Support Us

ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ޑރ. މުއީޒާއެކު ޑރ. ޝަހީމު (މ)
ރިޔާސީ އިންތިހާބު 2023

ޑރ. މުއިއްޒަށް ތާއީދުކުރައްވަން ޑރ. ޝަހީމާއި ޑރ. އަނާރާ ނިންމަވައިފި

ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޑރ. އަނާރާ ނައީމް އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއީޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޑރ. މުއީޒަށް ތާއިދުކުރައްވާކަން ހާމަކުރައްވާ ޑރ. ޝަހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި "އަޅުގަނޑުގެ އެކުވެރި ޑރ. މުހައްމަދު މުއީޒުއަށް ތާއީދު ކުރަން އަޅުގަނޑު ނިންމައިފިން" ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޑރ. މުއިއްޒާއި ޑރ. ޝަހީމަކީ ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައި އަދާލަތު ޕާޓީގެ ޓިކެޓްގައި 2012 ފެބްރުއަރީ 19 ގައި އެންމެ ފުރަތަމަ ކެބިނެޓަށް ވަޑައިގެންނެވި ދެ ވަޒީރުންނެވެ.

ޑރ. ޝަހީމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި ބޭފުޅެކެވެ.

ޑރ. މުއިޒަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ކުރީގެ މެމްބަރު ޑރ. އަންނާރާ ވެސް އިއްޔެ ވަނީ ޓުވީޓެއް ކުރައްވާފަ އެވެ.

"ދިވެހީންނަށް ފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެ ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި" ޑރ. މުއިއްޒާއެކު ނަންގަވައިފައިވާ ފޮޓޯއަކާއެކު އަނާރާ ކުރެއްވި ޓްވީޓުގައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *