ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުން އާއްމުންނަށް ދަތިވާ ގޮތަށް ދުވާރުތަކާއި ހެޖުތަކުގެ ތެރޭގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީން) އިން އެދިއްޖެ އެެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކިއެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި އަދި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދެމުންގެންދާތީ، އެކަމުގެ ދަތިތައް އާއްމުންނަށް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާތައް އެކޯޕަޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިގޮތުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް ދުވާރުތައް ބޭނުން ކުރުމާއި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން އާއްމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރުކުރުމާއި އަދަބާ ހިލާފް އިބާރާތްތަކުން މުއާމަލާތްތައް ކުރުމުގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުން އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އިއުލާންގައިވެ އެވެ.
"މިގޮތަށް ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަން. އެހެންކަމުން،، އާއްމުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގައިދިނުމަށް ދަންނަވަން،" އެޗްޑީސީގެ އިޢުލާންގައިވެ އެވެ.
މީގެ އިތުރުން ވިޔަފާރިކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލް ކުރުމަށާއި އެ އުސޫލާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ކަމާ ގުޅުން ހުރި ވުޒާރާތައް މެދުވެރިކޮށް އުސޫލްގެ މަތިން އަޅާންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެކޯޕަރޭޝަނުން ބުނެ އެވެ.



advertisment

