Support Us

ރިޔާސީ އިންތިހާބު 2023

ދެވަނަ ދައުރުގައި ވެސް އެންމެ މުހިންމުކަމެއް މާލޭ މީހުންގެ ބޯހިޔާވަހިކަމަށް: ރައީސް

އަންނަ ރިޔާސީ އިންތިހާބްގައި އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެއްޔާ އެންމެ މުހިންމު އަދި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ މާލޭގެ ރައްޔިތުންގެ ތެެރެއިން ބޯހިޔާވަހި ކަމަށް ޖެހިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުން ކަަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހް ވިދާޅުވެއްޖެ އެވެ.

"އުފާވެރި މާލެ" ނަމުގައި އެމްޑީޕީން ރޭ ކާނިވާ ސަަރަހައްދުގައި ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބްގެ ކެންޕެއިން ޖަލްސާގައި ރައީސް ސޯލިހްގެ ވާހަކަފުޅުގައި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ނިކަމެތިކަން އެންމެ ބޮޑަށް ލިބުނު ބަަޔަކީ މާލޭގެ ރައްޔިތުންކަން ފާހަގަކުރައްވާ ވިދާޅުވީ މާލޭގެ ހުރިހާ ކަމަކަށް އެކަމުގެ ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދީފައިވަނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 19،000 ރައްޔިތުންނަށް ގޯތީގެ ބިންވަކިކޮށް ރަޖިސްޓްރީދީފައިވާއިރު ބޯހިޔާވަހި ކަމުގެ ދަތިކަން ހުރި 13،000 ރައްޔިތުންނަށް ފްލެޓް ކަށަވަރުކޮށްދެވިއްޖެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތްކޮށް ނިންމާލާނީ މާލޭގައި ބޯހިޔާވަހިކަމަށް ޖެހިފައި ތިބި އެންމެންނަށް އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށްދީފައި،" ގިނަ ބަޔަކު އެއްވެފައި އޮތް މި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވި އެވެ

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މާލެ ކައިރީގައި އޮތް ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކްތައް އެތަނުން ބަދަލުކޮށް، އެ ރަށުގައި ކޮންވެންޝަން ސެންޓަރެއް ގާއިމްކޮށް، އެތަނުގައި ޒަމާނީ ބިޒްނަސް ސެންޓަރަކާ އެކު ހޮޓަލެއް ގާއިމްކޮށްދެއްވާ މާލެއާ ގުޅާލައްވާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ބޭރުގެ ރަހުމަތްތެރި ގައުމަކުން ކަނޑައަޅާ ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން 2008ގެ ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކީ ވެސް ކޯލިޝަން ސަރުކާރެއް އިންތިހާބު ކޮށްފައިވާ ދެ ފަހަރުކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެއިން ކޮންމެ ފަހަރަކު ވެސް އެ ކޯލިޝަންތައް އިންތިހާބް ކުރާތާާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެ ކޯލިޝަންގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ކޯލީޝަން އުވާލައްވާ ކަމަށެވެ. ނަމަވެސް 2018 އިން ފެށިގެން މިފަސް އަހަރު އެ މަނިކުފާނު ހޭދަ ކުރެއްވީ ރައްޔިތުން ހަވާލު ކުރި އަމާނާތް، ކޯލިޝަން ސަރުކާރާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްްޔާ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނީ ވެސް އެގޮތުގައި ކަމަށް ވިދާޅުވި އެެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން އެކަކު ވެސް ބާކީ ނުކުރާނެ ކަމަށާއި އެންމެ ރަށެއް ވެސް ބާކީ ވެސް ތަފާތެއް ވެސް ނުކުރައްވާނެ ކަމަށެވެ. އަދި އިންތިހާބެއް ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަން ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި އިންތިހާބެއްގެ ނަތީޖާ ބަދަލުކޮށްލަން ބޭނުންވާނީ އެންމެ ވޯޓެެއް ކަމަށާއި އެ ވޯޓަކީ ކޮންމެ ފަރުދެއްގެ ވެސް ވޯޓެއް ކަމުގައި ހަދައި އެމްޑީޕީއާ އެކު އެއްބުރުން ނިކުމެ ވޯޓް ދިނުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރައީސް ސޯލިހްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *