ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިން ދަތުރުފުޅުގައި ރޭ ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ކަސްޓަމްސް އާއި ކަރެކްޝަންސް އާއި އިމިގްރޭޝަނާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުން އަދި ޓީޗަރުންނަކީ ވެސް ގައުމު ކުރިއަށް ގެންދިއުމުގައި އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކޮށްދިނުމުގައި ހަގީގީ މަސައްކަތް ކުރަމުން އަންނަ ފަރާތްތައް ކަމަށެވެ.
"މިހާރު މި އޮންނަ ގޮތުން އެއްވެސް ވަރެއްގެ ހިތްހަމަޖެހުމެއްނޯވޭ. މަސައްކަތުގެ މާހައުލުގައި މޯޓިވޭޝަނެއް ނުލިބޭ. ޝައުގުވެރިކަން އުފެދިފައެއް ނޯވޭ. އެކަށީގެންވާ ވަރުގެ މުސާރައާއި އެލަވަންސްއެއް ނުލިބޭތީ، މުސާރަ ކުޑަވީމަ ތިން ހަތަރު ވަޒީފާގައި އުޅެން ޖެހުމުން ގިނަ ފަހަރު އޮންނަނީ ވަޒީފާ ވެސް ދޫކޮށްލާފަ. އެހެންވެގެން މަސައްކަތުގެ އަހުލާގުވެސް ހުންނަނީ ނެޗުރަލީ ވަރަށް ދަށްކޮށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު ކުރާހިތުން މަސައްކަތް ކުރާ މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށާއި މި ހުރިހާ ދާއިރާއެއްގައި މަަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މުސާރަ އާއި އެލަވަންސަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެކަމުގެ ތަފްސީލްތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެއްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިގުތިސާދީ ދާއިރާގައި އަޅުގަނޑުމެންނަށް ލަފާދޭ ޓީމްގެ ލަފަޔާ އެކު ރާއްޖޭގެ އިގުތިސާދު ކުރިއަރުވާ ކޮޅަށް ޖަހާ ކުރިއަށް ގެންދަން އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން މި ހުރިހާ ދާއިރާތަކެއްގެ މަސައްކަތްތެރިންގެ މުސާރަ އާއި އެލަވަންސްތަކަށް ހެޔޮ ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ގެނެސްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން "މި ސަރުކާރުން ވަޒީފާ ދީފައި ހުރި އެއްވެސް މީހެއްގެ ވަޒީފާއެއް، ސިޔާސީ މަގާމެއް ނޫން، ވަޒީފާއެއް ނަމަ އެ ވަޒީފާއެއް ނުގެއްލޭނެ" ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ގައުމީ ދުވަހުގެ ވާހަކައާ ގުޅުވައިގެން ވާހަކަދެއްކެވި އިރު ސިފައިންނާއި ފުލުހުންގެ ވާހަކަތައް ދެެއްކެވީ އެ ދެ މުއައްސަސާއަކީ ބައެއްގެ މައްޗަށް ބަރޯސާނުވެ އަބުރުވެރިކަމާއި މިނިވަންކަމާ އެކު ގައުމަށް ހިދުމަތް ކުރުމުގައި އުޅެވޭ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން ރާއްޖޭގެ އިގުތިސާދު މިހާރު އޮތް ހާލަތުން އެކަން ކުރައްވާނެ ގޮތަކާ މެދު ބައެއް އިގުތިސާދީ މާހިރުން އޮޅިވަޑައިގެން އުޅުއްވި ކަމަށެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑު ކުރައްވާނެ ގޮތުގެ ތަފްސީލް ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ ކަންތައް ކުރައްވާނީ ވެސް ގައުމުގެ މިހާރު އޮތް އިގުތިސާދު ހާލަތުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.
އެގޮތުން ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ އިތުރު ކުރެވިގެންދާނީ ފަސް އަހަރަށް ބަހާލައިގެން ކަމަށާއި އެއީ 2024 ގައި 35 ޕަސެންޓް 2026 ގައި 35 ޕަސެންޓް އަދި 2028 ގައި ބާކީ 30 ޕަސެންޓް އިތުރުކޮށްގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރޭ ވަނީ ލޯކަލް ކައުންސިލްތަކުގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ހިންގުން ހަރުދަނާކުރުމަށް ސިޓީ ކައުންސިލްތަކަށް ފުލްޓައިމް ހިދުމަތް ދޭނެ ސަރުކާރުގެ ވުޒާރެއް އުފައްދަވާނެ ކަމަށް އިއްޔެ ވިދާޅުވި ވާހަކަ ވެސް ތަފްސީލްކޮށްދެއްވާފަ އެވެ. އެގޮތުން އުފައްދާ މިނިސްޓްރީއަށް މިނިސްޓަރަކު ކަނޑައަޅުއްވާ އެ މިނިސްޓަރެއްގެ މަސައްކަތަކަށް ވާނީ ހަމައެކަނި ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް އެހީތެރިވެދެއްވުން ކަމުގައި ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment