Support Us

ރިޔާސީ އިންތިހާބު 2023:

ވިލިނގިލީގައި އެމްޑީޕީ ސަރުކާރުގެ މަގާމުތަކުގައި ތިބި ގިނަ ބަޔަކު ޕީޕީއެމާ ގުޅިއްޖެ

ގއ. ވިލިނގިލީގައި އެމްޑީޕީގެ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ އެކު އެމްޑީީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަ ގުޅިއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދެކުނުގެ ފަސް އަތޮޅަށް ކުރާ ކެންޕެއިން ދަތުރުގައި މިއަދު ވިލިނގިލީގައި ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ޕީޕީއެމާ ގުޅިފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވައި ވިދާޅުވީ އެ ކޯލިޝަނުން ކުރިއަށްގެންދާ ގައުމީ މަސައްކަތުގައި ބައިވެރިވި ކަމަށްޓަކައި މަރުހަބާ ވިދާޅުވާ ކަމަށެވެ.

"ގައުމީ މި ވަރުގަދަ މަސައްކަތުގައި ތި ބައިވެރިވެވަޑައިގެންނެވުން އެއީ މިއަދު ގައުމަށް ލިބޭ ހިތްހަމަޖެހުމެއް،" ޑރ. ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު މިއަދު ވިލިގިއްޔަށް ވަޑައިގަތުމުން އެ މަނިކުފާނު ވެވަޑައިގެންފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު އެއް މަސް ތެރޭގައި ދެ ވަނަ ފަހަރަށް އެ ރަށަށް ޒިޔާރަތް ކުރެއްވި ހަމައެކަނި ކެންޑިޑޭޓަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގަންނަވާ ކޮންމެ ވައުދަކީ ފުއްދަވައިދެއްވާނެ ވައުދެއް ކަމަށާއި މި މަހު 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ދިން ތާއީދަށް ވުރެ ބޮޑު ތާއީދެއް ދެވަނަ ބުރުގައި ވެސް ދީ، ތަފާތު ބޮޑު ނަތީޖާއަކުން ހޮނިހިރު ދުވަހުގެ އިންތިހާބު ވެސް ކާމިޔާބު ކޮށްދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ވަރަށް އަވަހަށް އަނެއްކާ ވެސް ވިލިގިއްޔަށް ވަޑައިގެންނަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ވިލިނގިލީގެ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެމްބަރު ހާރޫން ރަޝީދު ޕީޕީއެމާ ގުޅިވަޑައިގެންފައިވަނީ 100 މެމްބަޝިިޕް ފޯމާ އެކުގަ އެވެ. މީގެ އިތުރުން ވިލިނގިލީގައި އެމްޑީޕީ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ގިނަ ބަޔަކު މިއަދު ވަނީ ޕީޕީއެމާ ގުޅިފަ އެވެ.

މިއަދުގެ ޖަލްސާ ހިނގަމުންދިޔައިރު ހަރުގެ ތެރެއާއި ބޭރުގައި ވިލިނގިލީ ޒުވާނުން ވަރަށް ފޯރި ނެގިއެވެ. އެތަނަށް ޑރ. މުއިއްޒު ވަޑައިގެން އެ މީހުންނާއެކު ފޮޓޯ ވެސް ނެންގެވިއެވެ. ކުރިން އެމް.ޑީ.ޕީ އަށް ބޮޑު މެޖޯރިޓީއެއް އޮތް ވިލިނގިލިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިހާރު ވަނީ އެކަން ޕީ.ޕީ.އެމަށް އަނބުރާލައިފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *