Support Us

ހިތަށް ތަދުވެއްޖެ! މީ ހަމަ ހިތަށް ތަދުވި ޚަބަރެއް

ކޮންމެ މަރަކީ ތިބާގެ މަރު ގާތްވަމުން އަންނަ ކަން ހަނދާންކޮށްދޭ ހަނދާންކޮށް ދިނުމެކެވެ. ކޮންމެ މަޤުލޫޤެއް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތަކީ މަރެވެ. މަރުވާނެއެވެ. އަލުން ދިރުއްވޭނެއެވެ. ހިސާބު ބެއްލެވޭނެއެވެ. އެއީ އެންމެ އަދުލުވެރި އިންސާފެވެ. އެ އިންސާފު ބިނާވަނީ އަމަލުގެ މައްޗަށެވެ. ހެޔޮ އަމަލަށް ހެޔޮ ޖަޒާއެވެ. ނުބައި އަމަލަށް ނުބައި ޖަޒާއެވެ. ހެޔޮ ކޮންމެ ކަމަކަށް ސަވާބެވެ. ނުބައި ކޮންމެ ކަމަކަށް އަޒާބެވެ. ތިލަފަތަށް ބަރުވާކޮޅެއްގެ މައްޗަށް ނަތީޖާ ކަނޑައެޅެއެވެ. އެއީ އަރާމާއި އުފަލުގެ ޖަންނަތެވެ. ސުވަރުގެއެވެ. އެ ތަން ހުރީ ހެޔޮކަމުގެ ކޮޅު ބަރުވާ ހެޔޮ މީހުންނަށެވެ. ސުވަރުގޭގެ އަހުލުވެރީން ކަމުގައި ވަނީ އެ ބައި މީހުންނެވެ. ދެން ހުރީ ހޫނާއި ވޭނާއި ގިނީގެ ޖަހަންނަމައެވެ. ނަރަކައެވެ. އެ ތަން ހުރީ ނުބައިކަމުގެ ކޮޅު ބަރުވާ މީހުންނަށެވެ. ނަރަކައިގެ އަހުލުވެރީން ކަމުގައި ވަނީ އެ ބައި މީހުންނެވެ.

މި އަދު ހެނދުނުހެނދުނާ އިވުނު ހިތިހިތި ޚަބަރުން ހިތް ކުދިކުދިވި ކަހަލައެވެ. އެ ޚަބަރުން ހިތް އަލުންބަލުން ހޭލައްވައިފިއެވެ. މަންމައެއް ހައި އަޅުގަނޑަށް ނުހަނު ހެޔޮ މިތުރަކު ދެމިއޮތުމުގެ ޢާމަލަށް ދަތުރުކުރެއްވި ހިތާމަވެރި ޚަބަރެވެ. އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތްފަންނުގޭ ނަޞީރާ ޢަބްދުﷲ ދީދީ އަވަހާރަވި ޚަބަރެވެ. ނަސީރާގެ ކުއްލި ވަދާޢުން ވަރަށް ދެރަވެއްޖެއެވެ.

މުޙްތަރަމާ ނަސީރާއާ އަޅުގަނޑާ ބައްދަލުވީ 2018ވަނަ އަހަރުގެތެރޭގައެވެ. ނަސީރާއަކީ ރާއްޖޭގެ ދެކުނުން ފާހަގަކުރެވޭ ކުޅަދާނަ ޝާޢިރާއެކެވެ. ޅެންވެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ޓަކައި ނުހަނު ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އިޚްލާޞްތެރި މިތުރެކެވެ. ޅެންވެރީންގެ ބަހާރުގެ ރޫޙު އާލާކޮށް ދިރުވުމުގައި ނަޞީރާ އަދާ ކުރެއްވީ ވަރަށް އިސް ދައުރެކެވެ. ޅެން ބާޒީތަކާއި ގުންޒަރުތަކުގައި ފޯރިޔާ އެކު ބައިވެރިވެވަޑައިގެން އަމިއްލަފުޅު ޅެންތައް ހުށަހެޅުއްވިއެވެ. ޅެންވެރީންގެ ބައްދަލުވުންތައް ކުރިޔަށް ގެންދިޔުމުގައި ނަސީރާގެ ފަރާތްޕުޅުން ލިބުނު އެހީތެރިކަން ހަނދާނުން ނުދާނެއެވެ.

އުޚްތު ނަޞީރާ ޢަބްދުﷲ ދީދީއަކީ ވަރަށް ހިތްޕުޅުތިރި އޯގާވެރި ބޭފުޅެކެވެ. ސާދާ މިޒާޖެއްގެ ހިތްޕުޅު ބޭފުޅެކެވެ. ވަރަށް މަޑުމައިތިރި މިޒާޖެއްގެ ނިކަން މުރުވަތްތެރި ބޭފުޅެކެވެ. ވަރަށް ސާފުތާހިރު ރީތި ދިރިއުޅުއްވުމެއްގައި އުޅުއްވި ސާދާ ބޭފުޅެކެވެ.

އައްޑުއަށް ކުރި ދަތުރެއްގައި ނަސީރާގެ އެދިވަޑައިގަތުމަކަށް އަޅުގަނޑު ނަސީރާމެން ގެއަށް، އާދެ! ޒިޔާރަތްފަންނު ގެއަށް ދިޔައިމެވެ. އަޅުގަނޑުގެ އިސްތިގުބާލުގައި ނަސީރާއާއި ފިރިކަލުން ބުޝްރީއާއި ދަރިކަލަކު ވެސް ހުންނެވިއެވެ. އެއީ ވަރަށް އުފާވެރި ދުވަހެކެވެ. ޒިޔާރަތްފަންނުގެއަކީ ހިތްފަސޭހަ ބަގީޗާއެކެވެ. ގަސްތަކާއި މާމަލުން ފުރިފައިވާ ހިތްގައިމު ގެއެކެވެ. ފެހީގެ ޢާލަމެއް ފަދައެވެ. ހިމޭން، ހިތްފަސޭހަ ހިޔާވައްސެކެވެ. ޅެންވެރި ހިޔަލެކެވެ.

ލޮބުވެތި އުޚްތު ނަޞީރާ ޢަބްދުﷲއަކީ އެކި މައުޒޫތަކުގައި ޅެން ހެއްދެވި ޝާޢިރާއެކެވެ. އޭނާގެ ޅެންތަކާއި ލަވަތަކާއި މަދަޙަތައް ޅެންވެރީންގެ ބަހާރުގައި ޝާޢިޢުކުރެއްވިއެވެ. އަދި އޭނާގެ ފޭސްބުކުގައި ވެސް ހިސާބަކަށް އެ އުފެއްދުންތައް އެބަހުރިމެއެވެ."އަދިވެސް އޮންލައިން"ގައި ވެސް ނަސީރާގެ ޅެންތައް ޝާއިޢުކުރައްވައިފައި އެބަހުއްޓެވެ.

ޅެންވެރީންގެ މެދުގައި ސުލްޙައާއި ލޯބި ގާއިމުކޮށް އުފާވެރިކޮށް އުޅެން އެތައް މަސައްކަތްޕުޅުތަކެއް ނަޞީރާކުރެއްވިއެވެ. ބައެއް ބޭފުޅުން ކަންތައް ކުރައްވާ ގޮތުން ވަރަށް ދެރަފުޅުވެގެން ދޭތެރެދޭތެރެއިން އަޅުގަނޑާ ވާހަކަދައްކަވައި ހެއްދެވިއެވެ. ވަރަށް ގިނައިން މި ދެންނެވި ފަދަ ކަންކަން އަޅުގަނޑާ ހިއްސާ ކުރައްވައި ޚިޔާލު ހޯއްދެވިއެވެ.

ޝާޢިރާ ނަޞީރާ ޢަބްދުﷲ ދީދީގެ މަތިން އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެއެވެ. އެ ހިތްޕުޅުތިރި މިޒާޖާއި އެ ލޭފަވެތި އޯގާވެތި ހިނިތުންވުމާއި އެ އިޚްލާޞްތެރި ހެޔޮކަން ހަނދާން ހުންނާނެއެވެ. އެއީ އަޅުގަނޑުމެންނަށް ނަސީރާ ދެއްވި އަގުހުރި ފިލާވަޅެވެ. ހިތްދަތިކަމާއި ތުރާލާއި ވޭން އެއީ ވަގުތީ އެއްޗެއްކަމެވެ. އުފަލާއި ހިތްހަމަޖެހުމަކީ ވެސް ވަގުތީ އެއްޗެއް ކަމެވެ. ދުންޔަވީ ހަޔާތަކީ މާމެލާމެލީ ފޮޅިފަރިވުން ފަދަ ވަގުތީ ކަމެއް ކަމެވެ.

މިއަދު ލޮބުވެތި ނަޞީރާއެއް ނެތެވެ. ފެންނާން ހުރީ އޭނާގެ ރީތި ޅެންތަކެވެ. ޢިބްރަތްތެރި މެސެޖުތަކެވެ. އޭނާގެ ހަރުދަނާ ތަރުބިއްޔަތުން ތަރުބިއްޔަތުވެވަޑައިގެން ތިއްބެވި އޭނާގެ ލޮބުވެތި ބޭފުޅުންނެވެ.

ނަސީރާ އަޅުގަނޑުމެންނަށް ދެއްވި އެއް ފިލާވަޅެއްގައި އޭނާ ވިދާޅުވިއެވެ.

"ދަތިތަކާ ކުރިމަތިވެ ކުރިޔަށް ދާން ތިބާއަށް ދަތިވިޔަސް

ކަތި މަގުން ނުހިނގާށެ އަޒުމުން ނުޖެހި ފަހަތަށް ދަތި ވިޔަސް" -ނަސީރާ-

"ހަށި ނަގައި މަތި ބިންމަތީގައި ފަޚުރުވެރިވިޔަކަސް ތިބާ

ކަށިތަކާ އެކު މަސްތަކާ ބިންގަނޑު ދަށަށް ނުލެވޭނެބާ!" -ނަޞީރާ-

ޙަގީގަތުގައި ވެސް މިއީ ވަރަށް ދެރަވާ ދުވަހެކެވެ. ނަސީރާގެ މި ފަދަ ބުއްދިވެރި ހިކުމަތްތެރި ބަސްފުޅުތަކާ މެދު ފިކުރު ހިންގުމުން އަދި މާބޮޑަށް ދެރަވެއެވެ. އެކަމަކު މިއީ ހަމަ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެކެވެ. މި ކަން ހިތަށް އެރުމުން ހިތަށް ލިބޭ ތަސައްލީގައި ކުރެވެނީ ހެޔޮ ދުޢާއެވެ. އެދެނީ ހެޔޮ އެދުމެވެ.

ބަހާރުން ވަކި އެ ވީ އަދު މަންމައެއް ލޮބުވެތިވި ޅެންވެރިއެއް

ބަހާ  އަމަލުން މުހައްބަތު ދިން ނިކަން އޯގާވި އެކުވެރިއެއް

ހިތަށް ތަދު ވެއްޖެ! ހިތްދަތިވޭ ވަރަށް ދެރަވޭ

ހިތަށް މީ ހަމަ ތެދެއް ކުޅަދާނަ ނުވި ޚަބަރެއް

ނަސީރާ ލައްވަވާށިއެ ޖަންނަތުލް ފިރުދައުސްގައި އަބަދަށް

ނަސީބުވެރިން ތެރޭ ލައްވާށި! ބައްދަލުވާށި! މަހުޝަރުގައި

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن ލޮބުވެތި ނަސީރާ ޢަބްދުﷲ ދީދީގެ ފާފަތައް ފުއްސަވައި، ޖަންނަތުލް ފިރުދައުސްގެ މަތިވެރިވެގެންވީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ދުނިޔޭގެ ހަޔާތުގައި ނަސީރާ ހެއްދެވި ފަދަ އުފާވެރި އަރާމާއި ޢައިޝް ހުރި ބަގީޗާއެއްގެ އުފާވެރިކަން މަރުޙޫމާއަށް ﷲ ތަޢާލާ މިންވަރު ކުރައްވާށިއެވެ. ލޮބުވެތި ފިރިކަލުންނާއި ބޭފުޅުންނާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. ހުރިހައި ބޭފުޅުންނަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. آمین ياربّ العالمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *