Support Us

ރިޔާސީ އިންތިހާބު 2023

ގޯއްޗާއި ފްލެޓް ހޯދަން ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ހަދާނަން: ޑރ. މުއިއްޒު

ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބަންޑާރަ ގޯއްޗާއި ފްލެެޓް ލިބޭ ފަރާތްތަކަށް ލިބިފައި އޮންނަ ހަސަތޭކަ އަކަފޫޓުގެ ނުވަތަ އެއަށްވުރެ ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިން ހަރަކާތުގައި މާފަންނު އުތުރު ދާއިރާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ރޭ ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަަލަ ކަމަށާއި އެތައް ހާސް ރައްޔިތުންނެއް ގެދޮރުވެރިކަމަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލަ ހައްލުކޮށްދެއްވާނީ އިންސާފުވެރިކަމާ އެކު ގެދޮރުވެރިކަން ފޯރުކޮށްދީގެން ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ކުދިކުދި ތަންތަންކޮޅުގައި އުޅެމުންގެންދާ ރައްޔިތުންނަށް ސަރުކާރުން ދޭ ގޯއްޗާއި ފްލެޓް ލިބޭނީ އެ ފަރާތްތަކުގެ ނަމުގައި ނުވަތަ ބަހައިގެން އެ ފަރާތްތަކަށް ލިބިފައިވާ ނުވަތަ ލިބެން އޮތް ތަންކޮޅު ދޫކޮށްލައިގެން ކަމަށްް ޝަރުތުކޮށްފައި އޮތުމަކީ އިންސާފު ނޫން ކަމަށެވެ.

"އެހާ ދުވަސްވަންދެން ނިކަމެތި ގޮތުގައި އުޅެނިކޮށް މި ލައްވާލަނީ ފްލެޓެއް ނުވަތަ ގޯއްޗެއް. ލައްވާލީމާ މިހާރު މި އުޅޭ ތަންކޮޅު އެބަޖެހޭ ދޫކޮށްލަން. އެއީ އިންސާފެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ބަންޑާރަ ދެ ގޯއްޗެއް އެކަކަށް ނުލިބޭނެ ކަމަށް އޮންނަ އޮތުން ގާނޫނު އިސްލާހުކޮށްގެންް، 600 އަކަފޫޓަަށްވުރެ ކުދިކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ގެދޮރުގެ ޔަގީންކަން ގެނެސްދެއްވާނެ ކަމަށެވެ.

މި ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ވެސް އެ ފަރާތްތަކުގެ ނަމުގައިވާ ނުވަތަ ބަހައިގެން ލިބޭ ތަންކޮޅެއް ދޫކޮށްލަން ނުޖެހޭ ގޮތަށް ހައްދަވައިދެއްވާނެ ކަމަށާއި އެ ފަރާތްތަކަށް ވެސް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ގެދޮރު ދޭއިރުގައި ހަ ސަތޭކަ އަކަފޫޓަށްވުރެ ކުޑަ ނޫން ތަނެއް ވެއްޖެއްޔާ ދޫކޮށްލަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ގެދޮރުވެރިކަން ޔަގީންކޮށްދިނުމުގެ ގޮތުން އެ ފަރާތްތަކަށް ލިބޭ ގޯތި އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އިސްލާމިކް ކޮންސެޕްޓްގެ ދަށުން ލުއި ލޯންތައް ދޫކޮށްދެއްވާނެ ކަމަށާއި މި ލޯންތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ގެދޮރުވެރިކަމުގެ ދަތިކަން ދިމާވެފައިވާ ރައްޔިތުންނަށް ދެތިން ހާސް ފްލެޓާއި ދެތިން ހާސް ގޯއްޗާއި ނޫނީ ދިހަ ހާސް ގޯތި ނޫނީ ދިހަހާސް ފްލެޓް އަޅައިގެން އެ ރައްޔިތުންނަށް އިންސާފު ހޯދައިނުދެވޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަން ބޭނުންވެފައިވާ ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލަތައް ހައްލުކޮށްދެއްވުމަށް މާލޭ ސަރަހައްދުން ބިން ހިއްކެން އޮތް ހުރިހާ ބިމެއް ހިއްކައިގެން ގެދޮރުވެރިކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މީވައުދަކީ މާލޭމީހުންނަށް މިއަށްވުރެން މުހިއްމު ވައުދެއްވި މީހަކު ކޮބާ މުއިޒްވަރެއް ހަމަނެތޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *