Support Us

ރިޔާސީ އިންތިހާބު 2023

އަޅުގަނޑުގެ ވެރިކަމެއްގައި ގެދޮރުވެރިކަން ކަށަވަރުކޮށްދޭނީ ދައުރު ނިމެން ދެ ދުވަހަށް ވީމައެއް ނޫން: ޑރ. މުއިއްޒު

ގެދޮރުވެރިކަމަށް ބޭނުން ޖެހިފައި ތިބި ރައްޔިތުންގެ ގެދޮރުވެރިކަން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަށަވަރުކޮށްދެއްވާނީ ދައުރު ނިމެން ދެ ދުވަހަށްވީމަ ނެރޭ އިއުލާނަކުން ނޫން ކަމަށާއި ވެރިކަމުގެ ފުރަތަމަ އަހަރު މާލޭ ސަރައްހަދުން ހިއްކަންޖެހޭ ހުރިހާ ތަނެއް ހިއްކައިދީގެން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެން/ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގައި މިއަދު ހަވީރު ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ އެތައް ރައްޔިތުންނެއް އަދިވެސް ގެދޮރުވެރިކަން ބޭނުންވެ ނުލިބި، ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުން ގެންދާ ކަމަށެވެ.

"ގެދޮރުވެރިކަން ރައްުޔިތުންނަށް ކަށަވަރުކޮށްދޭނީ ދައުރު ނިމި ފުރަތަމަ ބުރު ނިމި, ދެވަނަ ބުރު ނިމެން ދެ ދުވަހަށް ވީމަ ނެރޭ އިޢުލާނަކުން ނޫން. އެކަން ނިމުމަކަށް ގެންނާނީ އަޅުގަނޑުގެ ވެރިކަމެއްގެ ފުރަތަމަ އަހަރު މި ސަރަހައްދުން ހިއްކަން ހުށަހަޅާ ހުރިހާތަނެއް ހިއްކާ ނިންމަދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ގެދޮރުވެރިކަން މާލޭގެ ހުރިހާ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ވެރިކަމުގެ ފަސް އަހަަރުގެ ތެރޭގައި ޔަގީންކަމާ އެކު ކަށަވަރުކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރައްޔިތުންނަށް ވެސް އެމީހަކު އެ ބޭނުންވާ ތަނަކުން ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކަނޑުގެ އަޑިންނާއި ޖައްވުންނާ އެކި ތަންތަނުން ދިން ގޯތިތައް ހަގީގަތަކަށް ހަދައިދޭނަން. އެގޯތި ތަކުގައި ގޯތިތައް އިމާރާތް ކުރުމަށްޓަކައި ފަހި ފުރުސަތުތައް ހޯދައިދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގައި ނުހެދި ހުރި މަގުތަކާއި މާލޭގައި ހުރި ޕާކިންގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށާއި މާލެތެރޭގައި ހުރި އެކި ކަހަލަ ނޭދެވޭ ކަންތައްތަކަށް ދާއިމީ ނިމުން ގެނެސްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ވަޅުޖެހިފައިވާ އިގުތިސާދު ނަގައި ކޮޅަށް ޖަހަމުން އިގުތިސާދުގައި ހަކަތަ އުފައްދަމުން ތަރައްގީގެ މަޝްރޫއުތައް ގެނެސް ގައުމުގައި އަނެއްކާ ވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި ދާތަން ފެނިގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަަމަށާއި ވެރިކަމަކީ އަމާނާތަކާއި މަަްއޫލިއްޔަތެއް ކަމަށާއި ރައްޔިތުން ހަވާލުކުރާ އަމަނާތް ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އިންސާފުވެރިކަމާ ހަމަހަމަ ކަމާ އެކު އަދާކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ރައްޔިތުންނަށް ދެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *