ރާއްޖެ މިހާރު އޮތް ހާލަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވައްޓައިލައިގެން އުޅޭ ހާލަތެއް ނޫން ކަމަށާއި އެކަމަކު މިއީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީ ސަރުކާރުން ރާއްޖެ ވައްޓާލާފައިވާ ހާލަތު ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފް އިން ބާއްވަމުން އަންނަ ސިޔާސީ ބައްދަލުވުމުގައި އޯޑިއަންސްގައި އިންނަވާ ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
އެމްޑީޕީއަށް ވަރަށް ބޮޑު ފާޑުވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެ މިހާރު މި އޮތް ހާލަތަށް ވައްޓާލާފައިވަނީ ކޮން ބައެއް ކަމާާއި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
"ރާއްޖެ މިއަދު މި އޮތް ހާލަތުގައި މިއޮތީކީއެއް ކޮންމެހެން ޑރ. މުއިއްޒު މިހާލަތަށް ރާއްޖެ ވައްޓައިލައިގެން ނޫން. އޭގެ ވެސް ހަގީގަތް އެނގޭނެ. ފަސް އަހަރެއްގެ ވެރިކަން ދިޔައިރު ރާއްޖެ މިހާލަތަށް ގެނެސްފައި މިއޮތީ އެމްޑީޕީ ވެރިކަމުގައި ތިބެގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދަރަނިވެރިކޮށް، މިހާރު އޮތް ސަރުކާރަށް ކަންކަން ކުރަން ނޭނގޭ ކަމަށް ބުނެ އެމްޑީޕީގެ ބޭފުޅުން ވާހަކަދައްކަވާއިރު އެ ދަރަނި އުފެެއްދީ ކޮން ބައެއްކަން ވެސް ގަބޫލުކުރަން އެމްޑީޕީން ބޭނުންނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއަދު އެބޭފުޅުން އެބަވިދާޅުވޭ ދައުލަތް ހިންގާކަށްވެސް ނޭނގެއޭ. ފައިސާ މެނޭޖްކުރާކަށް ނޭނގެއޭ. ދަރަނި ފިލުވާކަށް ވެސް ނޭނގެއޭ. އެކަމަކު ދަރިނި އުފެއްދީ ކޮން ބައެއްް ކަމެއް ގަބޫލްކުރާކަށް ބޭނުމެއް ނުވޭ. ދައުލަތުގެ މުއައްސަސާތައް މިނިވަން ނޫން ކަމަށް އެބަ ވިދާޅުވޭ. ދައުލަތުގެ މުއައްސަސާތައް މިނިވަން ނުކޮށް މުށުތެރޭގައި ގެންގުޅުނީ ވެސް ކޮން ބައެއްކަން އެބައެނގޭ. އަދި ރާއްޖޭގެ އިންޑިއާގެ ސިފައިން ތިބެ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގައިގެން މިއުޅޭނީ ވެސް ކީއްވެގެންކަން ވެސް އެނގޭ. އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީ މީހުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ދެކުނުގައި އޮތް މަސްކަނޑުގެ ސަރަހައްދުން ބައެއް ވިއްކައިލައިގެން އެކަން ވެސް އެއީ ނުކުރާ ކަމެއްގެ ގޮތުގައި ހަދައި އެކަމާ ގުޅުން ހުރި ސިޓީ ވެސް ނުދައްކަން އުޅުނީ ވެސް އެމްޑީޕީން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ކިތަންމެ އާދައިގެ ކަމެއް ވިޔަސް ރައްޔިތުން އެދުނީމަ ޖަވާބުދާރީ ކުރަން އެދުނީމަ ގައުމީ ސަލާމަތުގެ ބޮޑު ބަހަނާ ދައްކާފަ ރައްޔިތުންނަށް ޖަވާބުދާރީނުވެ އުޅުނު ބަޔަކީ ވެސް އެމްޑީޕީ މީހުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭ ރައްޔިތުންގެ މަޖިލީސެއްގައި އެމްޑީޕީ ފަދަ ނަމޫނާ ދައްކާފައި ތިބި ބަޔަކަށް މަޖިލީހުން ޖާގަދޭން ޖެހޭނެތޯ ވެސް ރައީސް ޔާމީން ސުވާލުކުރެއްވި އެވެ.
"މުޅި ރާއްޖޭގެ ހަލާކުވެގެން ދިޔައިރު، މުޅި ރާއްޖޭގެ ހައިބަތު ގެއްލިގެން ދިޔަ ކަންތައްތައް ކޮށްފައި ތިބިއިރު އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުން ޖާގަދޭން ޖެހޭތޯ،" ރައީސް ޔާމީން ސުވާލުުކުރެއްވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ސަރުކާރެއް ޖަވާބުދާރީ ކުރުމަށް އެމްޑީޕީ ފަދަ ޕާޓީއެއްގެ މެމްބަރުން ހޮވައިގެން އެކަން ނުކުރެވޭނެ ކަމަށާއި އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ގިނަކޮށްގެން ވެސް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހޮވަން ޖެހޭނީ ސަރުކާރުން ހިންގާ ކަންކަމަށް ޖެއްސުން ނުކުރާ، ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މަނީލޯންޑްރިންގް އާއި ރިޝްވަތުގެ ކުށް ސާބިތުވެގެން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުުކުމެއް ވަނީ އިއްވާފަ އެވެ. އެއަށްފަހު ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ އެމްޑީޕީގެ ސަރުކާރު ދައުރު ނިމެންދަނިކޮށް، ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.



advertisment