ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވި ނަމަވެސް ދެވަނަ ބުރަށް އެމްޑީޕީން ނިކުމެ ތިބީ އެޓޭކަށް ތައްޔާރުވެގެން ކަމަށާއި ގޯލަކަށް ފަހު ގޯލެއް ޖަހައި މި މެޗު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9ގެ އިންތިހާބު އެއްބުރުން ގެންދަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފުރަތަމަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހްގެ މައްޗަށް ބޮޑު ފަރަގަކުން ކުރި ހޯއްދެވުމާ އެކު ރައީސް ސޯލިހަށް ވަނީ ދެވަނަ ބުރުގައި ޑރ. މުއިއްޒާ ވާދަކުރައްވަން ޖެހިވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގައި ދެ ދުވަސް ވަންދެން ގާސިމް އިބްރާހިމާ އެކުގައި ސަން އައިލެންޑްގައި އުޅުއްވުމަށްފަހު މާލެ ވަޑައިގެން ބޭއްވެވި ފުރަަތަމަ ކެންޕެއިން ޖަލްސާގައި ރައީސް ސޯލިހް ރޭ ވާހަކަ ދެއްކެވީ ފުޓްބޯޅަ މެޗެއްގެ ފުރަތަމަ ހާފުން ބަލިވުމަށްފަހު ދެވަނަ ހާފަށް ތައްޔާރުވެވަޑައިގެން ހުންނެވި ވާހަކަ ވިދާޅުވަމުންނެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން އަނެއްކާ ވެސް ތައްޔާރުވަމުން މި ގެންދަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރުމަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން ކުރީ ބުރުގައި ގޭގައި މަޑުކޮށްގެން ތިބި މީހުން ވެސްް ގޭގައި ނުތިބެ އެ ޕާޓީއާ އެކު ނިކުމެއްޖެ ކަމަށާއި އެ ފަރާތްތަކުން ވެސް ނުކުތީ ފާއިތުވި ފަސް އަހަަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބިގެން ދިޔަ ހަމަޖެހުން، ވެރިކަން ބަދަލުވެއްޖެ ނަމަ ނުލިބޭނެ ކަމަށް ދެކޭތީ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިކުމެ މިތިބީ މެޗަކަށް. ފުރަތަމަ ހާފް ނިމިއްޖެ. ފުރަތަމަ ހާފް ނިމުމަކީ މެޗް ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފްގައި ތިން ލަނޑު އެއް ލަނޑުން ހަަތަރު ލަނޑު އެއްލަނޑުން ބަލިވޭ. އެއް ބަޔަކު މޮޅުވޭ. އަޅުގަނޑުމެން މިއަދު މިތިބީ ތިނެއް އެކެއްގެ ތަފާތަކުން. އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި އަޅުގަނޑުމެން ނިކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހާ ފަސް ލަނޑު ދެ ލަނޑުން މި މެޗް ކާމިޔާބު ކުރާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ. (ރައީސް އެހެން ވިދާޅުވި ނަމަވެސް ފުރަތަމަ ހާފުގައި ޑރ. މުޢިއްޒު ތިން ލަނޑު ޖެހިއްޔާ، ނިމޭއިރު 5 ލަނޑު 2 ލަނޑުން ރައީސް ސޯލިހު މޮޅުވާނެ ގޮތެއް ނޯންނާނެއެވެ.)
ރައީސް ސޯލިހް ވިދާޅުވީ ހާފް ޓައިމްގައި ޗޭންޖިން ރޫމަށް ވަދެ ދެވަނަ ބުރު ކުޅޭނެ ގޮތް އިންތިޒާމްކޮށްފައިވާ ކަމަށެވެ.
"ބައެއް ފަހަރު ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުކޮށްލައިފިން. ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން. މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަކުރެއްވިއްޔާ ދެން ޖަހާނީ ގޯލް. ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނީ،" މެޗު ރާވާލާފައިވާ ގޮތް ރައީސް ސޯލިހް ވިދާޅުވެދެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަަތަމަ ބުރު ގެއްލުނީ ބައެއް ކަހަލަ ކަންކަން ފަރުވާކުޑަކޮށްލެވިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ކެންޕެއިން ކުރާނެ ގޮތް އެ ޕާޓީގެ މެމްބަރުންނަށް ކިޔައިދެއްވަމުން ރީރެޖިސްޓްރޭޝަންގެ ކަންތައްތައް ބަލާ ފުރަތަމަ ބުރުގައި ވޯޓް ނުލެވުނު މީހުންނަށް ދެވަނަ ބުރުގައި ވޯޓް ލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވި އެވެ. އެއަށްފަހު ޓީމްތައް ހަދައިގެން ގޭގެއަށް ގޮސް މި އިންތިހާބް އެމްޑީޕީއަށް ގެއްލިއްޖެނަމަ ވާނެ ގޮތްތައް ރައްޔިތުންނަށް ކިޔައިދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީޢެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ސޯލިހް ވިދާޅުވީ އެކަން އެކުރައްވަނީ އެއްވެސް ޕްލޭނެއް ނެތި އިންތިހާބް ކާމިޔާބު ކުރުމަށް ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑު ކޮށްދެއްވާނީ ފަސް އަހަރުގެ ދައުރަށް ބަލާގައިގެން ކަމަށް ޑރ. މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަންތައް އެގޮތަށް ކުރައްވާނީ ވެސް ރާއްޖޭގެ އިގުތިސާދު މިހާރު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އެ ކޯލިޝަންގެ އިގުތިސާދީ ލަފާދޭ ބޭބޭފުޅުންގެ ލަފާގެ މަތިން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment