Support Us

ރިޔާސީ އިންތިހާބު 2023:

މިނިވަންކަން ހިމާޔަތްކުރެވޭނީ އަތުކުރިއޮޅާލައި "ދިވެހީންގެ ރާއްޖެ"އަށް ދިއުމުން: ޑރ. މުއިއްޒު

ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރެވޭނީ ޕީޕީއެމް/ޕީއެންސީއާ އެކު "ދިވެހީންގެ ރާއްޖެ" އަށް ދިއުމަށް އެންމެން އަތުކުރި އޮޅައިލައިގެން ކަމަށް  ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ރާއްޖެ" ދިވެހިންނަށް އިޔާދަކޮށްދިނުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުުޅުގައި ރޭ ކ. ތުލުސްދޫގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ބައްޓަން ކޮށްފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮންނާނީ ދިވެހިންގެ މަސްލަހަތު އިސްކުރާ ފަރާތަކާ އެކުގައި ގާތް ގުޅުން ބާއްވާ ސިޔާސަތެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އިމުގެ ތެރޭގައި ދިވެހިންގެ ގޯތީގެ ވަށައިފާރުގެ މަތިން އަރައި އަޅުގަނޑުމެންގެ އިމުގެ ތެރެއަށް ފައިބާ އެއްވެސް ގައުމެއްގެ ސިފައިންނަށް ތިބެވިގެން ނުވާނެ. އެކަމަކީ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ވާހަކަދައްކާނެ ކަމެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ތަަރައްގީގެ ކިތަންމެ ގިނަ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. ނަމަވެސް މިނިވަންކަން އަތުން ދޫކޮށްލީމަ ދެން ކުރާނެ ކަމެއް ނޯންނާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުުރުމުގައި އެއްގޮތަކަށް ވެސް ދެބަސްވެ ފުރުސަތު ދެވޭނެ ކަންކަމެއް ނޫން އެހުންނަނީ. އެހެންވީމަ މިގޮތަށް މިކަން ކުރުމަށް އެންމެން އެބަޖެހޭ ދިވެހިންގެ ރާއްޖެއަށް ދިއުމަށް އެންމެން އަތުކުރި އޮޅާލަން. އެހެންނޫނީ އަޅުގަނޑުމެންގެ ދަރިންގެ މުސްޔަގުބަލް އުޖާލާނުކުރެވޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ، މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފަށާފައި ހުރި އަދި ފެށުމަށް ސޮއިކޮށްފައި ހުރި އެއްވެސް މަޝްރޫއެއް އެމަނިކުފާނުގެ ސަރުކާރެއްގައި ހުއްޓާނުލާނެ ކަމަށާއި އޭގެ ބަދަލުގައި އެ މަޝްރޫތަކަކީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް މާ ބާރަށް ކުރިއަށް ގެންގޮސް ނިންމާލާނެ މަޝްރޫއުތައް ކަމަށެވެ. އެހެން ކަމުން ސަރުކާރުން އެކިއެކި ޕޯޑިއަމްތަކަށް އަރަައިގެން ފާޑުފާޑުގެ ވާހަކަތައް ދެއްކެވި ނަމަވެސް ރައްޔިތުން ގަބޫލް ކުރާނީ ޕީޕީއެމް/ޕީއެންސީން ދައްކާ ވާހަކަތައް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މާލެ އަތޮޅުގެ އުތުރާއި ދެކުނުގެ ހުރިހާ ރަށްތަކެއް ހިމެނޭ ގޮތަށް ހުރިހާ ރަށެއްގެ މަގުހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ސްކޫލްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ވެސް ކޮށްދެެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑްރަގް ރިހެބްލިޓޭޝަނެއް ހެދުމަކީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަމެއް ކަމަށާއި އެގޮތުން ކާށިދޫގައި އެފަދަ މަރުކަޒެއް ހަދާދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުުރުން ގެދޮރު ބިނާކުރުމުގެ މަސައްކަތްތަކާއި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކޮށްދެއްވާނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން ކަމުގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *