Support Us

ރިޔާސީ އިންތިހާބު 2023:

ފްލެޓްތަކާއި އެސްއެމްއީ ލޯންތައް މައާފްކުރާނީ ކޮރަޕްޝަންގެ ފައިސާ ސަލާމަތްކޮށްގެން: ގާސިމް

އިޖުތިމާތީ ބޯހިޔާވަހިކަމުގެ ދަށުން ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ ހުރިހާ ފްލެޓްތަކެއްގެ ކުއްޔާއި އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދެއްވާނީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ފައިސާ ހުއްޓުވައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ގާސިމް ކުރައްވަމުން ގެންދަވާ ރިޔާސީ އިންތިހާބްގެ ކެންޕެއިންގައި ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖޭޕީގެ ކެންޕެއިން ޖަގަހަ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ގާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސޯޝަލް ހައުސިންގެ ކުއްޔާއި އެސްއެމްއީ ލޯންތައް މައާފްކޮށްދެެއްވާނެ ކަމަށް ވިދާޅުވުމާ އެކު އިދިކޮޅު ފަރާތްތަކުގެ ފާޑު ކިތުންތައް އެމަނިކުފާނަށް އަމާޒުވާން ފަށައިއިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވެރިކަން ލިބިއްޖެއްޔާ މައާފްކުރާނަން. މީހަކަށް ނޭނގުނަސް އަޅުގަނޑަށް އެނގޭ އެކަންކުރާނެ ގޮތް. ކުރިމަތިލައްވައިގެން ތިއްބެވި ބޭފުޅުންނަށް ނޭނގެނީ ކަމަށް ވެދާނެ ނޫނީ ކުރަން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެ،" ގާސިމް ވިދާޅުވި އެެވެ.

ގާސިމް ވިދާޅުވީ އެސްއެމްއީ ލޯންގެ މިންވަރަކީ ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޕްރޮޕޯސަލެއް ފޮނުވިއިރު އޭގެ ތެރޭގައި ދެ ޕްރޮޕޯސަލެއް އޮތް ކަަމަށް ގާސިމް ވިދާޅުވި އެވެ. އެ ޕްރޮޕޯސަލް ހުށަހެޅި އިރު ވެސް 150 މިލިިއަން ޑޮލަރު ހުށަހެޅި ކުންފުންޏާ އެ ޕްރޮޖެކްޓް ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި 50 މިލިއަންގެ ޑޮަލަރުގެ ފޮރޮޕޯސަލް ހުށަހެޅި ކުންފުންޏަކީ އެއަށްވުރެ މާ އެކްސްޕީރިއެންސް މާ، ކުޅާދަނަ ކުންފުންޏެއް ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް ދިނީ 150 މިލިއަން ހުށަހެޅި ކުންފުންޏަށް ކަމަަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވީމަ އެ ގެއްލޭ 100 މިލިއަން ޑޮލަރު ވަންނަނީ ކޮަރަޕްޝަންގެ ފައިސާގެ ތެެރެއަށް ކަމަށް ވެސް ގާސިމް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން އެކަން ކުރިނަމަ އެއަށްވުރެ ރަނގަޅަށް އެއަށްވުރެ މޮޅަށް އެންމެ ގިނަވެގެން 38 މިލިއަނާއި 40 މިލިއަން ޑޮލަރަށް އެ ޕްރޮޖެކްޓް ނިންމާނަން. އެކަމަކު 150 މިިލިއަން ޑޮލަރު ދީފައި އެކަން ނިންމާފައި އެހެރީ ހުސް އޮނިގަނޑު. އެހެންވީމަ ލޯވަޅަށް ފައިބައިގެންދާ 100 މިލިއަން ޑޮލަރު ނަގާފަ އެއްކަލަ އެެސްއެމްއީ ލޯން ނުދެއްކޭނެތަ؟ އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ މި ސަރުކާރުތަކުން ހިންގާ ކޮރަޕްޝަންގެ ފައިސާ، ޕްރޮޖެކްޓްތަކުގެ ސައިޑުން ނަގާ ފައިސާ، ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ލާރި ސަލާމަތްކޮށްފިއްޔާ އެކަހަލަ ހައުސިންގް އާއި އެސްއެމްއީ ލޯނު ނޫނަސް އިތުރު ކިތަންމެ ކަމެއް މައާފްކޮށްދެވޭނެ ކަމަށް،" ގާސިމް ވިދާާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ލޯންތައް މައާފްކޮށްދޭނަމޭ ވިދާޅުވީ އެކަން ކުރައްވާނެތީ ކަމަށާއި އިދިކޮޅުން ކިތަންމެ ފާޑުކިޔުންތަކެއް ރައްދު ކުރި ނަމަވެސް އެކަމާ އެމަނިކުފާނު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ 2.5 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ ފްލެޓްތައް ރައްޔިތުންނަށް 20 އަހަރުން 25 އަހަރުގެ މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ގޮތަށް ދިނީ އެތަންތަން އެއްކޮށް ނުނިންމާ ކަމަށާއި ރައްޔިތުންނަށް އެ ފްލެޓްތައް ދިނީ އެއްކޮށް ނުނިންމާ ކަމުގައިވާއިރު އެ ފްލެޓްތައް ހަދާ ނިންމީ އެކި ގޮތްގޮތުން ރައްޔިތުން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމެއް ނެތް މީހާ ކޮންމެހެނެެއް ހަދައިގެން ވެސް އެތަނަށް ވަންނާނެކަން ގާސިމް ފާހަގަކުރެއްވި އެވެ. އެހެން އެކަންތައް އޮއްވާ ހުޅުމާލެއިން ރައްޔިތުންގެ ތެރެއިން ހަމައެކަނި މާލޭ މީހުނަށް ހިލޭ ގޯތި ދިނުމަކީ ކޮން ކަހަލަ އިންސާފެއްތޯ ވެސް ގާސިމް ސުވާލުކުރެއްވި އެވެ.

"އެއް ބަޔަކަށް ހިލޭ އަނެއް ބަޔަކަށް ވިއްކާފައި އަނެއް ބަޔަކަށް އިމާރާތްކޮށްފައި އެތަން ވެސް ވިއްކަނީ. މީގައި އެއްވެސް އުސޫލެއް ހަަމައެއް ލަަމައެއް ނެތް. ކޮންމެވެސް އެއް ހަމައެއް އެއް އުސޫލެއްގައި މި ކަންކަން ދާންޖެހޭ. ކިހިނެއްތޯ ހަދަނީ އިންސާފުގެ މަގަށް ގެންނަން އޮތީ. އެހެންވެ އަޅުގަނޑު އެ ކުލިތައް މައާފްކޮށްދޭން ނިންމީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ގެންދަވަނީ ކެންޕެއިން ވައުދެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި ފެންވަރު ރަނގަޅު މިސްކިތެއް ހަދައިދީ ބަނދަރުމަތީގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފާހާނާބަރިއެއް ހަދާދެއްވާނެ ކަމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކާއި މިސްކިތެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމާއި ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކްލާސްރޫމްތަކުގައި 75 އިންޗީގެ ކުލަ ޓީވީ ސްމާޓް ބޯޑު ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކުދިންނަށް ތައުލީމު އުނގެނޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *