Support Us

ރިޔާސީ އިންތިހާބު 2023:

ރޯދަމަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކުރާނަން: ޑރ. މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ރަމަޟާން މަހުގެ ފަހު ދިޔައެއް އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަަމަޖައްސައިދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެރާއްޖެ" ދިވެހިންނަށް އިޔާދަކޮށްދިނުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ބ. އަތޮޅަށް ކުރި ކެންޕެއިން ދަތުރުގައި ރޭ އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރަަމަޟާން މަހުގެ ފަހު ދިހައެއް އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމުން ރައްޔިތުންނަށް ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި ސްކޫލްތަކުގެ ގްރޭޑް އަށަކުން ދަށުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ވެސް އެ ދުވަސްކޮޅު އެއްކޮށް ބަންދުކުރާނެ ކަމަށެވެ. ނަމަވެސް ގްރޭޑް އަށަކުން ބާރައާ ހަމައަށް ކިޔަވާ ދަރިވަރުން ސްކޫލުން ކަނޑައަޅާ ނިޒާމެއްގެ ދަށުން ސްކޫލަށް ދާންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އޭރުން ރައްޔިތުންނަށް ރޭ އަޅުުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވޭނެ. އަދި އުމްރާއަށްދާން ބޭނުންވާ މީހުންނަށް ވެސް ސަރުކާރުގައި އުޅެން ޖެހި ވަޒީފާއަށް ދާން ޖެހި ސްކޫލަށް ކުދިން ގެންދަން ޖެހި މިކަހަަލަ ކަންކަމުން ލުޔެއް ލިބިގެންދާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނަށްޓަކައި ފަހުރުވެރިވާ ބައެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސަތުތައް ބައްޓަން ކުރާނީ އިސްލާމްދީނުގެ އަޅުކަންކުރުމާއި އަމަލްތައް ކުރަން ފަހިވާ ފަދަ ގޮތަކަށް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ވެރިކަމުގައި ތިބެން ޖެހޭނީ އިސްލާމްދީން ދެކެ ލޯބިވާ، ދީީނީ ކަންކަމަށް އިސްކަންދޭނެ، ދީނީ ކަންކަމުގައި ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރިން ކަމަށް ވެސް ދެކެވަޑައިގެންނަވާ ކަމަށް ވެސްް ވިދާޅުވި އެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން އުމުރުން 65 އަހަރު ވެގެން ވަޒީފާއިން ރިޓަޔާ ކުރަންޖެހޭ މީހުންނަށް ވެސް އެ މީހުން ބޭނުންނަަމަ 75 އަހަރު ވަންދެން އަހަރުން އަހަރަށް ކޮންޓްރެކް އާކުރާ އުސޫލުން ވަޒީފާއެއް ރަސްމީ ނިޒާމުގެ ތެރެއިން ލިބޭނެ ގޮތެއް ޑރ. މުއިއްޒުގެ ސަރުކާރެއްގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބައެއް ސިވިލް ސާވަންޓުން 55 އަހަރު ވީމަ އަމިއްލައަށް ރިޓަޔާކުރީމަ 65 އަހަރު ވަންދެން އެއްވެސް އެއްޗެއް ނުލިބޭތީ އެ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރަން ހާއްސަ އެލަވެންސެއް ތައާރަފް ކުރުމަށް ވެސް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެެއްގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *