ސިންގާ ކައިރިން ހިޔަޅު ހިނގާލައިފައި ދަނިކޮށް، ފާހަގަކުރެވުނީ ސިންގާ މާ ބޮޑަށް ހިތާމަކޮށް މާޔޫސްވެފައި ވަނިކޮށެވެ. ދެން، ސިންގާގެ ހިތާމައިގެ އަސްލަކީ ކޮބައިތޯ ބަލައިލުމުގެ ގޮތުން ސިންގާއާ ވިޔަޅު ސުއާލުކޮށްލިއެވެ. "ސިންގާ މަނިކުފާނެވެ! މާބޮޑު ހިތާމައެއްގެ ތެރޭގައި ތިޔައުޅުއްވަނީ އަނެއްކާ ކިހިނެއްވީތޯއެވެ؟"
ދެން، ސިންގާމަނިކުފާނު ވިދާޅުވިއެވެ. "މިހާރު އަހަރެން މުޅިން އެކަނިވެރިވެއްޖެއެވެ. ޖަންގަލީގެ ހުރިހާ ޖަނަވާރުތައް އަހަރެން ދޫކޮށްލާފައި އަހަންނާ ފެއަށް ހިނގައްޖެއެވެ! ޖަންގަލީގެ ސިޔާސީ ނިޒާމަށް އައި ބޮޑު ބަދަލެއްގެ ސަބަބުންނެވެ! ޖަންގަލީގެ ވެރިކަމަށް އައުމަށް ވެރިކަން ކުރުމުގެ އެއްވެސް ހުނަރެއް ބޭނުމެއް ނުވެއެވެ. ދޮގާއި މަކަރު ހަދައި އަޑުގަދަ ކުރުމުން ވެރިކަމަށް އާދެވެއެވެ. ކޮންމެއަކަސް ހުރިހާ ޖަނަވާރު އަހަންނާ ދުރަށް ހިނގައްޖެއެވެ. އަދި އަހަރެން މުޅިން އެކަނިވެރިވެއްޖެއެވެ!"
ސިންގާ ހިތްހަމަޖައްސާލަދިނުމުގެ ގޮތުން ހިޔަޅު ބުންޏެވެ. "އުކުޅެއް ހަދާލައި ކޮންމެ ވެސް ކަމެއް ކޮށްލަމާ ހެއްޔެވެ؟ ޖަންގަލީގެ ހުރިހާ ޖަނަވާރުން މަނިކުފާނުގެ އަރިހަށް ގެނައުމަށްޓަކައެވެ. އަދި، ޖަންގަލީގެ އަބުރާއި އިއްޒަތް ވެސް ޖަންގައްޔަށް އަލުން ގެނައުމަށްޓަކައެވެ. އަޅުގަނޑަށް ފެންނަނީ އެކަމަށް މަނިކުފާނު އެއްބަސްވެ ވަޑައިގެންފި ނަމަ، މިތަނުން ބޮޑު ގަހެއްގައި މަނިކުފާނު ބަނުމަށެވެ. އަޅުގަނޑު އެކަން ކޮށްފާނަމެވެ. ދެން، ހުރިހާ ޖަނަވާރުން މަނިކުރާނު އަރިހަށް އަންނާކަށް ބިރެއް ނުގަންނާނެ ނޫން ހެއްޔެވެ؟ އަދި، ހުރިހާ ޖަނަވާރުންތައް އައިސް މަނިކުފާނާ ވާހަކަދައްކައި ރަނގަޅު ގުޅުމެއް އުފައްދައި މަނިކުފާނުގެ މަގާމުފުޅު އަލުން މަނިކުފާނަށް ލިބޭނޭ ގޮތް ވެދާނެ ނޫން ހެއްޔެވެ؟"
ސިންގާމަނިކުފާނު ވެސް، ވިސްނާނުލާ މިކަމާ އެއްބަސްވިއެވެ. ދެން، ހިޔަޅު ބޮޑު ވަލެއް ގެނެސް، އެއިން ސިންގާމަނިކުފާނު ޖަންގަލީގެ ބޮޑު ގަހެއްގައި އައްސައި އެލުވިއެވެ. އަދި، އެކިއެކި ޖަނަވާރުން ސިންގާމަނިކުފާނުގެ އަރިއަހަށް އައިސް، ސިންގާމަނިކުފާނާ މައްލަވަކުރަން ފެށިއެވެ. އެއްބައި ޖަނަވާރުން ސިންގާމަނިކުފާނަށް މަލާމަތްކުރިއެވެ. އަނގަބަހުން އެ ޖަނަވާރަކަށް ފެނުނު ހުތުރު އެއްޗެއް ކިއެވެ. އަނެއް ބައި ޖަނަވާރުން އޮއްގަލާ އެއްޗެހި ސިންގާ މަނިކުފާނު ގައިކޮޅަށް އުކައި އަނިޔާކުރިއެވެ. މިކަމުގެ ސަބަބުން ސިންގާ މަނިކުފާނުގެ ހިތާމަ ބޮޑުވެ، މާޔޫސްކަން އިތުރުވިއެވެ.
ސިންގާ މަނިކުފާނުގެ ހިތާމައިގައި އެ މަނިކުފާނު ގެނބެމުން ދަނިކޮށް އެތަނަށް ހިމާރު އައެވެ. އަދި ސިންގާ މަނިކުފާނުގެ ހާލުކޮޅު ފެނި ހިމާރުގެ ހިތުގައި ސިންގާ މަނިކުފާނުގެ މައްޗަށް ރަހުމު އުފެދުނެވެ. އަދި، ހިމާރު ބުންޏެވެ. "ދުނިޔޭގައި ކަންކަންވާ ގޮތް ނިކަން ދެކިބަލާށެވެ! ރަސްގެފާނު މިއޮންނަނީ ބަނދެވި އެލުވިފައެވެ. ހަގީގީ އެއްވެސް ބާރެއް އޭނަގެ ނެތެވެ. ރަސްގެފާނު މި އޮންނަނީ ރައްޔިތުންގެ ކުޅޭކުޅޭ އެއްޗަކަށް ވެފައެވެ. އެހެން ނުވާނީ ވެސް ކީއްވެ ހެއްޔެވެ؟ ރަސްގެފާނުގެ އަމިއްލަ ވިސްނުންފުޅު ދޫކޮށްލައްވައި، ރަސްގެފާނުގެ ގެންގުޅުއްވަނީ ހިޔަޅުގެ ސިކުނޑިއެވެ. ހިޔަޅު އޭނަގެ ސިކުނޑި ބޭނުންކޮށްގެން މުޅި ޖަންގަލީގައި އޭނަގެ ބާރު ފަތުރަމުންދަނީއެވެ."
ދެން، ހިމާރު ރަސްގެފާނަށް ދެންނެވިއެވެ. "ރަސްގެފާނެވެ. އަޅުގަނޑު ވާނީ ރަސްގެފާނު މިނިވަންކުރާ މީހަކަށެވެ!" މިހެން ބުނެފައި ރަސްގެފާނު މިނިވަން ކުރުމަށްޓަކައި ހިމާރު އަވަސްވެގަތެވެ.
ސިންގާ ރަސްގެފާނު ބަނދެފައިވާ ވާތައް ހިމާރު އައިސް މުހާލުމުން، ސިންގާރަސްގެފާނު އެ ރަސްގެފާނުގެ ހުރިހާ އެއްޗެއް އެއްކޮށް ޖަންގައްޔަށް ދޫކޮށްލައްވާފައި ވަޑައިގަންނަވަން ނިންމެވިއެވެ. އަދި، މިކަމާ ހުރިހާ މުސަޅުތައް ދެކޮޅު ހެދުމުން ސިންގާ ރަސްގެފާނު ވިދާޅުވިއެވެ. "އެ ޖަންގައްޔެއްގައި ހިޔަޅުގެ ވެރިކަން ހިންގާލުމަށްޓަކައި ހިޔަޅަށް ސިންގާރަސްގެފާނު ގަހެއްގައި ބަނދެ އެލުވާފައި، އަދި، އެއަށް ފަހު، ހިމާރަށް ސިންގާރަސްގެފާނު ދޫކޮށްލެވޭ ޖަންގައްޔަކަށް އޮންނާނީ ކޮން މުސްތަގުބަލެއް ހެއްޔެވެ؟" މިހެން ވިދާޅުވެފައި ސިންގާރަސްގެފާނު ޖަންގަލި ދޫކޮށްލައްވާފައި އެހެން ތަނަކަށް ހިޖުރަކުރެއްވިއެވެ!
