Support Us

ފަންނުވެރިން ކުރިއެރުވުމަށް އަހަރަކު 25 މިލިއަން ރުފިޔާގެ ބަޖެޓެއް

ފަންނުވެރިންގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދައުލަތުގެ ބަޖެޓުގައި އެހީގެ ގޮތުގައި ދިނުމަށް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް 25 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އާޓިސްޓުންގެ ކޮމިއުނިޓީ (މެކް) އާއި ނޭޝަނަލް އާޓް ގެލަރީން އިންތިޒާމްކޮށްގެން "އަންވެއިލިންް ވިޝަން 2024″ ގެ ނަމުގައި ބޭއްވި އާޓިސްޓުންގެ މައުރަޒު މިރޭ ބައްލަވައިލެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެެ.

މައުރަޒުގައި ބައިވެރިކޮށްފައިވާ އާޓިސްޓުންގެ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުނަރުވެރިންގެ ކުރިއެރުމަށާއި ހުނަރުތައް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ އެއްބާރުލުން ދޭނެ ކަމަށެވެ.

"މި ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެމްއޭސީއާއި ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކާއި އަދި އަމިއްލަ އެހެން ޖަމާއަތްތައް، މި ކަމުގެ ތެރޭގައި، މިކަމުގެ ތެރެއަަށް ވަންނަ (ކުރެހުމުގެ) ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓްގެ ތެރެއިން މިއަންނަ އަހަރުން ފެށިގެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އޭގެތެރޭގައި ފަންނުވެރިންނަށް ބޭނުންވާ އެކި ކަހަލަަ އާލާތްތައް ހޯދުމަށްޓަައި ބޭނުންވާނެ ފަންޑް ހިމެނޭނެ ކަމަށާއި އަދި އެހެނިހެން ގޮތްގޮތުން ކުރިއަށް ދިއުމަށް ވަކި ބަޖެޓެއް ކަނޑައަޅައި އެ ފުރުސަތު ހުޅުވައިލަދެއްވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން މި އިންޑަސްޓްރީއަށް ހަރަދުކުރުމަށް ތިޔަބޭފުޅުންނަށް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދޭނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އާޓިސްޓުންގެ ހުށަހެޅުންތައް ދައްކައިލުމަށް ބޭނުންވާ އެގްޒިބިޝަންތައް ބޭއްވުމަށް ބޭނުންވާ ޖާގަ އިތުރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މިވަގުތަށް އާޓް ގެލަރީން ޖާގަ ދެވެެން އޮތް މިންވަރަކުން އެ ޖާގަ އިތުރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި މާލެއަށްވުރެ އިތުރު ޖާގަތައް ހޯއްދަވައިދެއްވާނެ ކަމަށާއި އާޓިސްޓުން ކުރިއެރުވުމަށްޓަކައި އިންޓަނޭޝަނަލް މާކެޓް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ މިރޭ ބޭއްވި މައުރަޒުގައި ބައިވެރިކޮށްފައިވާ އާޓިސްޓުންގެ ހުށަހެޅުންތައް ބައްލަވައިލެއްވުމަށްފަހު، އެ ހުށަހެޅުންތައް ހުށަހަޅައިދީފައިވާ އާޓިސްޓުންގެ ހުށަހެޅުންތަކާ ބެހޭ މައުލޫމާތު ހޯއްދަވައިފަ އެވެ.

މި އަހަރުގެ މައުރަޒުގައި 105 އާޓިސްޓެއްގެ އުފެއްދުންތައް ދައްކާލައިފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ އާޓިސްޓުން ބައިވެރިވެފައިވާ މައުރަޒު ކަމަށް މެކްއިން ބުނެ އެވެ.

މެކްއިން ބުނީ މިއަހަރުގެ މައުރަޒަށް 200 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށެެވެ. އޭގެ ތެރޭގައި ޑިޖިޓަލް މީޑިއާ އާއި މިކްސް މީޑިއަމް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުންތައް ހިމެނެ އެވެ. އޭގެ އިތުރަށް ޕެއިންޓިން އާއި ކެލިގްރަޕީ އަދި އިންސްޓަލޭޝަން ވެސް ހިމެނެ އެވެ.

މީގެ ކުރީގެ މައުރަޒުތަކާ ހިލާފަށް މި އަހަރުގެ މައުރަޒުގައި އާޓިސްޓުންނަށް ވަނަތަކެއް ދިނުމަށް ހަމަޖެހިފައެއްނުވެ އެވެ. ނަމަވެސް މި މައުރަޒަކީ ލޯކަލް ޑިޒައިނެއް ހޮވުމަށް މުޅި ރާއްޖެއަށް ފުރުސަތު ހުޅުވައިލައިގެން ބޭއްވި މައުރަޒެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *