Support Us

ކޮލަމް ކޯދު: މަނިކުބޭގެ ހާސަރެއް- ސުޓޫޑެންޓް ލޯންގެ މައްސަލަ

ޖުހާ: މަނިކުބޭ ހާދަ ރުޅިއައިސްފައި ތިހުރީ އަނެއްކާ ކީއްވީ ހެއްޔެވެ؟

މަނިކުބޭ: ޖުހާއެވެ! މަ އަދި ރުޅި މަޑެވެ. ރުޅިއަށް ވުރެ ބޮޑަށް މަ މިހުރީ ކަންބޮޑުވެ، ހާސްވެ، ދެރަވެފައެވެ!

ޖުހާ: އަނެއްކާ ކީއްވީ ހެއްޔެވެ؟ ނިކަން ތިޔަވެގެން އުޅޭ ގޮތެއް ބުނެދީ ބަލާށެވެ!!

މަނިކުބޭ: ހާސަރެއް ދެމުމުގެ ބޭނުމެއް ނެތެވެ. މަ މިއުޅެނީ ސުޓޫޑެންޓް ލޯނޭ ކިޔާ އެއްޗެއް ނަގައިގެން ދަރިފުޅު ބޭރަށް ފޮނުވިގެން އެކަމާ ކަން ބޮޑުވެފައެވެ. ހަޔަރ އެޑިއުކޭޝަންއޭ އެ ކިޔާ ތަނަކުން ލޯނު ދެނިއްޔޭ ސަރުކާރުން ކިޔެވުމަށް އިސްކަން ދެނިއްޔޭ ކިޔައި ގޮވާ ގޮވެއްޔަކީ މަ ގަމާރުކަމުން ހުސް ގޮވެއްޔެއްކަން ބޮޑު އިޝްތިހާރެއް ކަން، ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްކަން ނުވިސްނި ދަރިފުޅު ބޭރަށް ފޮނުވުނު ކަމުން ސަހަރޯއޭ ހީވެފައެވެ.

ޖުހާ: މަނިކުބޭ އެވެ! އަޅެ ނިކަން މައިތިރިވެ ބަލާށެވެ! ކިތައް ކުދިން ތިޔަ ގޮތަށް ލޯނު ނަގައިގެން ކިޔަވަން ހިނގައްޖެ ހެއްޔެވެ؟ އެކުދިންނަށް ކިޔަވަން ދެވޭނީ ހަމަ ލޯނުގެ ފައިސާ ލިބުނީމަ ނޫން ހެއްޔެވެ؟

މަނިކުބޭ: މުޅިއަކުން ކަމުގެ ހަގީގަތް އޮތީ ތި ހީކުރާ ގޮތަކަށް ނޫނެވެ. ލޯނުދީފީމޭ ކިޔައިފައި ދެނީ ހުސް ސިޓީއެކެވެ. ދެން، ކުދިންނަށް ޖެހެނީ ކިޔަވާނެ ތަނެއް ހޯދައި އެ ތަނަށް ދިޔުމުގެ މަގުފަހިކުރާށެވެ. އެކަން ކުރުމަށް ފަހު، ކިޔަވަން ދާންޖެހޭ ތާރީޚުގެ ދެ މަސް ނޫނީ އެއަށް ވުރެ ގިނަ ދުވަސް ކުރިން އެކަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށް އެންގުމުން ތިން މަސް ހަތަރު މަސް ނޫނީ އެއަށް ވުރެ ގިނަ ދުވަސްވާ އިރު ވެސް އެއްކަލަ ލޯނު ކަންތައް ހަމައެއް ނުޖެހެއެވެ. ދެން، އަހަރުމެން ކަހަލަ، އަތުގައި އެއްޗެއް ނެތް މީހުންނަށް ޖެހެނީ ކޮންމެ ވެސް މީހެއްގެ އަތުން ދަރަންޏަށް ފައިސާ ހޯދައިފައި ދަރިފުޅު ކިޔަވަން ފޮނުވާލާށެވެ. ދެން، މި ވާހަކަ އަންގައި އެއްކަލަ ލޯނު ކަންތައް ހަމަޖެހޭތޯ އަނެއްކާ ވެސް މަސައްކަތް ފަށަނީއެވެ. ހަޔަރ އެޑިޔުކޭޝަނަށް ފޯނެއް ކުރުމަކުން ފޯނަކަށް ޖަވާބެއް ނުދެއެވެ. އިއްޔެވެސް ހަ ފަހަރު އެކިއެކި ފޯނުން މަ ފޯނުކުރީމެވެ. ނަމަވެސް ހިލަމެއް ބިލަމެއް ނުވެއެވެ. މަ ހިތަށް އެރީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހަޔަރ އެޑިޔުކޭޝަންގެ މުވައްޒިފުން ކުރަނީ ކޮން މަސައްކަތެއް ބާވައެވެ. އެންމެ ކުޑަވެގެން ފޯނުގަނޑަކަށް ޖަވާބެއް ވެސް ނުދެވެއެވެ.

އަނެއްކޮޅުން މަގޭ ދަރިފުޅު ބޭރު ރާއްޖެއެއްގައި ހަނާ ވަނީއެވެ. އަތުގައި ހުރި ފައިސާކޮޅު ހުސްވަނީއެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ލޯނު ފައިސާ ހަމަނުޖެހިއްޖެ ނަމަ، އޭނަ މަގުމަތިވެ ބަނޑަށް ޖެހޭނެއެވެ. ދެން، ޖުހާ ނިކަން އަޅެ ބުނެ ބަލާށެވެ! މަ ރުޅި އަންނާނެ ނޫން ހެއްޔެވެ؟ ކަންބޮޑުވެ، ދެރަވެ، ހާސްވާނެ ނޫން ހެއްޔެވެ؟

ޖުހާ: އެންމެ ރަނގަޅެވެ. ދެން، ތިކަމުގެ ހައްލަކީ ކޮބާ ހެއްޔެވެ؟

މަނިކުބޭ: ލޯނު ދެވެން ނެތް ކަމަށްވާ ނަމަ، ބަހާއި އަމަލު ދިމާކުރަން ނުކުޅިދިފައިވާ ނަމަ، ލޯނު ނުދޭށެވެ. ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަން ނޫޅޭށެވެ. އަތުގައި ފައިސާ ފޮއްޗެއް ނެތް ނަމަ، ނެތް ވާހަކަ ބުނީމަ ނިމުނީއެވެ. ދެން، ބަނޑަށް ޖެހި، މަގުމަތިވުމުގެ ކުރިން މަގޭ ދަރި މަގޭ ކައިރިއަށް ގެނެވޭނޭ ގޮތެއް ހަދައިދޭށެވެ. ޓިކެޓަށްވާ އަގު، ދަރަންޏަށް ވިޔަސް މަށަށް ދީގެން ވިޔަސް މަށަށް އެންމެ ރަނގަޅެވެ.