އަމަލީ މަސައްކަތް ނުފަށާ ހުރި މަޝްރޫއުތައް މި ވަގުތަށް މަޑުޖައްސައިލަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އަންގައިފި އެެވެ.
މިނިސްޓަރ އޮފް އިންފްރާސްޓްޗަރ ޑރ. އަބްދުﷲ މުއްތަލިބު މިރޭ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ސަރުކާރުން އަންގައިފައިނުވާ ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ އެމްޓީސީސީން މަސައްކަތް ފަށައިފައިވާ މަޝްރޫޢުތައް ހިމެނޭ ގޮތަށް މަޑުޖައްސާލަން މިނިސްޓްރީން އަންގާފައިވާ ކަމަށް ނޫހަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވީ އެގޮތަށް ނިންމަން ޖެހުނީ އެ މަޝްރޫޢުތައް ކުރިއަށް ގެންދާ މިންވަރަށް މިއަހަރުގެ ބަޖެޓްގައި ފައިސާ ހިމެނިފައިނުވާތީ ކަމަށެވެ.
"އެހެންނަަމަވެސް ސޮއިކޮށް އަމަލީ މަސައްކަތް ނުފެށިވާ މަޝްރޫއުތައް މިވަގުތަށް ނުފަށައި އަމަލީ މަސައްކަތްތައް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ވަނީ ނިންމާފައި،" މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަަަވަޅުތަކެއް އެޅުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުުުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެވެ.



advertisment

