Support Us

އީދުގެ ދިއްލުންތައް އަޟްހާ އީދުގައި އިތުރަށް ދިއްލިގެންދާނެ: ރައީސް

އީދު ދުވަހުގެ ދިއްލުންތައް އިތުރަށް ވަރުގަދަކޮށް އަޟްހާ އީދުގައި އިތުރު ރަށްތަކުގައި އީދުގެ ދިއްލުންތަކުން ދިއްލިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޢީދު އަލި" އިފުތިތާޙް ކޮށްދެއްވައި "ޖުމްހޫރީ ފައްވާރާ" މަރާމާތުކުރުމަށްފަހު އަލުން ހުޅުވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިތުރުއީދުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނަށް ވީތީ ފަހުރު ވެރިވާން ޖެހެނީ ދިވެހިންނަށް އިސްލާމް ދީނުގެ އެންމެ މަތިވެރި ނިއުމަތް ލިބިފައިވާތީކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމް ގައުމެއް ކަމުގައިވާއިރު ދުރާލައި އީދު ދުވަހަށް ތައްޔާރުވެ، ދީނުގެ ހަމަތަކުގެ މަތިން އީދުގެ އުފަލުގައި ބައިވެރިވެ، އީދު އުފާ ފާޅުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެމަނިކުފާނު ނިންމެވީ މި ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިފަދަ ކުލަގަދަކޮށް އީދު ފާހަގަކުރަން ފެށިގެން ދިއުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަހަރު މާލެ ސިޓީއާއި ހުރިހާ ސިޓީތަކެއްގައި އާއި ވެރިކަން ކުރާ ހުރިހާ ރަށެއްގައި އީދުގެ ދިއްލުންތައް މިވަނީ ދިއްލިފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ ކުރިއަށް އޮތް އަހަރު އަދި މިއަށްވުރެ ގިނަ ރަށްތަކުގައި އީދުގެ ދިއްލުންތައް ދިއްލޭނެ ކަމަށެވެ.

"މިހާރު ވެސް ވަރަށް ގިނަ ރަށްތަކުން އެބަ އެދޭ އެ ރަށްތަކުގައި ސަރުކާރުގެ އީދު ލައިޓް ހަރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މިއަންނަ އަހަރަށް އަދި އަޟްހާ އީދަށް މިއަށްވުރެ ގިނަ ކުރާނަން ގިނަ ރަށްތަކުގައި،" ރައީސް ވިދާޅުވި އެވެ.

ފިތުރު އީދުގެ އުފަލުގައި ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވެ، އީދު އޭގެ ފުރިހަމަ ގޮތުގައި ފާހަގަކުރުމަށާއި މި އީދަކީ އެންމެން އެކުގައި އެއްބައެއްގެ ގޮތުގައި ފާހަގަކުރާ އީދަކަށް ހެދުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *