"ރޭ އަހަރެންގެ އަވައްޓެރިއާ ބަނޑަށް ޖެހިގެން މަރުވިއެވެ. ދެން، އެކަމުގެ ހިތާމައިގައި އަހަރެންގެ ހުރިހާ އަވައްޓެރިން އެމީހުންގެ ހުރިހާ ކުކުޅެއް ހިފައި ކަތިލައި ސަލަވާތް ފާތިހާ ކިޔަވައި އޭނައަށް ހެޔޮ އެދިގެން ދުއާކުރިއެވެ!"
މީހުން ބޮޑެތި ޖަރީމާތައް ހިންގައި ކުށްކުށަށް އަރައިގަނެ، އެކަމުގެ ސަބަބުން އެމީހުންނަށާއި އަދި އެހެން މީހުންނަށް ބޮޑެތި ގެއްލުންތަކާއި ހިތާމަތައް ލިބެއެވެ. މިކަންކަން ފެށިގެން އަންނަނީ މީހާ ބޮޑުވާ ފަހަކުން ނޫނެވެ. ޅަ އިރުއްސުރެން ފެށިގެންނެވެ. ނަމަވެސް، އެއިރު އެކަން ހުއްޓުާވާނޭ ވެށްޓެއް މުޖުތަމައަކު ނެތެވެ. އާއިލާ ތެރޭގައެވެ. މަދަރުސާގައެވެ. އަދި، މުޖުތަމައުގައެވެ. ފަރުދީ އަގުތަކާއި އާއިލީ އަދި މުޖުތަމައީ ރީތި އަޚުލާގާއި ރިވެތި އަގުތައް ގެއްލިފައި ވުމުންނެވެ. އީމާންތެރިކަމުގެ އަގު ފަދަ އަގުތަކެވެ. މާތްﷲއަށް ބިރުވެތިވެ ތަގުވާވެރިކަމުގެ އަގު ފަދަ އަގުތަކެވެ. އެ ކަމުގެ މައްޗަށް ބިނާވެފައި އޮންނަ ކުއްތަންވުމުގެ އަގު ފަދަ އަގުތަކެވެ. ތެދިވެރިކަމާއި އަމާނަތްތެރިކަމުގެ އަގުފަދަ އަގުތަކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރަން ޖެހޭނޭ ގަބޫލުކުރުންތައް ފަދަ އަގުތަކެވެ. މިފަދަ އަގުތައް އުވި ނެތި ގޮސް، އެކަމުގެ ސަބަބުން އުފެދޭ އަޚުލާގީ ހުސްކަން މެދުވެރިކުރުވާ 'ބަނޑުހައި ހޫނުކަމުގެ' ސަބަބުން އަވައްޓެރިއާ މަރުވުމުން ދެން އެކަމާ ހިތާމަކޮށް ހުރިހާ ކުކުޅެއް ކަތިލައި ސަލަވާތް ކިޔަވާ ހެދުމަކުން، ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަންކަން އޮންނާނީ ހަމަ އެ އޮންނަ ގޮތަށެވެ! ކުޑަވެސް ބަދަލެއް ނައިހެވެ. ދީނަކީ ذلك الدين القيم، ގިޔަމުތައް، އަގުތައް ދޭ ދީނަކަށް ނުވާނަމައެވެ. މަތީގައި ބަޔާން ކުރެވިދިޔަ ފަދަ، ގިޔަމުތައް، މީހާ ސީދާ ގޮތެއްގައި ކޮޅަށް ޖަހައި ނަގާނޭ ހެޔޮ ފަރުދީ އަދި އާއިލީ އަދި މުޖުތަމައީ އަގުތަކެއް ނެތް ކަމަށްވާ ނަމައެވެ!
