Support Us

ރިޔާސީ އިންތިހާބު 2023:

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކޮށް، ރިޓަޔާމަންޓް އުމުރު 70 އަށް މަތިކުރަނީ

ރިޓާޔަމަންޓް އުމުރު 65 އަހަރުން 70 އަހަރަށް މަތިކުރައްވައި، އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އެލަވަންސް 7،000ރ. އަށް ބޮޑުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދުވަސްވީ މީހުންނަށް މިހާރު ދެނީ 5،000ރ.ގެ އެލަވަންސެކެވެ.

"ފަސްދޮޅަސް ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000ރ. ގެ އެލަވަންސެއް އަޅުގަނޑުމެން ދޭނަން،" ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ކުރިއަށް ގެންދާ ކެންޕެއިން ހަރަކާތުގައި މާވެޔޮމަގުގައި "ހުވަދޫޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ސޯލިހް ރޭ ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން އަންނަ ޝަކުވާއަކީ ލިބޭ އާމްދަނީން ގޭގެ ކުއްޔާއި ކަރަންޓް ބިލް ދައްކައިފައި ކެއުމުގެ ކަންތައްތަކާއި ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސޭ ކަމުގެ ޝަކުވާ ކަމަށެވެ.

އެހެންކަމުން މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަަކުން ވެސް ކަރަންޓް ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށާއި ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރި ނަމަވެސް ކަރަންޓް ބިލް ބޮޑުވާ ނިސްބަތް ބޮޑުވެގެން ނުދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން އަމިއްލަ ރަށް ނޫން ރަށެއްގައި މަސައްކަތް ކުރާ ޕްރިންސިޕަލުންގެ ހައުސިން އެލަވަންސެއްގެ ގޮތުގައި އިތުރު ހަތް ހާސް ރުފިޔާ ދިނުމަށާއި ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކޮށްދިނުމަށް އެސްޑީއެފްސީން ދޫކޮށްފައިވާ ލޯންތަކުގެ އިންޓަރެސްޓް ދައްކަން ނުޖެހޭނެ ކަމަށާއި އެ އިންޓަރެސްޓް ދައްކާފައިވާ މީހުންގެ ފައިސާ އަނބުރާ ދީ އެ ލޯންގެ މުއްދަތު 10 އަހަރަށް ދިގުދައްމާލައްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ސޯލިހު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި ދެ ވަނަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެއްވަނަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެއީ ވޯޓު ލީ މީހުންގެ 46.6 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެޑިޔުކޭޝަން ދާއިރާގެ މަސައްކަތުމީހާގެ މުސާރަޔަކީ ހަމަމުސާރަތޯ
    ޓީޗަރުން ކުރާވަރަށް މަސައްކަތުމީހާ ވެސް މަސައްކަތް ކުރަންޖެހޭ
    ޓީޗަރު މީހާ ނުކުމެ މަސައްކަތް ކުރަންޏާ މަސައްކަތު މީހާ ނުކުމެ މަސައްކަތްކުރަން
    ޖެހޭ މީ ހައްގުތޯ އަޅުގަނޑުވެސް ވޯޓުދެމޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *