Support Us

"ރިޔާސީ ސިޔާސަތު" ލައިވް ޕްރޮގްރާމްގައި އުމަރު ވާހަކަ ދައްކަވަނީ
ރިޔާސީ އިންތިހާބު 2023:

ރާއްޖޭގެ ހާލަތު ބަދަލުކޮށްލެވޭނީ ހަރުދަނާ، ޖެހިލުން ކުޑަ ލީޑަރަކަށް، އެއީ އަޅުގަނޑު: އުމަރު

ދިވެހި ރާއްޖޭގައި ކުށްކުރުން ނުހުއްޓުވިގެން އުޅެނީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ގޭންގްތަކާއި ޑްރަގް ވިއްކާ މީހުންގެ ދަށުވެފައިވާތީ ކަމަށާއި "ރާއްޖެއަށް ބޭނުންވަނީ ހަރުދަނާ، ޖެހިލުން ކުޑަ ލީޑަރެއް" ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނަވާ ކެންޑިޑޭޓުންނަށް ދައުވަތުދީގެން، ދައުލަތުގެ މީޑިއާ، ޕީ.އެސް.އެމުން ގެނެސްދޭން ފެށި "ރިޔާސީ ސިޔާސަތު" ލައިވް ޕްރޮގްރާމްގެ ފުރަތަމަ މެހެމާނުގެ ގޮތުގައި ބައިވެރިވަޑައިގެންނެވި އެއް ނަންބަރު ކެންޑިޑޭޓު ރޭ ވިދާޅުވީ އޭނާއަކީ ރިޔާސީ އެހެން ކެންޑިޑޭޓުންނާ މުޅިން ތަފާތު ސިޔާސަތުތަކަކާއެކު ވެރިކަމަށް ކުރިމަތިލައްވައިގެން ނުކުމެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެހެން ހުރިހާ ބޭފުޅުން ގެންގުޅުއްވަނީ އެއް ސިޔާސަތުތަކެއް ތަފާތު ގޮތްގޮތަށް ކުލަ ޖައްސައިގެން ކަމަށެވެ.

"ހައްލަކީ އުމަރު"ގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ އުމަރަކީ ހަރުކަށި ގޮތްތަކެއް ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާ ކަމަށާއި ހަރުކަށި ބޭފުޅަކަށް ރައްޔިތުން ގޮވައިގެން އުޅެވޭނީ ކިހިނެެއްތޯ އެފަރާތްތަކުން ސުވާލުކުރާ ކަމަށް ޕްރޮގްރާމްގައި ކުރި ސުވާލާ ގުޅިގެން އުމަރު ވިދާޅުވީ މަޑުމައިތިރި ބޭފުޅުން ރާއްޖޭގެ ވެރިކަމަށް ގެނެސްގެން މިހާތަނަށް ރާއްޖެވީ ހަލާކު ކަމަށެވެ. އަދި މިއީ ހަރުދަނާ، ޖެހިލުން ކުޑަ ވެރިއަކު ހޮވަންޖެހޭ ވަގުތު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ރިޔާސީ ސިޔާސަތު" ލައިވް ޕްރޮގްރާމްގައި އުމަރު ވާހަކަ ދައްކަވަނީ

"ލީޑަރެއްގެ ގައިގައި ހުންނަން ޖެހޭނެ ހަރުކަށިކަން ވެސް، އޭނާގެ ގައިގައި ހުންނަން ޖެހޭނެ އިހުސާންތެރިކަން ވެސް، އޭނާގެ ގައިގައި ހުންނަން ޖެހޭނެ ތައުލީމު ވެސް. އޭނާގެ ގައިގައި ހުންނަން ޖެހޭ ތަޖުރިބާވެސް، އެހުރިހާ އެއްޗެއް އެއްވެގެން ވެރިއަކު ވެރިއަކަށް ވަނީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދިވެހި ރާއްޖޭ އަމާން ތަނަކަށް ހަދަން ބޭނުންވާނަމަަ ސިޔާސީ ޕާޓީތަކަށް ވޯޓުދީގެން އެއްވެސް ތަފާތެއް ނުފެންނާނެ ކަމަށާއި ދިވެހި ރާއްޖޭގައި 15 އަހަރު ވަންދެން ޕާޓީތަކަށް ވޯޓް ދީގެން ފެނުނު ތަފާތަކީ އެ ޕާޓީތަކުގެ ބޭބޭފުޅުންގެ ޖީބުތައް ބޮޑުވުމާއި އެ ބޭބޭފުޅުންގެ އެސެޓްތަކާއިި އެކައުންޓްތަކަށް އައި ބަދަލުކަމަށެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ އަމަން އަމާންކަން ގެއްލި، ދިވެހިރާއްޖޭގެ ދަރަނި ބޮޑުވެ، މަސްތުވާތަކެތި ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ކިތަށް ފަހަރަށްތޯ އޭ ދިވެހިން ތިޔަބުނާ މަޑުމައިތިރި މީހުން އިންތިހާބުކޮށްގެން ރާއްޖޭގައި ކަންކަން އިތުރަށް ބޮއްސުންލާން ދޫކޮށްލާނީ؟ މަގުތަކުގެ އަމާންކަން ކޮބައިތޯ؟ މީހުން މަރަމުން ގެންދަނީ މަގުތަކުގައި. މަސްތުވާތަކެތި ވިއްކަމުން ގެންދަނީ މަގުތަކުގައި. މަގުތަކުގައި ސަލާން ޖަހާ މީހުން ސަލާން ޖަހަނީީ. ސްލޫލްތަކުގައި އެއްވެސް އަހުލާގެއް ނެތް. ހުރިހާ އެއްޗެއް ރޫޅިއްޖެ. އަޅުގަނޑުމެންގެ ދަރަނި އިންތިހާއަށް ބޮޑުވެއްޖެ. ކޮރަޕްޝަން ބޮޑުވެއްޖެ. ތިބުނާ މަޑުމައިތިރި ކަމުން ލިބުނީ ކޮން ނަތީޖާއެއްތޯ؟" އުމަރު ސުވާލުކުރެއްވި އެވެ.

"ރިޔާސީ ސިޔާސަތު" ލައިވް ޕްރޮގްރާމްގައި އުމަރު (ކ) ވާހަކަ ދައްކަވަނީ

އުމަރު ވިދާޅުވީ ރާއްޖެއިން ގޭންގުތައް ފުނޑުފުނޑު ކޮށްލައި ރާއްޖޭގައި މަސްތުވާތަކެތި ހާލަތު ބަދަލުކޮށްލާނެ ފަދަ އެހެން ލީޑަަރަކު މިއަދު ހުންނެވި ނަމަ ސިޔާސީ މައިދާނުގައި ރިޔާސީ ރޭހަކަށް ނިކުމެވަޑައިނުގަންނަވާނެ ކަމަށާއި އެފަދަ ލީޑަރެއް ހުންނެވި ނަމަ އެ ލީޑަރެއްގެ ފަހަތަށް އަރާވަޑައިގެންނަވާނެ ކަމަށެވެ. ނަމަވެސް އެފަދަ ލީޑަރަކު މިއަދު ރިޔާސީ ރޭހުގައި ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރުގެ ގެންގުޅުއްވާ "މަރަށްމަރު" ހިފުމުގެ ސިޔާސަތާ ބެހޭ ގޮތުން ވާހަކަދަައްކަވަމުން ވިދާޅުވީ ވެރިއަކަށް ވަޑައިގެންނަވާތާ ތިން މަސްދުވަހުގެ ތެރޭގައި މަރަށްމަރު ހިފާނެ ކަމަށް ބުނަމުން ގެންދަވަނީ ގުރުއާނުގައި އެގޮތަށް އަންގަވާފައި އޮތީމައާއި އެ މީހެއްގެ އާއިލާއަށް އިންސާފު ހޯދައިދީގެން ނޫނިއްޔާ އެ އާއިލާއަށް އިންސާފު ނުލިބޭނެތީ ކަމަށެވެ. އަދި އުމަރު ނޫން ވެރިއަކަށް ޤިސޯސް ހިފަން ނުކެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމެއް ފެށިގެން ތިން މަސް ދުވަސް ތެރޭގައި، މިހާރު ޝަރުއީ ހުރިހާ މަރުހަލާއެއް ނިިމިފައި ތިބި ތިން މީހުން އެބަތިބި، އެ ތިން މީހުންގެ މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ. އާއިލާތައް ކައިރީގައި އެހޭނެ، އެމީހުން ނުރުހޭނަމަ ތަންފީޒު ނުކުރެވޭނެ، ރުހޭ ކަމުގައިވާނަމަ ތަންފީޒު ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ދެ އަހަރާއި ބައި ހުންނެވުމަށް ފަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ އުމަރު ވިދާޅުވީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި އެ އަންހެން ކުއްޖާ ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނީ އެ މައްސަލަ ތަހުގީގު ކުރަންޖެހޭ ވަރަށް ތަހުގީގު ނުކޮށް ވަކި ބަޔަކު ސަލާމަތްކުރުމުގެ ބޭނުމުގައި ކަަމަށެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑު ފާޑުވިދާޅުވެ އުމަރު ދެއްކެވި ވާހަކަފުޅުގައި އެ ހާދިސާ ހިނގާފައިވަނީ ވެސް ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި އިމްރާން ހުންނަވަނިކޮށް ކަމަށާއި ނަމަވެސް އިމްރާނަށް އެ މައްސަލަ ތަހުގީގު ކުރައްވަން އަންގަވަން ވެސް ކެރިވަޑައިނުގެންނެވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެންމެ ނިކަމެތި މީހާގެ ހައްގު ވެސް ރައްކާތެރި ކުރެވެން ޖެހޭނެ ކަމަށް ދެކެވައިގެންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ. އިންސާފު ހޯދައިދިނުމުގައި އުމަރު ފަހަތަށް ޖެހިވަޑައިނުގެންނަވާނެ ކަމަށާއި އޭނާއަކީ ޖެހިލުން ކުޑަ މީހެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެމީހާ ގައިގައި ގަޓް ހުންނަންވާނެ، ތަހުގީގު ކުރަންޖެހޭ ކޮންމެ ކަމެއް ތަހުގީގު ކޮށްފައި އަޅަން ޖެހޭ ކޮންމެ ފިޔަަވަޅެއް އަޅަންޖެހޭނެ. ކަނާތުން ވާތް ކަނޑާލަން ޖެހިއްޖެއްޔާ ކަނޑާލަން ޖެހޭނެ. އެއީ ލީޑަރަކީ،" އުމަރު ވިދާޅުވި އެވެ.

އުމަރަށް ވެރިކަަން ލިބިއްޖެނަމަ، ރާއްޖޭގައި މިހާރު ތިބި އިންޑިއާގެ 200 ސިފައިން ވެސް ބަލާނެ ކަމަށާއި ރާއްޖެއިން މަސްތުވާތަކެތި ހުއްޓުވާލާ ގޭންގްތައް ވެސް ރޫޅާލާނެ ކަމަށާއި އެ ކަންތައްތައް ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި އުމަރުގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

"ރިޔާސީ ސިޔާސަތު" ލައިވް ޕްރޮގްރާމްގައި އުމަރު ދެއްވި މުޅި އިންޓަވިއު ތިރީގައި މިވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *