Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

ތިރީގައި މިވަނީ އެކި ކަންކަމާ ބެހޭ ގޮތިން އެކި މީހުން ބުނާ ވާހަކައެވެ.

1. އެންމެ މަތިވެރި، މޮޅު އުނގެނުމަކީ އެންމެ ގިނަ މައުލޫމާތުތަކެއް ލިބިދޭ އުނގެނުމެއް ނޫނެވެ. ނަމަވެސް، ވުޖޫދުގައިވާ އެއްޗިއްސާ އިދިކީލަ ނުވެ، ހަމަޖެހިގެން، ހުރިހާ އެއްޗަކާ އެކު ވެސް ދިރިއުޅެން ދަސްކޮށްދޭ އުނގެނުމެވެ.

2. އަހަރުމެންގެ ހަމައެކަނި ދުއާއަކަށް ވާން ޖެހޭނީ، ނުރައްކާތަކުން ސަލާމުވަށް އެދި ކުރެވޭ ދުއާއެއް ނޫނެވެ. މީގެ އިތުރުން، ނުރައްކާތައް ކުރިމަތިވުމުން، ކެރިގެން އެކަމާ ކުރިމަތިލުމުގެ ހިއްވަރާއި ބާރު ލިބުމަށް ވެސް އެދި ދުއާ ކުރަން ޖެހެއެވެ.

އަހަރުމެންގެ ހަމައެކަނި ދުއާއަކަށް ވާން ޖެހޭނީ އަހަރުމެންނަށް ކުރިމަތިވާ ތަދާއި ވޭން އައްސިކޮށްލުމަށް އެދި ކުރާ ދުއާއެއް ނޫނެވެ. ނަމަވެސް އެ ތަދާއި ވޭން ފަތަހަކޮށް އެކަމުގެ މައްޗަށް އަހަރުމެންގެ ހިތް ކާމިޔާބު ހޯދޭތޯ ކުރާ ދުއާ ވެސް މެއެވެ.

3. އެންމެ އުހަށް އެރުމަށް އަމާޒު ހިފާށެވެ! އެހެނީ ކަލޭގެ (ސަމާވީ އުޑުގައި) އެތައް ތަރިތަކެއް ފޮރުވިފައި ވެއެވެ.

ފުންކޮށް ހުވަފެން ދެކޭށެވެ! އެހެނީ، ދާން އެދޭ މަންޒިލް މަގުސޫދުގެ ކުރިން، އޮންނަނީ ހުވަފެނެކެވެ. އެހެންވީމައި، އެދޭ ކަންކަމުގެ ހުވަފެން ދެކި، އެ ހުވަފެން ހަގީގަތަކަށް ހަދާލުމުގެ މަގު ކޮށަން ޖެހެއެވެ.

4. ރަހުމަތްތެރިކަމުގެ އުމްގާއި ވަރުގަދަކަން ބިނާވެފައި އޮންނަނީ ރަހުމަތްތެރިކަމުގެ މުއްދަތުގެ މައްޗަށް ނޫނެވެ. އެކަކު އަނެކަކު ދެނެގަތުމުގެ މައްޗަށެވެ.

5. އޭނަ ނިދިއެވެ. ދެން، އޭނައަށް ހުވަފެނުން ފެނުނީ ހަޔާތް އުފަލުގެ މާމެލާމެލިން ފުރިފައިވާ ބަގީޗާއެއް ކަމެވެ. އޭނައަށް ހޭލެވުނެވެ. ދެން، އޭނައަށް ފެނި، އެނގުނީ ހަޔާތަކީ ޚިދުމަތް ކުރުން ކަމެވެ. އަދި، އެ އެނގުމާއި އެއްގޮތަށް އަމަލުކޮށް ޚިދުމަތްކުރެވޭތޯ އޭނަ މަސައްކަތްކުރިއެވެ. ދެން، އޭނައަށް އިހުސާސުކުރެވުނީ ހަޔާތަކީ ހަމަ ހަގީގަތުގައި ވެސް އުފަލުގެ މާމެލާމެލިން ފުރިފައިވާ ކަމެއް ކަމެވެ.

6. ކޮކާ، އޭތީގެ ހަޔާތުގައި، ގުނަމުން ދަނީ ދުވަސްތަކާއި ހަފްތާތަކެއް ނޫނެވެ، ނަމަވެސް، މަދު ހިނދުކޮޅުތަކެކެވެ. އެހެންވިޔަސް، ކޮކާލަށް ވެސް އެ ބޭނުންވާ ކަމެއް ކުރުމުގެ ވަގުތު ލިބިފައި އޮވެއެވެ.

7. ކަލޭގެ ދަރިފުޅުގެ ކިޔެވުން، ހަމައެކަނި ކަލޭ ކިޔެވި އެއްޗެއް ކިޔަވަން ބާރުއަޅައި ދަރިފުޅުގެ ކިޔެވުން ހަނިކޮށް ނުލާށެވެ. އެ ދަރިފުޅުގެ ދުވަސްވަރަކީ ކަލޭގެ ކިޔެވުމުގެ ދުވަސްވަރާ ވެސް މުޅިން ތަފާތު ދުވަސްވަރެކެވެ. އަހަރުމެން މިހާރު އުޅެމުން މިދަނީ މައުލޫމާތުގެ ބޮޑު ބޮމެއް ގޮވާފައި އޮތް ދުވަސްވަރެއްގައެވެ. މަދު ހިނދުކޮޅެއްގެ ތެރޭގައި މައުލޫމާތުގެ ޚަޒާނާ އޮންނަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

8. ކަނޑު ހުރަސް ކުރަން އެދިގެން، ގޮނޑުދޮށަށް ގޮސް، ކަނޑުގެ ލޮނުގަނޑަށް ބަލަހައްޓައިގެން ހުރުމަކުން އެކަމެއް ނުވާނެއެވެ! އެކަން ވާނީ އުޅަނދަކަށް އަރައި ދަތުރުކުރަން ފެށުމުންނެވެ.

9. ކަމެއް ކުރެވިދާނެ ކަމުގެ ޔަގީންކަން ހިތަށް ލިބުމުގެ މިސާލަކީ ދޫންޏެއްގެ މިސާލެވެ. ފަތިހުގެ އަލި ވިލުމުގެ މާކުރިން، އަލިކަން އިހުސާސުކުރެވި، އުފަލުން ލަވަ ކިޔަން ފަށައި، އެ ދޫނި ދާން ބޭނުންވާ ދިމާއަކަށް އުދުހެން ފަށާ ދޫންޏެއްގެ މިސާލެވެ.

10. ކަލޭގެ ހަޔާތުގެ އިރު އޮއްސި ކަލޭގެ ހަޔާތުގެ އުޑު މުޅިން އަނދިރިވެއްޖެކަމަށް ހީކޮށް، ކަރުނައަޅައި ރޯން ފަށައިފި ނަމަ، އެ އުޑުމަތީ ފިޔަޖަހަމުންދާ ތަރިތައް ފެނުމުން، ކަލޭގެ ކަރުނަތައް ކަލޭ މަހުރޫމުކޮށްލާނެއެވެ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *