Support Us

ރައީސް މުއިއްޒުގެ ހުޝިޔާރުކަމަށް ތައުރީފު އޮހެނީ

މިނިވަން ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ޝަރަފުގެ އިނާމު އެރުވި ހިނދު އެ ބޭފުޅާގެ އަތުން ދޫވެ، ދައުލަތުގެ ނިޝާން ވެއްޓެމުން ދިޔަ ވަގުތު އެ ނިޝާން ވެއްޓުނަނުދެއްވައި ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ފިސާރަ ހުޝިޔާރުކަމާ އެކު ރައީސް މުއިއްޒު އެ ނިޝާން ހިއްޕެވިއެވެ. އަދި އަލުން އެ ޝަރަފު އެ ބޭފުޅާއަށް އެރުވި އެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރައީސް މުއިއްޒު، ވަރަށް ހަމަޖެހިލައިގެން ހުންނަވައި އެ ދެއްކެވި ހުޝިޔާރު ކަމަށްޓަކައި، އެތައް ބައެއްގެ ތައުރީފް މީސްމީޑިއާގެ އެކި މަންސަތަކުގައި ދަނީ އޮހެމުންނެވެ. ސޯޝަލް ސެންޓަރުގެ ހޯލްގައި ތިބި އެތައް ސަތޭކަ ބަޔެއްގެ އިތުރުން، ވަގުތުން ޓީވީން ބަލަމުންދިޔަ ގިނަ ބަޔަކަށް އެންމެ ހައިރާކަން ލިބުނީ އެ ކުއްލި ހިނދުކޮޅު ރައީސް މުއިއްޒުގެ މޫނުފުޅުމަތިން އެއްވެސް ހާސްކަމެއް، ކަންބޮޑުވުމެއް ފެނުމުގެ ބަދަލުގައި، ފެނިގެންދިޔަ "ކޫލް"ކަމާއި ހިނިތުންވުމެވެ. ދައުލަތުގެ ނިޝާން ބިމަށްވެއްޓުނަ ނުދެއްވާނެކަން ސާބިތުކޮށްދެއްވި އިތުބާރާއި ޔަގީންކަމެވެ.

ކުރީގެ މަޝްހޫރު ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމް، އެ ހިނދުކޮޅުގެ ފޮޓޯތަކާއެކު އެފް.ބީގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ ރައީސް މުއިއްޒަށް ވޯޓް ދެއްވި ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ހުޝިޔާރުކަން ފެނި އިހުތިރާމް ކުރެވިއްޖެ ކަމަށެވެ.

"ރޭ ސްޓޭޖުން މި ފެނުނު މަންޒަރުން އެ ކިޔައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަކީ ހުސިޔާރު ބޭފުޅެއް ކަމެވެ. އެމަނިކުފާނު ދެއްވި އިނާމާއި ޙަވާލުވި ފަރާތުގެ އަތުން އިނާމު ދޫވެގެން ވެއްޓެންދަނިކޮށް، ސިކުންތެއްވެސް ނުދެއްވައި، ވަގުތުން އޭގައި ހިއްޕެވީ ރައީސްގެ ހުސިޔާރުކަމުންނެވެ. މިކަމުން އެނގެނީ މިއީ ކޮންމެ ސިކުންތެއްގައި ވެސް، ހުސިޔާރުކަމާއެކު ސަމާލުވެ ހުންނެވި ރައީސެއް ކަމެވެ. އެއީ ރައީސަކު ހުންނަވަންވާނެ ގޮތެވެ. އަޅުގަނޑަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވޯޓުދިން މީހެއް ނޫނެވެ. ނަމަވެސް އެމަނިކުފާނުގެ ހުސިޔާރުކަންފެނި، ވަރަށް ބޮޑަށް އިޙްތިރާމް ކުރެވިއްޖެއެވެ! އެ ހުސިޔާރުކަމުގައި އެމަނިކުފާނު މި ގައުމު ހިންގަވައިފިނަމަ، ކާމިޔާބު ދައުރެއް އޮންނާނީ މާ ދުރަކު ނޫނެވެ!"

ހަމަ އެގޮތަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން އެކްސްގައި ވިދާޅުވެފައިވެ އެވެ.

"‏ފަޅިސިކުންތުން ގޮތެއް ނިންމާ އެއަށް ޢަމަލުކުރުމުގެ ޤާބިލްކަން ލިބެނީ ވަރަށް މަދު އިންސާނުންނަށެވެ. ހަނގުރާމަމަތީ މަތިންދާބޯޓު ދުއްވާ ޕައިލެޓުން ހިމެނޭހެން ހުރިހާބާވަތެއްގެ ވައިގެ އުދުހުންތަކުގެ ޕައިލެޓުންނަކީ ވެސް ފަޅިސިކުންތުން ގޮތެއް ނިންމުމުގެ ޤާބިލުކަން ލިބިފައިވާ މީހުންނަށް ވާންޖެހެއެވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ‎@MMuizzu ރޭގައި ޢަމަލުކުރެއްވީ ފަޅިސިކުންތުގެ ހުށިޔާރު ކަމާ އެކުގައެވެ. ދިގު މުއްދަތެއްގައި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ޝަރަފުވެރި ކަމުގެ ހަނދާނީ އިނާމެއް ރޭގައި ލިބިވަޑައިގެންނެވި ބޭކަލަކާ އެ އިނާމު ހަވާލުކުރައްވި ވަގުތު އެ އިނާމު އެ ބޭކަލެއްގެ އަތުން ދޫވިއެވެ. ހުށިޔާރުކަމާއެކު ރައީސް ޑރ މުޢައްޒު އެ އިނާމު ސްޓޭޖްމައްޗަށް ވެއްޓުނަ ނުދީ ހިފެހެއްޓެވުމުގައި ކާމިޔާބު ހޯއްދެވިއެވެ. މިއީ އާދަޔާ ޚިލާފު ހުށިޔާރު ރައީސް އެއްކަމާ މެދު ޝައްކެއްނެތެެވެ."

ގައުމިއްޔަތަށް އެމަނިކުފާނު ދެއްވާ އިސްކަން ހާމަކޮށްދެއްވައި ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދު ކަމުގައިވާއިރު އެ މާއްދާ ސްކޫލްތަކުގައި މިހާރު ކިޔަވައިދޭން ފަށައިފައިވާ ކަމަށާއި ގައުމީ ސަލާން މިހާރު ސްކޫލްތަކުގައި ކިޔާނެ ކަމަށް ވިދާޅުވި އެވެ.

"ގައުމީ ދިދަ ދެކެ ލޯބިވުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަހުރަކަށްވާން ޖެހޭނެ. ބައެއް މީހުން މަލާމާތް ކުރިޔަސް، ދިވެހިވަންތަ ކަމުގެ ލޯބި ހުރި ކޮންމެ މީހަކަށް ވެސް ދިވެހި ދިދަ ފެނުނީމަ އުފާވެރިކަމާއި އެ އަންނަންޖެހޭ ގައުމިއްޔަތުގެ ލޯބީގެ އިހުސާސް އަންނަންވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް