އިޖުތިމާތީ ބޯހިޔާވަހިކަމުގެ ދަށުން ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ ހުރިހާ ފްލެޓްތަކެއްގެ ކުލި މައާފްކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ގައުމީކެންޑިޑޭޓް"ގެ ނަމުގައި ކެންޕެއިން ކުރައްވަމުން ގެންދަވާ ގާސިމް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެ ބިމެއް ރައްޔިތުންނަށް ހިލޭ ދިނުމަށް ދެކޮޅު ނުހައްދަވާނެ ކަމަށެވެ. ނަމަވެސް ދިވެހި ދައުލަތުގައި އޮތް އެންމެ އަގުބޮޑު ބިންތަކަކީ ދިވެހި އެންމެހާ ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ބިންތަަކެއް ކަމުގައިވާއިރު ހަމައެކަނި އެބިންތަކުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ކަމަށާއި އެ ހައްގުން އެއްބައި ރައްޔިތުން މަހްރޫމުވެފައިވާ ކަމަށެވެ. އަދި ހަަމަ އެބިމުގައި ރައްޔިތުންނަށް އަޅާފައިވާ އިޖުތިމާއީ ހިޔާވަހިކަމުގެ ފްލެޓްތަކުން "ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ 20 ނޫނީ 25 އަހަރުން 2.5 މިލިއަަން ރުފިޔާ ނެގުމަކީ ކޮންކޮން ހަމައަކުން ކޮން ކަހަލަ އިންސާފަކުން ކުރައްވާފައިވާ ކަމެއް ތޯ" ވެސް ގާސިމް ވަނީ ސުވާލުކުރައްވާފަ އެވެ. ގާސިމްގެ ޓްވީޓުގައި ހިމަނުއްވައިފައި ވަނީ 25 ބުުރީގެ ހިޔާ ޓަވަރުތަކުގެ ފޮޓޯއެކެވެ.

ގާސިމް ގެންދަވަނީ ކެންޕެއިން ވައުދެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި ފެންވަރު ރަނގަޅު މިސްކިތެއް ހަދައިދީ ބަނދަރުމަތީގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފާހާނާބަރިއެއް ހަދާދެއްވާނެ ކަމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކާއި މިސްކިތެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމާއި ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކްލާސްރޫމްތަކުގައި 75 އިންޗީގެ ކުލަ ޓީވީ ސްމާޓް ބޯޑު ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކުދިންނަށް ތައުލީމު އުނގެނޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment