Support Us

ރިޔާސީ އިންތިހާބު 2023

ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ބާރަށް: ޑރ. މުއިއްޒު

ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ތަރައްގީގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑުގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގައިި މިއަދު ނ. މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ވެސް މަގޫދޫގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިވަޑައިގެންފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ދެވަނަ ބުރުގައި އިތުރު ރައްޔިތުންގެ ތާއީދާ އެކު ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިގެންދާނެކަން ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ފަށައިފައިވާ ބައެއް މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ މި މަހު 30ގައި ރައްޔިތުން ވޯޓަށްދާއިރު ވިސްނަންވީ ފަސް އަހަަރުގެ ދައުރެއް ނިމިގެންދާއިރު މަގޫދޫގެ ފަދަ ކުޑަ ރަށެއްގައި ހުރި ބަނދަރު ހެދުމުގެ މަސައްކަތާއި ނަރުދަމާގެ މަޝްރޫއާއި ސްކޫލްގެ ތަރައްގީގެ މަސައްކަތާއި ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކަކީ އެ ރަށެއްގެ އާބާދީއާ އެކަށީގެންވާ ވަރުގެ ކުޑަ މަޝްރޫއުތައް ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް ހިންގޭ ވަރަށް ދައުލަތަށް އާއްމުދަނީ ލިބޭ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ފަސް އަހަރުގެ ދައުރެއްގައި ނިންމޭ ވަރުގެ މަސައްކަތް މި ހުންނަނީ. ދައުލަތަށް ލިބޭ އާއްމުދަނީން ކުރެވޭ ވަރުގެ މަސައްކަތް ހަގީގަތުގައި މިއީ. ސަތޭކަ އަށްޑިހަ ހަތް ރަށުގައި މަސައްކަތް ކުރެވޭ ވަރަށް އާއްމުދަނީ ލިބޭ. މި ކިޔަނީ މެގަ ޕްރޮޖެކްޓްތަކުގެ ވާހަކައެއް ނޫން. އެރަށެއްގެ އާބާދީއާ އެކަށީގެންވާ ވަރުގެ ސައިޒުގެ މަސައްކަތްތައް. އެހެންވީމަ އަޅުގަނޑަށް ތާއީދު ނުކުރާ ފަރާތްތަކަށް ވެސް ދަންނަވާލަން ބޭނުންވަނީ މިކަންކަމާ ވިސްނާލުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައި އެ މަނިކުފާނަށް ތާއީދު ނުކުރާ ފަރާތްތަކުން ވެސް ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ކުރިއެރުމަށް ވިސްނާފައި އެ މަނިކުފާނަށް އިތުބާރުކޮށް ދެވަނަ ބުރުގައި ތާއީދު ލިބިގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

މީގެ އިތުރުން މަގޫދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނދަރާއި ފެނާއި ނަރުދަމާގެ މަަސައްކަތް ކޮށްދެއްވާނެ ކަމަށާއި ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތާއި ސިއްހީ މަރުކަޒާ ގުޅޭ އިތުރު މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު މަގޫދުގެ ރައްޔިތުންނަށް ދެއްވި އެވެ.

ރައްޔިތުންގެ ބޮލުގައި ވަރަށް ބޮޑު ދަރަންޏެއް 2026 އާ ހަމައަށްދާއިރު މި ސަރުކާރުން އަޅުވާފައިވާ ކަމަށާއި ވެރިކަމަށް ވަޑައިގެން އެ ދަރަނި ދެއްކޭނެ ގޮތް ވެސް ހޯއްދަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެ ދަރަނި ދައްކާނެ ގޮތް ވެސް ހޯދާނަން. ކިތަންމެ ކުޑަ އަދި ބޮޑު އާބާދީއެއް ނަމަަވެސް ކުރަން ހުރި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނަން. އިގުތިސާދު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގައި. ނަގާ ކޮޅަށް ޖަހަންޖެހޭ. އެންމެ ފުރަތަމަ ދުވަހު ވެސް އެ މަސައްކަތް ފަށާނަން. ފަށާ ކުރިއެރުން ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނަން،" ޑރ. މުއިއްޒު ދެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *