އިންޑިއާގެ އިންސްޓެންޓް ޕޭމާންޓް ސިސްޓަމް، ޔުނިފައިޑް ޕޭމާންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ދަށުން ރުފޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު ބޭއްވި ރަސްމީ ބައްދަލުވުމަށްފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ރުޕޭ ކާޑުގެ ފުރަތަމަ ޓްރާންސެކްޝަން ހެދީ ރާއްޖޭގެ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގަ އެވެ.
ރުޕޭ ކާޑަކީ ވިސާ ކާޑާއި މާސްޓާ ކާޑް ފަދައިން ބޭނުންކުރެވޭ ކާޑެކެވެ. ރާއްޖޭގެ އިތުރުން މި ކާޑުގެ ހިދުމަތް ސިންގަޕޫރާއި ދުނިޔޭގެ ބައެއް ގަައުމުތަކުގައި ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.
ރާއްޖޭގައި ރުޕޭ ކާޑުގެ ހިދުމަތް ފަށައިފައި މިވަނީ މިދިޔަ އޮގަސްޓް މަހު އިންޑިއާގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުންނެވެ.
ރުޕޭ ކާޑުގެ ހިދުމަތް އިންޑިއާގައި ތައާރަފުކުރީ 2016 ގައެވެ. ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސްތަކުގެ އިތުރުން އިންޓަނެޓް ބޭންކިންގެ މުއާމަލާތްތަކުގައި ވެސް މިހާރު ރުޕޭ ބޭނުންކުރެވޭނެ އެވެ.
ރުޕޭ ކާޑު ރާއްޖޭގައި ތައާރަފްވެގެން ދިއުމުން ރާއްޖެ އަންނަ އިންޑިއާ މީހުންގެ އިތުރުން އިންޑިއާގައި ދިިރިއުޅޭ ދިވެހިންނަށް ވެސް އެކާޑު ބޭނުންކުރެވޭނެ އެވެ.



advertisment