަހަރެއްގައިވެސް ފޮހެވިގެންނެއްނުދެއެވެ. އޭނާ މަސައްކަތް ކުރައްވާ ވުޒާރާއެއް އުވިނުދިޔުމަށްޓަކައި މަސައްކަތް ނުކުރެއްވިނަމަ އޭނާއަށް އޭނާގެ ވަޒީފާލިބިވަޑައިގެންފައި ނެތީހެވެ. އެހެންވެ، ޒަމާން ފުރޮޅެމުންދާދިއުމާއި ދުވަސްތަކުގެ ކެހިވެރިކަމުން ރައްކާތެރިކަން ހޯދުން އެއީ ހަމަ ނުކޮށްނުވާނޭ ކަމެކެވެ. ދުވަހަކު ކޮޅުންވިޔަސް، ޑޮކްޓަރ އިބުރާހިމުގެ ވުޒާރާ އުވިހިނގައްޖެނަމަ، އޭނާގެ ވަޒީފާވެސް އުވި ގެއްލިގެންދާނެއެވެ. އަދި އޭނާ ވަޒީފާ ހޯދަން ކުރެއްވި ހުރިހާ މަސައްކަތެއް އޮންނާނީ ވަޔަށް ބުރައިގެންގޮސްފައެވެ. އެހެންވީމާ މުސްތަގުބަލަށްޓަކައި ކޮންމެހެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން ޖެހެއެވެ. އަދި އޭނާ ކިޔަވާ ވިދާޅުވި މަދަރުސާއިން ކިޔަވާ ދަސްވެނިވެ އެއް ސެޓިފިކެޓެއް ހިފައިގެން އައިސް އޭނާއާ ވާދަކުރަން އުޅެފާނެ އެހެން މީހުންނާ ދޭތެރޭ ވިސްނައި ފިޔަވަޅު އަޅަން ޖެހެއެވެ. އަދި ހަމަ އެހެންމެ، އޭނާގެ އަދާވަތްތެރީންނާ ދޭތެރޭވެސް ވިސްނާ ސަލާމަތުގެ ފިޔަވަޅު އަޅަންޖެހެއެވެ. މިއަދާވަތްތެރިންނަކީ، ޑޮކްޓަރ އިބުރާހިމު ކުރިއަރައިގެން ދިޔުމުގެ މަގުމަތީގައި އެމީހުންގެ ވަޒީފާ ޖަހައިގަންނަވައި، އެމީހުންގެ ހައްގުތަކަށް އޭނާގެ ފައިންޕުޅުން އެރުއްވި މީސްމީހުންނެވެ. އެހެންވެ، ދިމާވެދާނޭ ކުއްލި ނުރައްކަލެއްގެ ބިރުން ސަލާމަތްކަން ހޯދުމުގެގޮތުން ވަރުގަދަ ފިޔަވަޅެއް އެޅުއްވުމާ ދޭތެރޭ ވިސްނާވަޑައިގެން ފިކުރުކުރެއްވުމަކީ ހަމަ އެންމެ ރަގަޅުކަމެކެވެ. އަދި އެފިޔަވަޅުތައް ވަރުގަދަކޮށް، އޭގައި ވާނަމަ ވާ އުނިކަމެއް ފޫބެއްދުމަށްޓަކައި، ލިބިވަޑައިގަންވާ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަގަޅަށް ކުރައްވަންވެސް ޖެހޭނޭމެއެވެ.
މިގޮތުން ޑޮކްޓަރ އިބުރާހިމު އަޅުއްވާ ސަލާމަތުގެ ފިޔަވަޅުތައް ގުޅިފައިވަނީ ދެކަމަކާއެވެ. ފުރަތަމަ ކަމަކީ ބޮޑެތި ބޮޑެތި ބޭފުޅުންނާ ބައްދަލުކޮށް، ތައާރަފުވެ، އެބޭބޭފުޅުންނާ ގުޅުން އުފައްދައި ގިނަގިނައިން އެބޭބޭފުޅުންނަށް ޒިޔާރަތްކޮށް އުޅުއްވުމެވެ. އަދި އެފަދަ ބޭބޭފުޅުންގެ ހާޒިރުގައި އެބޭބޭފުޅުން ރުހިވަޑައިގަންނަވާ ގޮތެއްގެ މަތިން ވާހަކަދައްކަވައި އެބޭބޭފުޅުންގެ ހިތާއި ސިކުނޑީގެ ރުހުމާއި މަގްބޫލުކަން ހޯއްދެވުމެވެ. ދެވަނަކަމަކީ ރަށުގެ އެކިއެކި ކުލަބުތަކާއި ޖަމިއްޔާތަކުގެ މެމްބަރަކަށް ވެވަޑައިގަތުމެވެ. އެއީ ކޮންމެ ކުލައްގެ ކުލަބަކަށް ނޫނީ ޖަމިއްޔާއަކަށް ވިޔަސްވެހެވެ. ވަތަނީ ނޫނީ ދީނީ ނޫނީ އިލްމީ ޖަމިއްޔާއަކަށް ވިޔަސްވެހެވެ. އަދި މިފަދަ ޖަމިއްޔާތަކުގެ މެމްބަރުން، ނަށާ އުޅެނީ ކޮން ރާގަކަށްތޯއާއި، ވާހަކަދައްކާ އުޅެނީ ކޮން ބަހުރުވައަކުންތޯއާ ދެނެގަތުމެވެ. އަދި ފުރުސަތު ލިބިވަޑައިގަތުމުން، މޮޅު ވާހަކަދެއްކުންތެރިއަކަށްވެވަޑައިގެން، އެޖަމިއްޔާތަކުގެ މެމްބަރުންގެ މެދުގައި އެމީހުން އެދޭ ރާގެއް ކުޅެ އެމީހުންގެ ބަހުރުވައިން ވާހަކަދައްކައި އެމީހުންގެ ރުހުން ހޯއްދެވުމެވެ.
މީގެ އިތުރުން، ވަޒީފާ ރައްކާތެރިކުރެއްވުމުގެގޮތުން އެޅުއްވި ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި، ރަށުގެ ނޫސް މަޖައްލާތަކުގެ ވެރިންގެ އިތުބާރު ހޯއްދެވުންވެސް ހިމެނެއެވެ. އެގޮތުން ހުރިހާ ނޫސް މަޖައްލާއެއްގައިވެސް ބައިވެރިވެލައްވައި ދިގު ލިޔުންތައް ޝާއިއު ކުރެއްވިއެވެ. އަދި އެނޫސް މަޖައްލާތަކަށް ހަމަހަމަކޮށް ޑޮކްޓަރު އިބުރާހިމުގެ ވުޒާރާއިން އިއުލާނުތައް ޝާއިއު ކުރުމަށް ދެއްވަމުން ގެންދެއްވިއެވެ. ޑޮކްޓަރ އިބުރާހިމު ނޫސް މަޖައްލާތަކަށް އެންމެ ފުރަތަމަ ލިޔުއްވި ލިޔުއްވުމުގެ މައުޟޫއު ގުޅިފައިއޮތީ ސެޓިފިކެޓުގެ ވެރީންނަށް އިހުތިރާމުކޮށް އެފަދަ މީސްމީހުންނަށް ފުރިހަމަ އިތުބާރުކުރުމާ ބެހޭގޮތުންނެވެ. ދެން އެއަށްފަހު، ދަނޑުވެރިކަމުގެ ގޮތުން ފޫބައްދަން ޖެހޭކަންކަން ފޫބެއްދުމަށްޓަކައި އޭނާ ކުރައްވަން ނިންމާފައިވާ ބޮޑެތި ބޮޑެތި މަޝްރޫއުތަކާ ބެހޭގޮތުންނެވެ. މިފަދަ މަޝްރޫއުތަކަކީ، ޚުދް އޭނާއަށްވެސް އެނގިވަޑައިގަންނަވާ ފަދައިން، ގިނަބަޔަކަށްވެސް އެއީ ހަމަ އެކަނި ކަރުދާހުގައި ލިޔެލެވޭ އެއްޗެއްކަން އެނގެއެވެ. މިފަދަ ލިޔުންތަކުން ގަސްދުކުރެވެނީ ތަންދޮރު ރަގަޅަށް އޮޅުން ނުފިލާ ތިބި އާދައިގެ މީހުންނަށް، އޭނާއަށް ވަޒީފާ ލިބުމުގެ މާކުރިންވެސް، އޭނާ ވައުދުވެފައިވާ ކަންކަމަށް އަމަލީ ސިފަ ގެންނަމުންދާކަން ދައްކުވައި ދިނުމެވެ. މިފދަ މަޝްރޫއުތަކަށް އަމަލީ ސިފައެއް ގެނައުމަކީ މުސްތަހީލު ކަމެއްކަމަށް އެންމެ ފުރަތަމަ އިއުތިރާފުވެވަޑައިގަންނަވާނީ ހަމަ ޑޮކްޓަރ އިބުރާހިމު އެވެ. ނޫސް މަޖައްލާތަކުގެ ވެރިންނާ މިގޮތުން ގުޅުން އުފައްދަވާފައި ނިންމަވާލެއްވީކީ ނޫނެވެ. މީގެ އިތުރުން، އެމީސްމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޑޮކްޓަރ އިބުރާހިމު އަވަސްވެވަޑައިގަނެއެވެ. އެގޮތުން، ފުރުސަތެއް ލިބޭހިނދު ނޫސްމަޖައްލާތަކުގެ ވެރިންގެ ގާތް ތިމާގެ މީހުންނަށް ވަޒީފާދީ ނޫނީ އެފަދަމީސްމީހުންނަށް ވަޒީފާގެ ކުރިއެރުންދީހައްދަވައެވެ. މިހެންވެ، ނޫސްމަޖައްލާ ތަކުގެ ވެރިންގެ ގާތުގައި ޑޮކްޓަރު އިބްރާހިމަކީ ވަރަށްވެސް މަގުބޫލު ބޭފުޅެކެވެ. ނޫސް މަޖައްލާތަކުގެ ކޮންމެ އަދަދެއްގައިހެން ޑޮކްޓަރު އިބުރާހިމުއަށް ތައުރީފުކޮށް އޭނާގެ ނަންމަޝްހޫރު ކުރުމުގެ އިޝްތިހާރީ ލިޔުންތައް ޝާއިއު ކުރެވެމުންދެއެވެ.
އޭނާގެ ވަޒީފާ ސަލާމަތްކުރެއްވުމުގެ ގޮތުން ޑޮކްޓަރު އިބުރާހިމު އެޅުއްވު ފިޔަވަޅުގެތެރެއިން އެންމެ މުހިއްމު ފިޔަވަޅަކީ ދަނޑުވެރިކަމުގެ ރޮގުން ބޭރަށް ކިޔަވަން ދިއުމަށް ކުދިންނަށް ދެވޭ އިސްކޯލަޝިޕުތައް އޭނާގެ ބާރުގެ ދަށަށް ގެންނެވުމެވެ. އޭނާގެ އެއްބަސްވެޑައިގަތުމަށްފަހު ސޮއިކުރެއްވުމުން މެނުވީ ސަރުކާރުން އެއްވެސް ކުއްޖަކު މިރޮގުން ކިޔަވަން ނުދެވޭގޮތް ހެއްދެވިއެވެ.
ކިޔުންތެރިންނަށް ޑޮކްޓަރު އިބްރާހީމުގެ މިހުރިހާ ތަދުބީރުތަކެއްގެ ވާހަކަ އެނގުމުން، އޭނާ ތަފާތު އެތައް ޖަމިއްޔާތަކެއްގެ މެމްބަރެއްގެ ގޮތުން ހަރަކާތްތެރިވެ ލައްވާތަން ފެނުމުން ހައިރާނެއްނުވާނެއެވެ. އޭނާއަކީ މުސްލިމު ޒުވާނުންގެ ގުޅުމުގެ ހަރަކާތްތެރި މެމްބަރެކެވެ. އެހެނީ އޭނާއަކީ ދީނަށް ނުހުނު ލޯބިކުރާ މުސްލިމަކަށްވާތީއެވެ. އޭނާއަކީ މަސީހީ ޒުވާނުންގެ ގުޅުމުގެވެސް މެމްބަރެކެވެ. އެހެނީ އޭނާގެ އަނބިކަނބަލުންނަކީ ދީންވެރި އިނގިރޭސި މަސީހީ އަކަށްވީތީއެވެ. ހަމަ އެހެންމެ އޭނާއަކީ ފުރީމޭސަނުންގެ ގުޅުމުގެ މެމްބަރެއްވެސް މެއެވެ. އެހެނީ އޭނާއަކީ މަތިވެރި އަޚުލާގެއްގެ ވެރިޔަކަށް ވީތީއެވެ. އަދި އޭނާއަކީ ގައުމިއްޔަތު ދިރުވާ ކުލަބެއްކަމަށްވާ މުޘައްނާ ބިން ހާރިޘް ގެ ކުލަބުގެވެސް މެމްބަރެކެވެ. އެހެނީ އޭނާއަކީ ތެދުވެރި ގައުމީ ބޭފުޅަކަށްވެސް ވީމައެވެ. އަދި ތައައްސުބުން ފުރިފައިވާ ސުންނީމީހުންގެ ކުރިމަތީގައި ޝީއީ މީހުންނަށް ބަހުގެ ވަރުގަދަ ހަމަލާތައްދެއްވައި ޝީއީ މީހުންނަކީ އަރަބީންނޫންކަމަށް ވިދާޅުވެ، އޭނާވެސް ހިމެނިވަޑައިގަންނަވާ ޖަމާއަތް ކަމުގައިވާ ސުންނީމީހުންގެ ތާއިދު ހޯދަން މަސައްކަތްކުރައްވައެވެ. އަދި ކޮމިނުސްޓުންގެގާތުގައި، އޭނާއަކީ ކިޔަވާވިދާޅުވި ދުވަސްވަރު ކޮމިނިސްޓެއްގެ ގޮތުގައިކަމަށް އިއުތިރާފުވެވަޑައިގަނެއެވެ. އެއްދުވަހަކު މީހަކު ޖެހިލުން ކަޑައިލައިފައި ޑޮކްޓަރު އިބުރާހިމުގެ އަރިހުގައި ތިހުރިހާ ތަފާތު އިދިކީލަ އުސޫލުތައް އެއްގޮތްކޮށް ތަފާތުތައް ނައްތާލައްވަނީ ކިހިނެއްތޯ ދެންނެވުމުން ވިދާޅުވީ މިހެންނެވެ. އިނގިރޭސިވިލާތުގެ ވަލީއަހުދު އަލްއަމީރު ޗާރލްސް ވެސް ތަފާތު ޖަމިއްޔާތަކުގައި ހަރަކާތްތެރިވެލައްވާ ވާހަކައެވެ.
އިސްކޯލަޝިޕް ދިއުމަށް ޑރ. އިބްރާހިމު ހޮއްވަވާ ކުދީންނަކީ ގަބު، ތައުލީމީގޮތުން މާ މޮޅުނޫން، އަދި ޖިސްމާނީގޮތުންވެސް ޟައީފު ކުދިންނަށްވެފައިވުމުން، ކިޔުންތެރިން އެކަމާމެދު ހައިރާންވާނޭހެނެއް ހިޔެއްނުވެއެވެ. އެފަދަ ކުދިން ކިޔަވަން ގޮއްސާ އެނބުރިއަންނަނީ ހަމަދިޔަ ހާލުގައި ހުސްއަތާއެވެ. މާބޮޑު ކިޔެވުމެއް ނުކިޔެވި ދައުލަތުގެ ޚަޒާނާއިން ބޮޑުއަދަދެއްގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކޮށްފައެވެ. މިހެން ކަންތައް ވުމުން ދަލީލު ލިބެނީ ޑރ. އިބުރާހިމަކީ އޭނާވަރުގެ ދެވަނައެއްނެތްފަދަ މޮޅު މީހެއްކަމަށެވެ. އެހެނީ އެހެން ހުރިހާ ކުދިން ފޭލިވާއިރު ޑރ. އިބުރާހިމަށް، އެހާ ފަސޭހަކަމާއެކު ފާސްވެވަޑައިގެން، ސަނަދު ހާސިލެއް ނުކުރެއްވުނީސްތާއެވެ.
މިހެއްކަންތައްތައް ވަމުންދަނިކޮށް، އެއްދުވަހަކު، ޑރ. އިބުރާހިމު ކޯފާކޮށްލައި ނުރުހުން ކުރުވި ކަމެއް ދިމާވިއެވެ. ޑރ. އިބުރާހިމު ކިޔަވާވިދާޅުވި ކޮލެޖުން ކިޔަވައިގެން ހުރި، އޭނާގެ އަތްޕުޅުގައި އޮތް ފާހާއި އެއްވަރު ފާހަކާއި އަދި އޭނާއަށް ވުރެ މާމަތީ ދަރަޖައަކުން ފާސްވެފައިވާ ޒުވާނަކު، އޭނާގެ ވުޒާރާއިން ވަޒީފާއަކަށް އެދުނީއެވެ. ޑރ. އިބުރާހިމު ނުބައްލަވާހުންނަވަނިކޮށް، އޭނާ ޖައްސަވާފައިވާ ދަތިތަކާއި ދައްމަވާފައި ވާތައް ގިރާކޮށް ވަޒީފާއަކަށް އެދޭ ހިސާބަށް މިޒުވާނާއަށް އާދެވުނުގޮތާއިމެދު ޑރ. އިބުރާހިމު ހައިރާންވެލެއްވިއެވެ. އަދި ޑޮކްޓަރ އަށް މިޒުވާނާކިއެވީ އަމިއްލަ ޚަރަދުގައިކަން އެނގިނުލެއްވިނަމަ، އަމިއްލަ ނަފްސު ވަރަށް ބޮޑަށް ކުށްވެރިކުރެއްވީހެވެ. ކޮންމެއަކަސް މިޒުވާނާ އެދުނު ކަންތަކުގެ ސަބަބުން ބޮޑު މުސީބަތަކާކުރި މަތިލުމުން ސަލާމަތްކޮށްދިނީ ސަރުކާރުގެ ގަވާއިދެކެވެ. އެއީ އަމިއްލަގޮތުން ކިޔަވާ މީހުންނަށް ވަޒީފާދޭކަށް ސަރުކާރަށް މަޖުބޫރު ނުވުމެވެ. އެހެންވެ، މާފާއެކު ޑރ. އިބުރާހިމު އެ ޒުވާނާއަށް އެންގީ އޭނާގެ ވުޒާރާގެ ހުރިހާ ވަޒީފާއެއްވަނީ ސަނަދުއޮތް ގާބިލު މީހުންލައި ފުރާލެވިފައިކަމެވެ. އަދި އެޒުވާނާއަށް، އެޑިއުކޭޝަން މިނިސްޓުރީގައި އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސެއްގެ ވަޒީފާއަކަށް ނަމަވެސް އެދުމަށް، އިޚުލާސްތެރިކަމާއެކު ޑޮކްޓަރ އިބުރާހިމު އިރުޝާދުދެއްވިއެވެ.
މިހެން ކަންތައް ދިމާވުމަކުން މިޒުވާނާ ފަހަރެއްގައިވެސް މާޔޫސެއްނުވެއެވެ. އެހެނީ އޭނާއަކީ ހަމަ ފައްކާ އިރާގުގެ މީހެކެވެ. މުސްތަހީލުކަންތައްތައް ދާދިފަސޭހައިން ކޮށްލާނީ ކިހިނެއްކަމާއި މަނާކަންތައް ހުއްދަކޮށްލާނޭގޮތާއި ޣައިރު ގާނޫނީ ކަންތައްތައް ގާނޫނީ ކަންކަމަށްހަދާލާނޭ ގޮތްވެސް އޭނާދަނެއެވެ. ވަޒީފާ ނުލިބުމުން ދެން އޭނާ ދިޔައީ އޭނާގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންގެ ގާތަށެވެ. އަދި އެމީހުންގެ ކިބައިން އެދުނީ މިމުސްތަބިއްދު ޑޮކްޓަރާއި އޭނާއާއި ދެމެދުގެ މެދުވެރިއެއްގެ ބައިއަދާކުރާނޭ ބޮޑު ބޭފުޅަކު ހޯދުމަށެވެ. އަދި ޑޮކްޓަރު އިބުރާހިމާ ގާތް، އޭނާގެ އަރިހުގައި ގަދަރުވެރި ހިތްހެޔެ ޒައީމަކު ހޯދާކަށް ޒުވާނާގެ ގާތްތިމާގެ މީހުންނަށް މާބޮޑުކަމަކަށް ނުވިއެވެ.
ގޮތްދޫނުކުރާ މި މޮޔަ ޒުވާނާޔާ ހެދި ޑޮކްޓަރ އިބުރާހިމާ ބޮޑު ބޭފުޅަކާއި ދެމެދުއޮތް ގާތްގުޅުން ކެނޑިދާނެތީ ޑޮކްޓަރ ވަރަށް ކޯފާވެލެއްވިއެވެ. އަދި އެހެންވެ އިތުރުފުޅެއް ހައްދަވަން ކުޑަކޮށްވެސް ޖެހުލުންވެ ވަޑައިނުގަންނަވައި، އެބޮޑުބޭފުޅާ އަރިހުގައި ޑޮކްޓަރ ދެންނެވިއެވެ. "ތިނޫން ކަމަކާގެން، ނުވަތަ ތިއަށްވުރެ ބޮޑުކަމަކާއިގެން، އަޅުގަނޑުގާތަށް މަނިކުފާނު ވަޑައިގެންނެވިނަމަ އެކަންކޮށްދޭކަށް އަޅުގަނޑު ފަހެއް ނުޖެހުނީމެވެ. ނަމަވެސް މިޒުވާނާއަކީ ދީންގަބޫލު ނުކުރާ ކޮމިޔުނިސްޓެކެވެ. އޭނާގެ މަގުސަދަކީ ދަނޑުވެރިންނާ ގުޅުން އުފައްދައި ކޮމިޔުނިސްޓު ޚިޔާލު އެމީހުންގެ މެދުގައި ފެތުރުމެވެ. ޒިރާއީ ވުޒާރައިގައި ވަޒީފާއެއް އޭނާ ހޯދުމުގައި މިކަމަށް މަގުފަހިކޮށް، އެގޮތުން، ވަރުގަދަ ހަތިޔާރެއް ހޯދުންނޫން ދެވަނަ އެހެން ބޭނުމެއް އޭނާގެ ނެތެވެ."
މިވާހަކައިން ޑޮކްޓަރުގެ މަގުސަދު ހާސިލުވިއެވެ. މިދެންނެވި ބޮޑު ބޭފުޅަކީ ކޮމިއުނިސްޓު، މިލަފުޒާ އަދި އެލަފުޒާ ގުޅުންހުރި ކޮންމެކަމެއްދެކެ، އިންތިހާއަށް ނަފުރުތަކުރައްވާ ބޭފުޅެކެވެ. އަދި ޑޮކްޓަރުގެ ވާހަކަ އެއްސެވުމަށްފަހު، ކޯފާވެވަޑައިގެން، މިޒުވާނާއަށް ވަޒީފާ ހޯދައިދިނުމަށް މެދުވެރިއަކަށްވެ ވަޑައިގަތުމަށް އެދުނު މީހާ ހުތުރުގޮތަކަށް ބޭރުކޮށްލައްވައި ފައްސަވާލައްވާނޭކަމަށް ހުވާކުރައްވައި، ނިކުމެވަޑައިގެން ވަޑައިގަތެވެ.
ދެން އެޒުވާނާއަށް އަނެއްކާވެސް މަޖުބޫރުވީ ކުރީގެ ޒައީމަށް ކާމިޔާބު ނުކުރެއްވުނު މަސައްކަތް ކުރުމަށްޓަކައި އެހެން މެދުވެރިޔަކު ހޯދާށެވެ. އޭނާއަށް އެހާފަސޭހައިން އޮޅުވާނުލެވޭނޭ އަދި އޭނާގެ ކުރިމަތީ ދޮގުހަދައި މަތިއޮމާންކޮށް ނުލެވޭފަދަ މެދުވަރިޔަކު ހޯދާށެވެ. މިކަންކުރުމަށް ޒުވާނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދިއެވެ. ދެން އެރަހުމަތްތެރިޔާ އޭނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދިއެވެ. އަދި މިރަހުމަތްތެރިޔާ އޭނާގެ ރަހުމަތްތެރިޔެއް މެދުވެރިކޮށް ކަމުވޮށިވެގެންވާ ނުފޫޒުގަދަ އާއިލާއެއްގެ މެމްބަރަކު މެދުވެރިކުރުވައި އެމެމްބަރުގެ ބައްޕަ އަރިހުގައި މިޒުވާނާއަށް ވަޒީފާއެއް ހޯދައިދިނުމަށް އެހީވެ ދެއްވުމަށް ދެންނެވިއެވެ. އަދި ބައްޕާފުޅު އެއީ މާބޮޑު މައްސަލައެއްނޫންކަމަށް ވިދާޅުވެ އެކަންކޮށްދެއްވުމަށް އެއްބަސްވެވަޑައިގަތެވެ.
ދެން އަޅުގަޑުމެންގެ ޑޮކްޓަރު އިބުރާހިމު އަރިއަހަށް ޒިޔާރަތް ކުރައްވައި، ވިސްނުންތޫނު މޮޅު ޒުވާނާއަށް ވަޒީފާއެއް ދެއްވުމަށް، ބައްޕާފުޅު އެދިލެއްވިއެވެ. އެހިނދު ޑޮކްޓަރ އިންތިހާއަށް ކޯފާއިސްކުރައްވައި، ހިތާހިތުން އެޒުވާނާ ދުނިޔެއަށް ފޮނުއްވީތީ ލައުނަތް ދެއްވައި، ހަމަ ވަގުތުން އޭނާގެކައިރިއަށް ވަޑައިގެން އިންނެވި މެހެމާނު، އާދެ، ބައްޕާފުޅު، އަރިހުގައި ދެންނެވެއިވެ. "މިޝައިތޯނާގެ ދަލުގައި މަނިކުފާނު ޖެހިވަޑައިގަތީ ކިހިނެއްތޯއެވެ؟ އޭނާއަކީ ވަކިވެގަންނަންއުޅޭ ޝީއީންގެ ޖަމާއަތަކަށް ނިސްބަތްވާ މަކަރުވެރި ހީލަތްތެރިއެކެވެ. އެމީހުންގެ މަގުސަދަކީ އިރާގުގެ ދެކުނާއި އުތުރު ވަކިކޮށް ދެކުނުގެ ސަރަހައްދު އަޖަމީ ފާރިސުންނަށް ދިނުމެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑު މިޝައިތޯނަށް އޭނާގެ ވިހަ ފަތުރާލުމުގެ ފުރުސަތުދޭންތޯއެވެ؟"
މިދެންނެވި ބައްޕާފުޅަކީ ސުންނީންގެ ކޮޅަށް އިންތިހާއަށް ބުރަވެވަޑައިގަންނަވާ، ދީނީ ސަބަބުތަކަކަށްޓަކައި އެންމެ ފުރަތަމަ ޝީއީ މީހުންގެ މަޒުހަބު ކަމުގައިވާ ޖައުފަރީ މަޒުހަބަށް ނަފުރަތުކުރައްވާ ބޭފުޅެކެވެ. އަދި ފަހުން ގައުމިއްޔަތުގެ ފޯރީގައި ޖެހިވަޑައިގެން ގައުމީ ބޭފުޅަކަށް ވެވަޑައިގެން ހުންނެވިއެވެ. މުސްތަގުބަލުގައި، ބައްޕާފުޅު ފުރޮޅިގެންދާނީ ކޮންކަހަލަ ބޭފުޅަކަށްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ! ކޮންމެއަކަސް ބައްޕާފުޅު އެޒުވާނާއަށް އެހީތެރިވުމުގެ ބަދަލުގައި، އޭނާއާއި މުޅިން އިދިކޮޅު، އޭނާދެކެ އިންތިހާއަށް ފޫހިވާ ބޭފުޅަކަށްވެވަޑައިގެންފިއެވެ.
ޑޮކްޓަރު އިބުރާހިމު، އޭނާގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި، ކޮންމެފަދަ ގޮތްކުޑަގޮތެއްވެސް ބޭނުންފުޅު ކުރައްވާފާނޭކަން މިހާރު އެޒުވާނާއަށް ވިސްނިއްޖެއެވެ. އަދި އޭނާގެ ނާރުތަކުގައި ލޭހޫނުވެ ކެކިގަތެވެ. އަދި ޑޮކްޓަރު އިބުރާހިމުގެ ކިބައިން ބަދަލު ހިފުމަށް ނިންމިއެވެ. އަދި ރުޅިއައިސް ހަމައިންނެއްޓިހުރެ، ޑޮކްޓަރ އިބުރާހިމުގެ ވުޒާރާއަށް ދިޔައެވެ. އަދި ހުއްދަހޯދުމެއްނެތި ޑޮކްޓަރުގެ އޮފީހަށް ވަދެގަތެވެ. އަދި ޖާޑިއެއް އުފުލާލިހެން ޑޮކްޓަރ އިންނެވި ގޮނޑިން ނަގައި ބިންމައްޗަށް ގުޅައަކަށް ޖެހިއެވެ. ދެން އަތުންނާއި ފައިން ޑޮކްޓަރގައިގާ ތަޅާ ހަމަލާތައް ބޭލިއެވެ. މިހަމަލާއިން ޑޮކްޓަރު ސަލާމަތްކޮށްދިނީ އޭނާގެ ގަދަރުވެރި އޮފީހުގެ ދޮރުވާނުންގެ ހަތަރުމީހުން އައިހެވެ.
އަޅުގަނޑުމެންގެ ޒުވާނާ އެންމެފަހުން އެއްލައިލެވުނީ ޖަލުގެ ކަޅުއަނދިރީ ގޮޅިއަކަށެވެ. އޭނާގެ އަތުންނާއި ފައިން ހެދުނު ގޯހުގެ ސަބަބުންނެވެ. އަދި އޭނާގެ ވުޒާރާގެ ވަޒީރަށް އެރުވުމަށްޓަކައި، އިއްޒަތްރި ޑޮކްޓަރު، އޭނާއަށް ދެވުނު އުދުވާނީ ހަމަލައިގެ ސަބަބު ބަޔާންކުރައްވައި، ވަރަށް ދިގު ރިޕޯޓެއް ތައްޔާރުކުރެއްވިއެވެ. އެރިޕޯޓުގައި އޭނާގެ ވުޒާރާދެކެވެލައްވާ ލޯތްބާއި އަދި އޭނާގެ ވުޒާރާގެ މަސްލަހަތަށްޓަކައި އޭނާކުރައްވާ މަސައްކަތްތަކުގެ ސަބަބުން މިފަދަ ހަމަލާތަކާ އިހާނެތި ގޮތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީކަމަށް އެރިޕޯޓުގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި މިފަދަ ހާދިސާތަކުގެ ސަބަބުން، ހައްގަށް ނަސްރުދިނުމުގައި އޭނާ ދެމިހުންނެވުމުގެ ބާރުދާނީ އިތުރުވެގެންކަމަށްވެސް ލިޔުއްވައިފައިވެއެވެ. އަދި އޭނާގެ ވާޖިބު އަދާކުރެއްވުމުގައި ފުރާނަ ދުކޮށްލައްވަންވެސް ފަސްޖެހިވޑައި ނުގަންނާވާނޭކަމާއި އަމިއްލަ ނަފްސު ގުރުބާންކޮށްލުމަކީ ކޮންމެހާލަތެއްގައިވެސް ކޮންމެ މީހަކުވެސް ކުރަންޖެހޭނޭ ކަމެއްކަންވެސް ރިޕޯޓުގައި ލިއުއްވައިފައިވެއެވެ.
****
މީހުން ރުއްސާފައި ބޭތިއްބުމާއި އަދިވަޒީފާގެ މަސްއޫލިއްޔަތުން ރެކެވަޑައިގެން ހުންނަވާނޭ އާމަގެއް، ޑޮކްޓަރ އިބުރާހިމަށް، މިހާދިސާ ދަސްކޮށްދިނެވެ. ނުފޫޒުވެރި ބޭކަލަކު ކަމަކަށް އެދިލައްވައިފިނަމަ، އަދި އެކަމަކީ އޭނާގެ ވުޒާރައިގެ ހެޔޮނަމަށް މުހިއްމު ކަމަކަށްވެފައި އަދި ސަރުކާރުން މިކަމާ އަޅާނުލާ ހުރެދާނެކަމާމެދު ޝައްކުކުރެވޭނަމަ، ޑޮކްޓަރު އިބުރާހިމުގެ އިސްތަށިފުޅުގައި އެކަމުގެ ޒިންމާ ނޭޅޭނޭގޮތަކަށް، އެމަސައްކަތް ކުރަން، އޭނާގެ ދަށުން މަސައްކަތްކުރާ ކޮންމެވެސް އެހެން މުވައްޒިފަކާ ހަވާލު ކުރައްވައެވެ. އަދި މަސައްކަތް ކާމިޔާބީގޮތުގައި ނިންމާލެވިއްޖެނަމަ، އެމަސައްކަތް ކުރަން އެދިލެއްވި ބޭފުޅެއްގެ ޝުކުރާއި ތައުރީފު އޮންނަނީ ޑޮކްޓަރަށެވެ. އަދި ނާކާމިޔާބުވެއްޖެނަމަ ހުރިހާ ބަދުނާމަކާ ލައުނަތެއް އޮންނަނީ އެމަސައްކަތް ހަވާލުކުރެވުނު މީހަކަށެވެ.
އާދެ، މިގޮތުގެމަތީން، އަޅުގަނޑުމެންގެ އިއްޒަތެރި ޑޮކްޓަރު ހިމެނިވަޑައިގެންހުންނެވީ އެމީސްމީހުންގެ ކަރާމަތާއި އަމިއްލަ ނަފުސުގެ އަބުރާއި އިއްޒަތް ގުރުބާންކޮށްލައްވައި، އަދި ވަތަނުގެ ހެވަށްޓަކައި އެބޭކަލުންގެ ނަފްސު ބޮޑެތި ބޮޑެތި ނުރައްކަލުގެ ތެރެއަށް ހުށަހަޅުއްވާ، އެބޭކަލުންގެ މަސައްކަތް އެންމެފުރިހަމަގޮތުގައި ހީވާގިކަމާއެކު އަދާކުރައްވާ ބޭބޭކަލުންގެ ތެރޭގައެވެ. އެންމެނަށްވެސް ޑޮކްޓަރު އިބުރާހިމުގެ ކުށްތައް އެނގެއެވެ. ނަމަވެސް އޭނާއަށް ފާޑުކިޔާލާނޭ ނޫހެއްނެތެވެ. އޭނާގެ ކަންތައްތައް ބަލައި ހިސާބުކޮށްލާނޭ މުވައްޒަފަކުނެތެވެ. އޭނާއަށް ބަހުގެ ހަމަލާއެއްދޭނޭ ޖަމިއްޔާއެއް ނެތެވެ. އަދި އޭނާއާ އިދިކޮޅަށް ތެދުވާނޭ ޒައީމަކުވެސް ނެތެވެ. އާދެ އެންމެ ފުރަތަމަ ޒިރާއަތުގެ ރޮގުން ޕީ.އެޗް.ޑީގެ ސަނަދު ނަންގަވައިގެން ހުންނެވި ޑޮކްޓަރު އިބުރާހިމު، ސިޔާސީ މައިދާނުގައި މިދެންނެވިފަދަ ކުލަގަދަ ކާމިޔާބީތަކެއް ހޯއްދަވައިފައިވިޔަސް، އޭނާއަށް ހަމަލާދެވި އޭނާއާމެދު އިހާނާތްތެރިކޮށް ކަންތައް ކޮށްލެވުނު ހާދިސާ ވެފައިވަނީ އޭނާގެ ހަޔާތުގެ ކާމިޔާބީތަކުން ލިބޭ އުފާ ކިލަބުކޮށްލާ ކަމަކަށެވެ.
އެހާދިސާ އޭނާއަށް އަންގައިދިނީ އޭނާގެ އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކިތަންމެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުނުކަމުގައިވިޔަސް، އާނާއަކީ މީހުންގެ ކުރިމަތީގައި ހައިބަތު ހުރި، މީހުން ޖެހިލުންވާ ގަދަރުވެރިއަކަށް ނުވާކަމެވެ. ބޮޑު މުސާރައަކާއި ގަދަރުވެރި މަގާމަކާއި ބާރެއް ލިބިފާއޮތުމުން، އެކަންކަން ނެތިގޮސް، ވެރިންގެ ނުރުހުމާ ކުރިމަތިލާންޖެހޭވަގުތު، އެމީހުންގެ ހަގީގަތް ފާޅުވެގެންދާނޭ ދެފުށްދެގޮތް މުނާފިގުންނާއި ޚުޝާމަދުކުރާ މީހުންއައިސް އޭނާއާއި ގާތްވެ އޭނާ ވަށާލަފާނެއެވެ. ނަމަވެސް ފައިސާއާއި މަގާމަކީ އިންސާނާއަށް ހަގީގީ އިއްޒަތާ ގަދަރު ލިއްބައިދޭ އެއްޗެއްނޫނެވެ. އަދީ ޑޮކްޓަރު އިބުރާހިމަށް ވިސްނިވަޑައިގަތީ މީސްތަކުން ލޯތްބާއި އިހުތިރާމު ލިބިގަތުމާއި އަދި ބޮޑު މަގާމެއް ހޯދައިގެން ހުރުމަކީ ފަހަރެއްގައިވެސް އެއްފަހަރާ ހާސިލުނުކުރެވޭނޭ ދެކަމެކެވެ. އެހެންވެ އޭނާ ގަސްދުކުރެއްވީ ދެވަނަކަން އިޚްތިޔާރުކުރައްވައި ބޮޑު މަގާމެއް ހޯއްދަވައިގެން ހުންނެވުމެވެ. ބޮޑުމަގާމަކާ އަޅާބަލާއިރު މީހުންގެ ލޯތްބާއި އިހުތިރާމަކީ މާމުހިއްމު އެއްޗެއްނޫނެވެ. އަދި ހަމައެހެންމެ، އަމިއްލަ ނަފްސުގެ ކަރާމަތާއި އަބުރާއި އިއްޒަތްވެސް ވިއްކާލުމަކީ ބޮޑު ވަޒީފާއަކާ އަޅާބަލާއިރު ކުރަން ހަމަ އެންމެ ރަގަޅުކަމެކެވެ.
އާދެ! ޑޮކްޓަރ އިބުރާހިމުގެ ޝަޚުސިއްޔަތަށާއި އޭނާގެ އަމަލުތަކަށް، އޭނާގެ އުސޫލުތަކާއި ގަބޫލުކުރާގޮތްތަކަށް، އޭނާގެ އަޚުލާގާއި ސުލޫކަށް، މިކަންކަމަށް ބަލައިލުމުން ފެނި ތަމްސީލު ވެގެންދަނީ ކޮންއެއްޗެއްތޯއެވެ؟ އެކަންކަން ފެނުމުން ތަމްސީލުވެގެންދަނީ ބާބިލުގެ ޓަވަރުގެ ވަރުގަދަ ތަނބެކެވެ. އަދި އެތަނބުގައި އެޅިފައިވާ އެންމެމަތީ ގާބުރިން ފެށިގެން އެންމެ ތިރީގައި އެޅިފައިއޮތް ގާބުރީގެވެސް ކަންތައް ހުރިގޮތުގެ ދިރިހުރި މިސާލެކެވެ. މުޅި ރަށުގައި، ކުދި ބޮޑު އެންމެންގެ ތެރޭގައިހެން ފެތުރި އާއްމު ވެފައިވާ ގޮތްތަކާއި އުސޫލުތަކުގެ ދިރިހުރި މިސާލެކެވެ. އެއެންމެންގެވެސް އަގުތަކާއި އަޚުލާގީ ފެންވަރު ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ.
