ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެެއްވާނެ ކަަމަަށް ޕީޕީއެމް/ޕީއެންސީއަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި ރޭ އާޓިޝަލް ބީޗުގައި "މަވެސް ޕީޕީއެމް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ގައުމީ މަސައްކަތެއް ކުރަމުންގެންދާ ބައެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެމުން ގެންދާ ބައެއްގެ ގޮތުގައި ހައްދަވައުދެއްވާނެ ކަމަށެވެ. ސިފައިންނާއި ފުލުހުންނަކީ "ކުޅޭކުޅޭ ބޯޅައެއްހެން ޖަހަން ގެންގުޅޭ ތަނަކަށް އެ ދެ މުއައްސަަސާ ހެދިޔަ ނުދޭނަން" ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިހެން އަޅުގަނޑު ދެންނެވީމާ މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދެއްވާނެ. ވަރަށް އުފާކުރާނަން އެ ކަންތައް ކޮށްދެއްވައިފިއްޔާ. އަޅުގަނޑު ތިނަދޫއަށް ގޮސް ތިނަދޫ ސިޓީއަކަށް ހަދަން ވިސްނާ ވާހަކަ ދެންނެވީމަ ދެ ދުވަސް ފަހުން ތިނަދޫ ސިޓީއަކަށް ހައްދަވައިފި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީންގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި މިހާތަނަށް ކުރައްވާފައިވާ ވައުދުތަކުގެ ތެރޭގައި އެކިއެކި ވައުދުތައް ޑރ. މުއިއްޒު ވެވަޑައިގެންނަވަމުން ގެންދެވި ނަމަވެސް މިއީ މުއައްސަސާއެއްގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ވައުދެއް ވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޑރ. މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ލިބޭނެ ކަމަށް ބުނި ފްލެޓްތަކުގެ ލިސްޓުން ބައެއް ފަރާތްތައް އުނިކޮށްފައިވާ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި ފްލެޓްތައް އަދިވެސް ނިމިފައިނުވާ ކަމަށެވެ. އަދި ފްލެޓްތަކުގެ އަގުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަަށް ވިދާޅުވި އެވެ. އެހެންކަމުން މި މަހުގެ 30ގެ ވޯޓު ކާމިޔާބުވެއްޖެ ނަމަ، ވެރިކަމަށް ވަޑައިގެން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް ފައިސާ ދެއްކުން އެެއް އަހަރަށް ފަސްކޮށްލަދެއްވާނެ ކަމަށާއި އެ ދައްކަން ޖެހޭ ޑައުންޕޭމަންޓްވެސް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުން މި ސަރުކާރުން އެކި ފަހަރު އެކި ގޮތްގޮތަށް ދައްކަމުން ގެންދާތީ އެކަމާ ކަންބޮޑުވެވަޑައިގެން ޑރ. މުއިއްޒު ވާހަކަފުޅު ދެއްކެވިއެވެ.
"އެއް ބައި ފަހަރު ދަންނަވާނެ ނެތޭ. އަނެއް ބައި ފަހަރު އުނހޫ އެބަ ތިއްބޭ. ތިބީ ހަތިޔާރު ހިފައިގެންނެއް ނޫނޭ. އަނެއް ދުވަހަކު ހަތިޔާރެއް ވެސް ނެތޭ ކުލަ ހެދުމުގައޭ ތިބީ. ތިބީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭށޭ. އަނެއް ދުވަހަކު ދަންނަވާނެ ތިބީ ބަދިގޭގައި ކައްކަންށޭ."

ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ގައުމުގައި އެެހެން ގައުމެއްގެ ސިފައިން ތިބެން ރައްޔިތުން ބޭނުންނުވާ ކަމަށާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މި އަންނަނީ 30 ސެޕްޓެމްބަރުގައި ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވުމަށް ކަމަށެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒާ ވަނީ ހަވާލުކޮށްފަ އެވެ. އެ ފަރާތްތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ފަރާތްތައް ވެސް ހިމެނެ އެވެ.
ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު ސިފައިންނާއި ފުލުހުންގެ އިތުރުން އިމިގްރޭޝަނާއި ކަރެކްޝަންސް ސާވިސް އާއި ކަސްޓަމްސްގެ މުވައްޒަފުންނާއި އިމާމުންނާއި މުދިމުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަތައް ވެސް އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment