Support Us

ރިޔާސީ އިންތިހާބު 2023:

ވަޒީފާގެ ބިރުދައްކާނެ ކަމެއް ނެތް، މި އަންނަނީ ރައްޔިތުން ބިރުވެރިކަމުން ސަލާމަތްކޮށްދޭން: ޑރ. މުއިއްޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކާނެ ކަމެއް ނެތް ކަމަށާއި ޕީޕީއެމް/ޕީއެންސީ ސަރުކާރު މި އަންނަނީ ރައްޔިތުން މިހާރު ތިބި ބިރުވެރިކަމުން ސަލާމަތްކޮށްދޭން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދަވާ "ދިވެހީންގެރާއްޖެ" ކެންޕެއިން ދަތުރުފުޅުގައި ރޭ ބ. ކަމަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އަނިޔާވެރިކަމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ އެއްޗެއް ނޫން ކަމަށާއި ނަފްސާނީ ގޮތުން ވެސް އެތައް އަނިޔާއެއް ދެވިދާނެ ކަމަށެވެ. މިގޮތުން މި ސަރުކާރުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއި ނާމާންކަން ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޖެއްޔާ މި އަންނަނީ އަނިޔާވެރިކަން ނިންމަން. ކޮންމެ ރަށެއްގައި ޒުވާނުންނަށް ވަޒީފާ ދީފައި މި ދައްކާ ބިރުވެރިކަމަކީ ނަފްސާނީ އަނިޔާއެއް. ސަފަށް އަރާ (ޑރ. މުއިއްޒާ) ސަލާންކޮށްފިއްޔާ ވަޒީފާއިން ކަނޑާލާނަމޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުން އެ މަނިކުފާނަށް އިތުބާރުކޮށް، ސެޕްޓެމްބަރު 30 ގެ ވޯޓުން ރައީސް ކަމަށް ހޮވައިފި ނަމަ، ބިރުވެރިކަމާއި ނާމާންކަމާއި އަނިޔާވެރިކަން ނިމުމަކަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ދެއްވި އެވެ.

"އަޅުގަނޑުމެން ސަރުކާރު ވާނީ ރައްޔިތުން އެދޭ ފަދަ އިންސާފުވެރި، އަދުލުވެރި އަދި އަނިޔާވެރިކަން ނިމުމަކަށް ގެނެވިފައިވާ، ހިތްހަމަޖެހުމާ އެކު އުފަލާ އެކީގައި ދިރިއުޅުން އާރާސްކުރެވޭ ވެރިކަމަށް އިރާދަކުރެއްވިއްޔާ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ކޮންމެ ރަށަކަށް އަރާވަޑައިގަތުމުން ވެސް، ރައްޔިތުންގެ ހިތުގައި އޮންނަ އެންމެ ބޮޑު ބިރުވެރިކަމަކީ ވަޒީފާގެ ބިރު ކަމަށާއި ވަޒީފާގެ ބިރުވެރިކަން އެބަ ކަނޑުވަންޖެހޭ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަވަނީ އާމްދަނީގެ ފުރުސަތުތައް އިތުރުކުރަން ކަނޑައަޅާފައިވާ ސިޔާސަތަކައިގެން ކަމަށްވާއިރު ވަޒީފާގައި ތިބި މީހުން ކަނޑާލައިގެން އެކަން ނުކުރެވޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ދީފައިވާ ސިޔާސީ ވަޒީފާއެއް ނޫން އިތުރު އެއްވެސް މީހެއްގެ ވަޒީފާ ނޮވެމްބަރު 17ގެ ފަހުން ގެއްލިގެން ނުދާނެ ކަމަށާއި ޒުވާނުންނާއި ކަނބަލުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *