Support Us

ޑރ. މުހައްމަދު މުއިއްޒު މިއަދު "އަދިވެސް" އަށް ހާއްސަ އިންޓަވިއުއެއް ދެއްވަނީ -ފޮޓޯ: އަދިވެސް
ރިޔާސީ އިންތިހާބު 2023:

ޑރ. މުއިއްޒުގެ އިންޓަވިއު: އަޅުގަނޑާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކައެއް ދައްކައިގެން ރައްޔިތުން ގަބޫލެއް ނުކުރާނެ

ރިޔާސީ އިންތިހާބުގެ ރޭހުގައި އެކިއެކި ބޭބޭފުޅުން ދައްކަވާ ހަމަ ކޮންމެ ވާހަކައެއް ރައްޔިތުން ގަބޫލް ނުކުރާނެ ކަމަށާއި އެ މަނިކުފާނާ ބެހޭ ގޮތުން ދައްކާ ހަގީގަތެއް ނެތް ވާހަކަތައް ގަބޫލްކުރާ ވަރަށް ވުރެ ބޮޑަށް ރައްޔިތުން މިއަދު ވިސްނާނެ ކަމަށް އަންނަ ރިޔާސީ އިންތިހާބްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޒަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގެންދަވަނީ އެކިއެކި ޕްރެސް ކޮންޕަރެންސްތަކުގައި ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

"އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެފަދަ ބޭބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތައް އަޑުއަހާ އެ ވާހަކަތަކަށް ރައްދުދެއްވައި ހެއްދެވުމަކީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގެންނަވާ ކަމަށާއި، ސެޕްޓެމްބަރު 9 ވޯޓަށް ކެމްޕޭނަށް ލިބިވަޑައިގެންނެވި 28 ދުވަހުގައި އަބަދުވެސް ބައްލަވަނީ ޕީޕީއެމް/ޕީއެންސީއަށް ރިޔާސީ ކެމްޕޭން ކުރުމަށް ލިބިފައިވާ ވަގުތުކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕެވުމަށް ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތަކާއި ޕާޓީން ދެކޭ ގޮތް ރައްޔިތުންނާ ހަމައަށް ގެންގޮސްދެއްވުމަށް ކަމަށެވެ. އަދި މިއަދުގެ ރައްޔިތުންނަކީ ވަަރަށް ތައުލީމީ، ގާބިލް ބައެއް ކަމުގައިވާއިރު ހަގީގަތެއް ނެތް ވާހަކައެއް ދެކެވޭނަމަ އެ ވާހަކައެއް ރައްޔިތުން ގަބޫލް ނުކުރާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ޖަވާބުދާރީ ނުކުރެވޭނެ އެއްވެސް ސުވާލެއް އެ މަނިކުފާނާ ކުރިމަތިނުކުރެވޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ރައްޔިތުން ވިސްނާނެ، މިހާރު މިއީ ވަރަށް އެޑިއުކޭޓަޑް ގައުމެއް. ހަމަ ކޮންމެ ވާހަކައެއް ދެއްކިޔަސް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އޭގެ ހަގީގަތް ނުބަލައެއް. އަދި ގަބޫލްކޮށްގެން ވެސް ނުވާނެ. އަޅުގަނޑާ ބެހޭގޮތުން ވެސް ހަގީގަތެއް އޮތް ވާހަކައެއް ނަމަ ރަނގަޅު، ހަމައަޑުއަހަންވީ، އެކަމަކު ބޭސްލަސް (ހަގީގަތެއް ނެތް) އެލިގޭޝަން އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ވެއްޖެއްޔާ އެބޭފުޅަކު އެކަމާ ޒިންމާވާންވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޒަމާނުގެ ހައިސިއްޔަތުން ބާއްވަވާ ޕްރެސް ކޮންރަސެންސްތަކުގައި މާރިޔާ ދީދީ ތަކުރާރުކޮށް ގެންދަވަނީ ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވަމުންނެވެ. އަދި ޑރ. މުއިއްޒަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓްގައި އިންނެވި ބޭފުޅަކަށްވާއިރު އެ ސަރުކާރުގައި ގޯސްކޮށް ހިނގައިދިޔަ ހުރިހާ ކަމެއްގައި ވެސް ޑރ. މުއިއްޒުގެ ބައިވެރިވެރިވެވަޑައިގެންނަވާ ކަމަށް ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި ޑރ. މުއިއްޒާ ބެހޭ ގޮތުން ވާހަކަތައް ދައްކަވަނީ އެއްވެސް ޗެލެންޖެއް އޮވެގެން ނޫން ކަމަށް ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *