Support Us

ކޮލަމް ކަލާވެހި: އަޅުގަނޑު އެ ތަނަށް ދެން ވަންނަ ހިތެއް އަދިއެއް ނެތެވެ!

ދުވަހަކީ މީގެ ދެތިން ދުވަހެއް ކުރީގެ، ވަރަށް އާދައިގެ ދުވަހެކެވެ. ވަގުތަކީ ހަވީރޭ ކިޔާ ދަމުގެ ފަހުގެ ގަޑިތަކުގެ ތެރެއިން ގަޑިޔެކެވެ. ތަނަކީ މާލޭގެ ގަލޮޅޭ ކިޔުނު އަވަށުގައި ހުރި ކެފޭއެކެވެ. އަޅުގަނޑާއި އަޅުގަނޑުގެ ޒަމާންވީ ރަޙުމަތްތެރިޔަކާއި ދެމީހުން އެ ކެފޭޔަށް އެ ދުވަހުވެސް ވަދެލީ ކޮފީޔެއް ބޯލައި، ދައްކާން ހުރި ބައެއް ވާހަކަ ދައްކައިލާ ހަދާށެވެ. ހިތް ހަމަޖެހޭ ކަހަލަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްޞަދުގައިވެސް މެއެވެ.

އަޅުގަނޑުމެން ކެފޭޔަށް ވަދެ، ކޮފީޔަށް އޯޑަރުކުރިތާ މާކަ ގިނަ އިރެއް ނުވަނީސް ކޮފީ އަތުވެއްޖެއެވެ. އަދި އަޅުގަނޑުމެން ދެމީހުން ކޮފީޔަށް އިންސާފުކުރުމާއި ދައްކައިލާން ހުރި ބައެއް ވާހަޔައިގެން ކުރިޔަށް ދާން ފަށައިފީމެވެ.

ހަތަރުފަސް މިނެޓެއް ފަހެވެ. ކެފޭޔަށް ވަދެގެން އައިސް، އަޅުގަނޑުމެންނާ ޖެހިގެން ހުރި މޭޒެއްގެ ދޮށުގައި އެ އިށީނީ ނޫކަށިފުރައިގެން ޒުވާން ފުރައިގެ ހަތަރުފަސް ކުދީންނެވެ. ޢުމުރުން ވިހިބާވީހުގެ، ޤާނޫނީ ބަހުރުވަޔަކުން ދަންނަވާން ޖެހިއްޖެ ނަމަ ބޮޑެތި މީހުންނެވެ. އެ މީހުން އަޅައިގެން ތިބި ހެދުމާއި، އަތުގައި ހުރި ފޯނުތަކާއި، އޭގެ ތެރެއިން ދެ ކުއްޖަކު މޭޒުމައްޗަށް ހުޅުވައިލި ދެ ލެޕްޓޮޕުން ވަޒަން ކުރާނަމަ، ފޯރުން ތެރި، "ރަނގަޅު" ޢާއިލާތަކަކަށް ނިސްބަތްވާ، ބޮޑެތި މީހުންނެވެ. އެހެން ނަމަވެސް، އެ ހިސާބުން އެ މީހުންގެ ސުލޫކުގެ ކަންކަން ބެހެއްޓި ގޮތް ފެނިފެނި އިންދައި، ޤައުމުގެ މުސްތަޤުބަލަކީ އެ މީހުން ކަމަށް ބަލައިގަންނާން އަޅުގަނޑުމެން ކަހަލަ މީހަކަށް މީހަކަށް މީހަކު މަޖުބޫރުކޮށްފިއްޔާ އެ މުސްތަޤުބަލާމެދު ހިތާމަކޮށް، ބިރުގަންނާން ޖެހޭ ޒާތުގެ ސުލޫކެއްގެ ވެރީން މެއެވެ.

މި ދެންނެވި، ހިތާމަވެރި، އަދި ބިރުވެރި، އަދި އެ މުސްތަޤްބަލަކަށް އަޅުގަނޑުމެން ޒާތުގެ މީހުން ނޭދޭ ކަހަލަ މުސްތަޤްބަލެއްގެ  މައްޗަށް އަޅުގަނޑުގެ ފިކުރު އެނބުރޭގޮތް ފުރަތަމަ ވީ އެ މީހުން ކޮފީޔަށް އޯޑަރުކޮށްލި "ހިޓު" ގޮތް ފެނިފައެވެ. އާދެ! ކެފޭގައި ތިބި ވޭޓަރުންނަށް އެ މީހުން އަމުރުކޮށްލި ގޮތުގެ ކުރަކި އަމުރުވެރިކަމާއި ހުތުރު އަޚުލާގު ފެނިފައެވެ. މި ރާއްޖެޔާ ނުލާހިކު ދުރުން، ވަޒީފާއެއްގެ ބޭނުމުގައި ރާއްޖެޔަށް އައިސް މަސައްކަތް ކޮށްގެން  ޢާއިލާޔަށް ފައިސާކޮޅެއް ފޮނުވާން ކަމަށް އައިސް ތިބި ޒުވާން ބިދޭސީ ވޭޓަރުންގެ މޫނުމަތީން ފެނުނު ކެތްތެރިކަމުގެ ސިފަޔަށް އަޅުގަނޑުގެ ހިތުގައި އުފެދުނު ތަޢުރީފާ ވެސް އެކުގައެވެ. އަދި އިސްވެ ދެންނެވި ދޭސީ ޒުވާނުންނާ މެދު އަޅުގަނޑުގެ ހިތުގައި އުފެދުނު ނަފުރަތާވެސް އެކުގައެވެ.  އެހެން ނަމަވެސް، އަޅުގަނޑު މޫނުމައްޗަކުން އެކަހަލަ އެއްވެސް އެއްޗެއް އެއްވެސް މީހަކަށް އެ އިރަކު ނުފެންނާނެއެވެ.

އެހެން ނަމަވެސް، ކަން އެ ހިސާބުން ނިމުނީކީ ނޫނެވެ. އަޅުގަނޑާއި އަޅުގަނޑުގެ ރަޙުމަތްތެރިޔާ ދައްކާން ތިބި ވާހަކަ އިސާހިތަކު އެ ޖެހުނީ ހުއްޓައިލާށެވެ. ޖެހިގެން ހުރި މޭޒުގައި އެ ތިބަ ވަރުގަދަ ޒުވާން ގުރޫޕުގެ ހަޅޭކާއި، އަޑުގައި ނެތްތަނަށް އެހެރަ ޖަހައިލާ ހިނިގަނޑުގަނޑާއި، މޭޒުމަތީގައި އެހެރަ ޖަހައިލާ ޖަހައިލުންތަކާއި އަޅައިލާ އެތިއެތިފަހަރުގެ ތެރެޔަށް އަޅުގަނޑުމެން ދެ މީހުން އެކަކު އަނެކަކާ މުޚާޠަބްކޮށް ދައްކަމުން ގެންދިޔަ ވާހަކަ ގެނބި ޣަރަޤުވާން ފެށި ހިސާބުންނެވެ. އެހެން ނަމަވެސް، ކަންތައްތައް އެ ހިސާބަށް ދިޔަ އިރުވެސް، އަޅުގަނޑާއި އަޅުގަނޑުގެ ރަޙުމަތްތެރިޔާގެ ހިތުގައި މި ދެންނެވި ޒުވާނުންނާ މެދު އުފެދުނު ހިތްހަމަނުޖެހުމާއި ނަފުރަތުގެ ކުލަވަރު މޫނުމަތީން ނުދައްކައި ވޭތޯ އަޅުގަނޑުމެން ބެލީމެވެ.

ދުވަހުގެ މާޙައުލުގެ ކަމީނާކަން ދެންވެސް ދިޔައީ އިތުރުވަމުންނެވެ. އެހެނީ، މި ދެންނެވި  "ރައުޑީންގެ" ކަންތައްގަނޑު އެހިސާބުން ވެސް ހުއްޓުނީކީ ނޫނެވެ. އޭގެ ތެރެއިން ބައެއް މީހުން ގަދަޔަށް ސިނިގިރޭޓު ބޯން ފެށީމައެވެ. އެ މީހުން އަރުވާން ފެށި ބޯ ދުންގަނޑުގެ  ސަބަބުން ކެފޭޔަށް ވަދެ ތިބި ބައެއް އެހެން މީހުންނަށް އުނދަގޫވާ ތަން އަޅުގަނޑުމެންނަށް ފެންނާން ފެށީމައެވެ. އެ ކަމުގެ ސަބަބުން އެތާ ތިބި އެންމެންގެ  ފުއްޕާމެޔަށް ކުރާނޭ އަސަރު ވިސްނޭން ފެށީމައެވެ. ކަންތައްތައް މި ހިސާބަށް ގޮސް، އެ ވެރީން އެތެރެޔަށް ދަމައިލައިފައި ބޭރަށް އެ ދޫކޮށްލާ ދުންފަތު ދުމުގެ ފަކުރު ވަސްގަނޑު އަޅުގަނޑުގެ ރަޙުމަތްތެރިޔާގެ ނޯށަށް ވަނީމައި އޭނާ މޫނު ކުނިނުކުރާން ކުރަމުން ގެންދިޔަ ހިތްވަރު އަޅުގަނޑަށް އިޙުސާސްވިއެވެ. އަދި އެ ކަމުގައި އޭނާ ހޯދަމުން ގެންދިޔަ ކާމިޔާބީ ވެސް އަޅުގަނޑު ދުށީމެވެ.

އެ ހިސާބުން އަޅުގަނޑުމެންނަށް ފާހަގަވީ ކެފޭގެ އެތަން މިތާނގައި ހިއްޕައިފައި ހުރި ހުދާއި ރަތުގެ އިޢުލާނު ތަކެވެ. ދެ ލޯ ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް ވަރަށް ސާފުކޮށް ފެންނަ ބޮޑުމިނުގައި، ކެފޭގެ އިސްތިރާޖީ އެކި ހިސާބުގައި ހިއްޕައިފައި ހުރި އިންޒާރު ކަރުދާސްތަކެވެ. ތަނަކީ އެ ތަނުގައި ދުންފަތުގެ އުސްތިޢުމާލު ކުރުން ޤާނޫނީ ގޮތުން މަނާ ތަނެއް ކަމާއި، އެޔާ ޚިލާފަށް ޢަމަލުކުރާ މީހުން ޖޫރިމަނާ ކުރެވޭނޭ ވާހަކަވެސް ތާނަ ކިޔާން ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނޭ ހެން އެ އިޢުލާނުތަކުގައި ސާފުކޮށް  ލިޔެފައި ހުރި ޤާނޫނީ ލިޔުންތަކެވެ. އެހެން ނަމަވެސް، ހިތާމަ ހުރި ކަމަކީ، ރާއްޖެޔަށް ވުރެ ފިނި، ފަރުބަދަމަތީ ކޮންމެވެސް ވިލާތެއްގެ ފިނި ދުވަހެއްގެ ފަތިހުގެ ދުންފިނީގެ ޖައްވަކަށް ވުރެ ތަނުގެ ވައި ފުސްވެގެން ދިޔަ އިރު، ތަނުގައި ތިބި މީހުން ކުރެ އެއްވެސް މީހަކު އެކަމާ އަޅައިނުލި ކަމެވެ. ތަން ހިންގައި ބަލަހައްޓައި، ކޮފީ ހަދައި، މޭޒުމަތި ބަލަހައްޓައި، ފައިސާ ބަލައިގަނެ، މި ހުރިހައި ކަމެއް ކުރާން ތިބި ބިދޭސީން ކުރެ ހަމަ އެކަކުވެސް އެ ކަމާ އަޅައިނުލި ކަމެވެ. ފަސް ސަތޭކަ ރުފިޔާގެ ޖޫރިމަނާ އެއީ ފުލޯކެއް ކަމަށް އެ މީހުން ވެސް ޤަބޫލުކުރީ ތޯއްޗެކެވެ. ނޫނީ އެ މީހުން އެ ޤައުމުތަކަށް ނިސްބަތްވާ ޤައުމުތަކުގައި އުޅޭ ކަމަށް ފިލްމުތަކުން އެ ފެންނަ ގުންޑާއިން ދެކެ އެ ތަންތާނގެ މީހުން ގަންނަކަމަށް ދައްކާ ބިރު އެއީ މި ތަނުގެ ޙަޤީޤަތް ކަމަށްވެސް އެ މީހުންނަށް ހީވީ ތޯއްޗެކެވެ. ދެން އެ ކަމާ އަޅުގަނޑުމެންގެ މޫނުމަތީން އަޅުގަނޑުމެން ދައްކާނޭކަ އިތުރު ސިފައެއް ނޯންނާނެ، އެހެން ނޫންތޯއެވެ!

އެ ދަނޑިވަޅުގައި ކަން ވާނީވެސް އަދި ވާން ޖެހޭނީވެސް އެހެންނެވެ. ތަނުގައި ވޭޓަރު ކަން ކުރާން އެ ތިބީ އެ މީހުންނަށް ބީރަށްޓެހި ރާއްޖެޔެއް ކަމުގައި ފެންނާނޭ މި ރާއްޖޭގައި ކިރިޔާ ކަމެއް ދިމާވިޔަސް ބިރުން ތުރުތުރުއަޅާ ޢުމުރުގެ ޒުވާން ކުދީންކޮޅެކެވެ. ނޭޕާލަށް ނިސްބަތްވާ ދެތިން އަންހެން ކުއްޖަކާއި ސްރީލަންކާޔަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ. ކޮފީ ހަދައި، ތަން ރަމަތަކޮށް، ސޭޓުކަން ކުރާން ތިބީވެސް ހަމަ އެ މީހުންނެވެ. ތަނުގެ ހިންގުންތެރީންނާއި ޚިދުމަތުގާރުންގެ ތެރޭގައި ފުރިހަމަ ކީއްކުރާންތޯއޭ ފަނޑިހި ދިވެއްސަކު ނަމަ ވެސް ނެތެވެ. ދެން ކަންތައް ވާނީވެސް، އަދި ވާން ޖެހޭނީވެސް އެހެން ނޫންތޯއެވެ؟

ޖެހިގެން ހުރި މޭޒުގައި އެ ތިބަ ޒުވާން ފަހުލަވާނުންގެ ކަންތައް އެ ހިސާބުން އަދި ނިމުނީކީ ނޫނެވެ. އޭގެ ތެރެއިން އެކަކު ކުއްލިޔަކަށް ތެޅިލައިފައި ޖީބުން އެ ނެގީ އެންމެ މިޒަމާނުގެ ވޭޕެކެވެ. އަދި އޭނާޔަކީ އަޅުގަނޑާ އެންމެ ގާތުގައި އިން މީހާ ކަމުން ވެސް ކަންނޭނގެޔޭ، އޭނާ ހަށިފުރައި އެތެރެޔަށް ދަމައިލައިފައި ބޭރަށް ދޫކޮށްލި ބޯ ދުންގަނޑު އޭނާގެ ރައްޓެހީންގެ މޫނަށް ނުބުރުވާން ވެގެން ވެސް ކަންނޭނގެޔޭ، އޭނާ އަޅުގަނޑުމެނާ ދިމާޔަށް އެނބުރިލައިފައި އެ ފަކުރު ދުންގަނޑު އެ ދޫކޮށްލީ އަޅުގަނޑުގެ މޫނަށެވެ. މޫނު ކުނިނުކުރާން އެހައިތަނަށް މަސައްކަތްކޮށްކޮށް އިން އަޅުގަނޑުގެ މަސައްކަތް އެ ހިސާބުން އެ ވީ ނާކާމިޔާބެވެ! ވާނީ އެހެން ނޫންތޯއެވެ!

އެ ހިސާބުން އަޅުގަނޑުމެންނަކަށް ދެން ކެތެއް ނުވިޔެވެ. ކޮފީޔަކާއި ކޮފީއެކެވެ. ވާހަކަޔަކާއި ވާހަކަޔެކެވެ. ބިލު އަވަހަށް ގެންނާށޭ ކިޔައިފައި އަޅުގަނޑުމެން އެ ތަނުން އަވަހަށް ނިކުމެގެން ދާން ތެދުވީމައި ތަނުގައި ތިބި ވޭޓަރުންނަށް އެ ވީގޮތް ވިސްނިއްޖެއެވެ. އަދި ކާޑުން ފައިސާ ދައްކާ މެޝިނު ހަމަ އެހައި އަވަހަށް އަޅުގަނޑުމެންނަށް ފޯރުކޮށްލިއެވެ. އެކަން ކުރާކަށް އެ މީހުން ފަހެއް ނުޖެހުނެވެ. އެކަމުގައި އެ މީހުންގެ ޖެހިލުމެއް ފަސްޖެހުމެއްވެސް ނެތެވެ. އެ ހިސާބުން އަޅުގަނޑުމެންވެސް ބެލީ ބޮވުނު ބައިކުޅަބައި ކޮފީޔަށް ފުރިހަމަ ކޮފީޔެއްގެ  އަގު އަވަހަށް އަދާކޮށްފައި އެތަނުން ނިކުމެގެން ސަލާމަތްވެވޭތޯއެވެ!

ދެން އައްސަވާށެވެ! އަޅުގަނޑު މި ދެންނެވި ކެފޭޔަކީ އެހައިތަނަށް އެ ހިސާބުން އަޅުގަނޑުމެން ވަދެއުޅުނު ހަމައެކަނި ކެފޭއެވެ. އަޅުގަނޑުމެން އެ ތަނަށް އަޅުގަނޑުމެން ވަނީމައި ތަނުގައި ތިބޭ ވޭޓަރުން އަޅުގަނޑުމެންނާ ނަމުން މުޚާޠަބްކޮށް، އަޅުގަނޑުމެން ޢާންމުކޮށް އޯޑަރުކުރާ ތަކެތިވެސް ހަނދާން ހުންނަ ވަރަށް އެ މީހުންވެސް އަޅުގަނޑުމެންނަށް ފަރިތަވެފައި ތިބި ތަނެވެ. އަޅުގަނޑުމެންނަކީ، މި ޒަމާނުގެ އިނިގިރޭސި އިޞްތިލާޙުގެ ވިޔަފާރީގެ ބަހުރުވައިން ދަންނަވާ ނަމަ، އެހައިތަނަށް ތަނުގެ "ރެގިޔުލަރ ކަސްޓަމަރ" އިންނެވެ.

އެކަމަކު ދަންނަވަން ތޯއެވެ! އަޅުގަނޑު ދެން އެ ތަނަށް ވަންނަ ހިތެއް ނެތެވެ. ސަބަބަކީ ތޯއެވެ؟ އަޅުގަނޑުމެންގެ ތެރޭގައި އަދި ތަންކޮޅެއް މަދު، އަދި މަންޒަރު މިހައިރު ފެންނަ ގޮތުން އިރާދަކުރެއްވިއްޔާ ދެން މިޔަށް ވުރެ ވެސް މަދުވާނޭ ޒާތުގެ، ނުކިއްސަރު ގުންޑާއިން ތަކެއް އަޅުގަނޑުމެންގެ މޫނަށް ދުން ބުރުވީމައެއް ނޫނެވެ. އަދި ކިއެއްތަ، އެޔާ ޚިލާފަށް، ރާއްޖޭގެ ޤާނޫނާއި ޤަވާޢިދަށް ބަޔަކު ޙުރުމަތްތެރިކޮށް ނުހިތާ ނުހިތުމެއްގައި ބައިވެރިނުވުމުގެ ނިޔަތުގައެވެ.

އަޅުގަނޑު މި ތާނގައި މި ދަންނަވާ ވާހަކައިގެ ސަބަބު ދަންނަވާނަމެވެ. ހަމަ އެއްވެސް ޤައުމެއްގެ އެއްވެސް ތަނެއްގައި އެ ޤައުމެއްގެ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެއް ކަމަކަށް ވުރެ ގިނަ ކަމެއް ފައުޅުގައި ހިނގާނަމަ، ދެން އެތާކަށް ގިނައިން ވަންނާނީ އެ ކަންކަމަށް ރުހި ތިބުމުގެ އިތުރުން އެ ކަންކަން ކުރާ މީހުންނަށް ބާރުވެރިކަންވެސް ދޭ މީހުން ކަމުގައި ކޮންމެވެސް ބަޔަކު ދެކޭނޭ ކަން ކަށަވަރެވެ. ތަނުގައި ރާއްޖޭގެ ސޭޓެއް އިނުން ލާޒިމުވާ ލާޒިމުވުން އެ ތާނގައި ކޮބައިތޯއެވެ؟ ތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ކުރުން ތަންފީޒުކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅާން ޖެހޭނީ ތަނުގެ ހިންގުންތެރީންނާއި މުވައްޒަފުން ފިޔަވައި ދެން އެހެން ކޮން ބަޔެއްތޯއެވެ؟ އަޅުގަނޑުގެ ހީ ކުށަކަށް ނުވަންޏާ، ޢާންމު ޚިދުމަތެއް ދޭ ތަނެއްގައި ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުން  ޢަމުދުން ނެތިއްޖެތަ، އެ ތާކަށް ދެން ގިނައިން ވަދެ ތިބޭނީ ތިމާޔަށް ވީމާ  އެ ހިސާބުން އެ ނިމުނީ ކަމަށް ދެކޭ މީހުންނެވެ.  ނުވަތަ އަނެކާގެ ޙައްޤަށް އަރައިގަތުމަކީ ތިމާޔަށް ކަން ފަސޭހަވާ ޙާލުގައި ތިމާޔަށް ލިބިގެންވާ ޙައްޤެއް ކަމަށް ދެކޭ ޒާތުގެ މީހުންނެވެ. އަދި މަދުން ނަމަވެސް ތަނަށް ވަދެ، އެންމެންނަށް ޖެހޭ ދުއްތުރާލަކަށް ދޭތެރެދޭތެރެއިން ވާނީ، އިސްވެ ދެންނެވި ޒާތުގެ، އެހެން މީހުންގެ މޫނަށް ދުން ބުރުވާ ޒާތުގެ ގުންޑާއިންވެސް މެއެވެ.

އަޅުގަނޑު އެ ތަނަށް ދެން ވަންނަ ހިތެއް އަދި ނެތެވެ! އެއީ ތަނަށް ވަންނަ މީހުންގެ ސުލޫކާ ދޭތެރޭ ހިތްހަމަ ނުޖެހޭތީއެއް ނޫނެވެ. ތަނުގައި ރާއްޖޭގެ ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުން އެއީ ތަނުގެ ހިންގުންތެރީންނަށް އެހައި މުހިންމު ކަމެއް ކަމެއް ނޫން ހެން ހީވާނޭ ދެތިން ކަމެއް އެ ތަނުން ފެނުނީމައެވެ. އަދި އެ ކަހަލަ ތަނެއްގައި ފަހަރުގައި ހިނގާ ކަމަކުން ކުރިމަތިލާން ޖެހިދާނޭ ނުރައްކަލަކުން ދުރާލާ ރައްކާތެރިވެ ހުރުމަކީ ބުއްދިވެރި ކަމެއް ކަމަށް ފެންނާތީއެވެ. އަދި ހަމަ އެޔާ އެކު، މި ދެންނެވި ކަންފަސޭހަ، ބޮޑު ވަރިހަމަޔަށް އިޝްތިރާކު ދޭ މީހުންގެ ލިސްޓުގައި އަޅުގަނޑުގެ ނަން ހިމަނާން ބޭނުން ނުވާތީއެވެ.

މި ވާހަކަ މި ހިސާބަށް ދަންނަވައިފައި، އަދި ދަންނަވައިލާން ބޭނުން އެހެން ވާހަކަޔެއްވެސް އެބަ އޮތެވެ. އެއީ، މި ޤައުމުގެ އުޖާލާ އަދި ރޯޝަން މުސްތަޤްބަލުގެ އުންމީދު ކަމަށް ވާ ޒުވާނުންގެ ތެރެއިން އެތައް އެތައް ސަތޭކަ އުންމީދުވާރުންނަކީ އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް ބާއްވާ، އަޅުގަނޑުގެ ރައްޓެހި ރަޙުމަތްތެރީންނޭ ދެންނެވުމެވެ. އަދި އެ ފަދަ ޒުވާނުންގެ ހިތްވަރާއި ފަންވަރާއި ހިންމަތާއި މިންނަތާ އެކު މި ޤައުމުގެ މުސްތަޤުބަލް އިރާދަކުރެއްވިއްޔާ މިއަދަށް ވުރެވެސް ފާގަތި ވާނޭ ކަމަށް އަޅުގަނޑު އުންމީދުކުރާ ވާހަކައެވެ. އަދި ހަމަ އަޅުގަނޑެކޭ އެއްގޮތަށް، މިދެންނެވި ޒާތުގެ ތަންތަނަށް ފަހުން މިދެންނެވި ބާވަތުގެ އުންމީދީ ޒުވާނުންނަށް އޮޅިގެން އެއް ފަހަރުވެސް ވަދެވިއްޖިއްޔާ އެ ތާކަށް އެ މީހުން ދެވަނަ ފަހަރަކަށް ނުވަންނާނޭކަން ޔަޤީންވާ ވާހަކައެވެ.

އެހެން ވީމައި، ފަހުން މިދެންނެވި ޒާތުގެ އުންމީދީ ޒުވާނުންނަށް ތާއީދުކުރުމުގެ ގޮތުން ވެސް، އަޅުގަނޑު އެ ތަނަށް ދެން ވަންނަ ހިތެއް އަދިއެއް ނެތެވެ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. ދޮގެއްވާނޫން! ތިޔައީ މިހާރު މި މުޖުތަމައުގެ ހާލަތު. ވިޔަފާރިތައް އޮތީ ބިދޭސީން ހިންގި ގޮތަކަށް ހިނަގަން ދޫކޮށްލާފަ. ދޭސީންގެ އަހުލާގު އޮތީ ވައި ޖެހުނު ދިމާލަކަށް ހަވަޔައް ދޫކޮށްލާފަ. ޒިންމާވާނެ ޒިންމާނަގާނެ ބަޔަކު މި ފަސްގަނޑުގަ ހުރިހެނެއް ހިޔެއްނުވޭ. ހުރީ ހަމަ އެކަނި "އިރުނޯއްސޭ" ދިދައެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *