މަސައްކަތް ހުއްޓިފައިވާ ރަސްމާލެ މަޝްރޫއު އަންނަ މަހު އަލުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު ފެށި އެންމެ ބޮޑު މަޝްރޫއެވެ. ނަމަވެސް އެ މަސައްކަތް ވަނީ ވަކި ހިސާބަކުން ހުއްޓިފަ އެެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މައި ހަރުގެެ ހުޅުވައިދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ދެ ވައުދުގެ ތެރެއިން އެއް ވައުދު ކަމުގައިވާ ގެދޮރުވެރިކަން ހައްލުކުރުމަށް ކުރަން ޖެހޭ މަސަައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، މިހާރު މަޑުޖެހިފައި އޮތް ރަސްމާލެ މަސައްކަތް މި އަންނަ މަހުގެ ތެރޭގައި އަމަލީ ގޮތުން އަލުން ފެށޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް އަލުން ފެށި މިއަހަރުގެ ޑިސެމްބަރު މަސް ނިމެންވާއިރަށް އެންމެ ފުރަތަމަ ވެސް ޕްލޭންކުރި ގޮތަށް އެތަނުގައި 1،100 ހެކްޓަރުގެ ބިން ހިއްކާ ނިންމާނެ ކަމަށެވެ.
މީގެ އިތުރުން މިހާރުވެސް ހިއްކަމުން ގެންްދާ ހުޅުމާލޭގެ ތިން ވަަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅާއި މާލޭ ސަރަހައްދުން ހިއްކަންޖެހޭ ހުރިހައި ސަރަހައްދެއް ހިއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބިންތައް ހިއްކުމުގެ މަސައްކަތްތައް ވެސް ހިނގާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ގެދޮރުގެ ވައުދު މިއީ އެންމެ ބޮޑު ވައުދު. މިވައުދަކީ ހަމަ ވައުދުވި ގޮތަށް ފުއްދާނެ ވައުދެއް. އަޅުގަނޑު މިރޭ ވެސް ތަކުރާރުކޮށްލާނަން ފުރިހަަމަ ޔަގީންކަމާ އެކީގައި މި ފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި އެއްވެސް ރައްޔިތަކު ނުހުންނާނެ ގެދޮރުވެރިކަމުގެ ފުރުސަތު ނުލިބޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގެދޮރުވެރިކަން ކަށަވަރުކުރެވޭ މީހުންގެ ތެރޭގައި ގެދޮރު އަޅަައިފައި ތަޅުދަނޑި ހަވާލުކުރެވޭ މަޝްރޫއުތަކުން ގެދޮރު ލިބޭ މީހުންނާއި އެކިއެކި މަޝްރޫއުތަކުން ގެދޮރު އަޅައިފައި އެއަށް މަގުފަހިކޮށްދެވޭ ފުުރުސަތު ލިބޭ މީހުންނާއި ފަސް ޕަސެންޓަށްވުރެ ބޮޑުނުވާ އިންޓަރެސްޓް ރޭޓްގައި ދެވޭ ލޯން ސްކީމްގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ގެދޮރުވެރިކަމުގެ ފުރުސަތާއި ކުދިކުދި ރަށްރަށުގައި ދިރިއުޅެގެން ދެެމެހެއްޓެނިވި ތަރައްގީ ހާސިލްނުވާނެތީ އަމިއްލަ އިސްނެގުމުގެ މަތިން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ބައިވެރިވެ، އެއްފަސްވާން ބޭނުންވާ ރަށްތަކުގެ ރައްޔިތުންނަށް އަޅައިދޭ ގެދޮރު އަޅައިދީގެން އެ ފުރުސަތު ލިބޭ މީހުން ކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު މި ސަރުކާރުން ހުށަހަޅާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަަމަށެވެ. އެގޮތުން ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ދެބައިކުޅަ އެއްބައި ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރުވެރިކަން ހިންގުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި… އޭގެ ދެބައިކުޅަ އެއް ބައި މަދުވެގެން 50 އިންސައްތަަ ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރަން. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރި ކަމެއް ނޫން،" ގެދޮރު ބިނާކުރުމަށް މިސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ރޭގެ ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވެވަޑައިިގެންފައިވާ ވައުދުތައް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އެއްބާރުލުމާ އެކު އަކުރުންއަކުރަށް، ރަނުންރަނަށް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވި އެވެ.



advertisment