Support Us

ރިޔާސީ އިންތިހާބު 2023

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ކުރިއަށް ގެންދިޔަ ޑރ. މުއިއްޒުގެ ކެންޕެއިން ނިންމާލައިފި

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މާލޭ ކުރިއަށް ގެންދިޔަ ފޯރިގަދަ ހިނގާލުމަކަށްފަހު ބޭއްވި ޚާއްސަ ދުއާއަކުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޕެއިން ނިންމާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު މާލޭގެ އާޓިފިޝަލް ބީޗް ސަހައްދުން ފެށި މި ހިނގާލުން މާލޭގެ ބޮޑު އެކި މަގުތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ދިވެހި ދިދަ ހިފައިގެން ތިބި ސަޕާޓަރުންނާ އެކު އެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ ދިދަ ހިފައިގެން ވެސް އެތައް ބަޔަކު ތިއްބެވެ.

މި ހިނގާލުން ނިމާލުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުންނަށް އިންސާފުވެރި، އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި މި ގައުމުގައި އަދުލުވެރި އިންސާފުވެރި ވެރިކަމެއް ގެެނެސް މިގައުމުން އަނިޔާވެރިކަން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިގައުމުގެ މިނިވަންކަން ޔަގީންކޮށްދީ ގައުމު މިހާރު ވެއްޓިފައި އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހައިދެއްވާނެ ކަމަށެވެ. އަދި ފުދުންތެރިކަން އިތުރުކޮށްދެއްވާ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާ އިރު ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ހުރިހާ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިގައުމުގައި އިރާދަކުރެއްވިއްޔާ ތިބޭނީ ދިވެހި ސިފައިން، ބޭރުގެ ސިފައިން ނުތިބޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން އިތުބާރުކޮށް ވެރިކަމަށް އިންތިހާބުކޮށްފިނަމަ ދިވެހީންގެ ރާއްޖެ އަކީ މިނިވަންތަނެއްގެ ގޮތުގައި ތާއަބަދަށް ހައްދަދައިދެއްވާނެ ކަމަށާއި މި ގައުމުގައި ހަމަޖެހުން ގެނެސްދެއްވާނެ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ދުވަހު ރާއްޖޭގެ ޖުޑިޝަރީ މިނިވަން ވެގެންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަން މީހުން ދައްކާ ވާހަކަތައް އަޑު ނާހާ މާދަމާ ވޯޓް ދެއްވުމަށާއި އިރާދަ ކުރެއްވިއްޔާ ރައްޔިތުން ދޭ ވޯޓަކީ ބޭކާރު ވޯޓަކަށް ވިޔަ ނުދެއްވާނެ ކަމަށާއި މާދަމާ ދިވެހި ރައްޔިތުން އެންމެން އެކަތިގަނޑަކަށްވެ ދިވެހިންގެރާއްޖެ ހޯދަން އަތުކުރި އަޅާލަ އިންތިހާބު ކާމިޔާބު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 01 އޮކްޓޯބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ހިނގާލުމުގައި ޑރ. މުއިއްޒުގެ އަނބިކަނބަލުންނާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންނާއި ރަނިންގް މޭޓް ހުސެއިން މުހައްމަދު ލަތީފުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *