Support Us

ރިޔާސީ އިންތިހާބު 2023

ގުޅިގެން އެކުގައި މަސައްކަތް ކޮށްދިނުމަށް ސިޔާސީ ޕާޓީތަކަށް ޑރ. މުއިއްޒު ގޮވާލައްވައިފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ދެއްކި ގައުމީ ލޯބި އިސްކޮށް ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ސިޔާސީ އެހެން ޕާޓީތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ހޮނިހިރު ދުވަހު ބޮޑު ކާމިޔާބީއެއް ހޯއްްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންދި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެން ބޮޑު ކާމިޔާބީއާ ގުޅިގެން ދިވެހި ރައްޔިތުންނަށް ޝުކުރުގައި އަދާކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީން އާޓިފިޝަލް ބީޗުގައި "ޝުކުރިއްޔާ ދިވެހިން"ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ނިކުމެ ގައުމީ ލޯބި ދައްކުވައިދީފައިވާ ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނާއި ގައުމާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ދިވެހި ހުރިހާ ރައްޔިތުން ގައުމީ ފިކުރު އިސްކޮށްދިން ކަމަށްޓަކައި ޑރ. މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވާފައިވާ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވީ އެ ކޯލިޝަނަކީ ތަރައްގީގެ ފިކުުރުގެ ޓީމް ކަމަށާއި އެއްވެސް ރައްޔިތަކު ބާކީ ނުުކޮށް ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަ ކަމާ އެކު ތަރައްގީ ޔަގީން ކޮށްދިނުމަށް އެ ކޯލިޝަނުން ކުރިއަށް ގެންދާ ގައުމީ މަސައްކަތުގައި ރިޔާސީ އިންތިހާބްގެ ފުރަތަަމަ ބުރުގައި ބައިވެރިވެފައިވާ އެހެން ހުރިހާ ޕާޓީތަކަށާއި އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް ގޮވާލައްވާ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން މިވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް އިހުލާސްތެރިކަމާ އެކު ދައުވަތު އަރުވަން. އަޅުގަނޑު އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތް. އަޅުގަނޑު މި ދިއްކުރާ އަތުގައި އަޅުގަނޑު އެދެން ގައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ހިއްޕެވުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބްގެ ކެންޕެއިން ތެރޭގައި ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމަށާއި އެއްވެސް ރައްޔިތަކަށް ލިބިފައި އޮތް ފައިދާއަކުން ދުރެއް ނުކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް މި ސަރުކާރުން ދީފައިވާ ގޯތިތައް ވެރިކަމަށް ވަޑައިގެން ވެސް ދެއްވާާނެ ކަމަށާއި އެ ގޯތިތައް އިމާރާތް ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ކުރާނެ ގޮތް އެނގޭ ކަމަށާއި ވައުދުތައް ވަނީ އެޔަގީން އޮތީމަ ކަމަށް  ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މި ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށް އެންމެން ވެސް ގަބޫލްކުރާ ކަމަށާއި ކުލަ ހެދުމުގައި ތިބި ނަަމަވެސް އެހެން ހެދުމެއްގައި ތިބި ކަމުގައި ވީނަމަވެސް އެކަމަށް ނޫނެކޭ ބުނާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެންފިނަމަ ހާރިޒީ ސިޔާސަތަަކަށްވާނީ މިގައުުމުގައި ބޭރު އެހެން އެއްވެސް ގައުމެއްގެ ސިފައިން ނުބޭއްތިއްބުމުގެ ސިޔާސަތު ކަމަށާއި ގައުމުގެ މިނިވަންކަން ހިމާޔަތްކުުރުމުގައި އެއްބާރުލުން ދޭ ކޮންމެ ގައުމަކާ އެކު ގާތް ގުޅުން ބާއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އެހެން ބަޔަކު އިސްކުރާ ހާރިޖީ ސިޔާސަތަށް ދިވެހިން ނޫނެކޭ ބުނާނެ ކަން ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ދައްކުވައިދީފައިވާ ކަމަށާއި ގައުމު ދެކެވާ ލޯބި ދިވެހި ރައްޔިތުން ރިޔާސީ އިންތިހާބްގެ ދެވަަނަ ބުރުގައި އިތުރަށް ދައްކުވައިދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަކީ ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ދިވެހިން ނިންމި ނިންމުމަށް އެއްބަސްވެ، ހިޔާލު ތަފާތުވި ފަރާތްތައް ވެސް އެންމެން އެކަށްޗެއް ކިޔައިގެން "ދިވެހީންގެ ރާއްޖެ" އެކުގައި ދާން މަސައްކަތް ކުރާނެ ދުވަހަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ދިވެހި ގައުމަށް ބިރުވެރި ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުން ގައުމީ ލޯބީގައި ތެދުވޭ. މީގެ ކުރީގެ މާޒީގަ މުޅިން ވެސް ފެނިފައިވަނީ އެ މަންޒަރު، އިއްޔެ ހަގީގަތުގައި ވެސް ދިވެހިން މިވަނީ ގައުމު އިސްކޮށްފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒު ދެވަނަ ބުރަށް ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *