ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސް ރޫމްތަކެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ކެމްޕޭން ކުރައްވަމުން ގެންދަވާ ގާސިމް ށ. މިލަންދޫގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލާ އެކު ހޫނުމިން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނާއި ޕްރިންސިޕަލުންގެ ފަރާތުން ވެސް ވަރަށް ގިނަ ޝަކުވާތައް މެދުކެނޑުމެއް ނެތި އަންނަމުންދާ ކަމަށެވެ.
"ސްކޫލްތަކުގެ ކްލާސް ރޫމްތައް ހޫނުގަދަކަމުން، އަދި މުވައްޒަފުން އެކިއެކި މަސައްކަތްތައް ކުރަން ތިބޭ ތަންތަން ވެސް ހޫނު ގަދަކަމުން ކަންތައްތައް ކުރަން ދަތިވާ ވާހަކަ، ކުދިންނަށް ވަރަށް ބޮޑެތި ނިކަމެތިކަން ލިބެމުންދާ ވާހަކަ، އެވާހަކަތައް ތަކުރާރުކޮށް އަންނަ އަޑު އަޅުގަނޑު އަޑުއަހަން. މިހެން ދަންނަވާއިރު 2013 ގައި ވެސް އަޅުގަނޑު ވެއްޖެ ވަރަށް ގިނަ ސްކޫލްތަކެއް ކްލާސްރޫމްތަކެއް އެއާކޮންޑިޝަން ކޮށްދީފައި،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ ހެލްތް ސެންޓަރުތައް ވެސް އެއާކޮންޑިޝަން ކުރެވިފައިނުވާނަމަ އެ ތަންތަން ވެސް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަަމަށް ގާސިމް ވިދާޅުވި އެވެ. އަދި އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވާ އެއް ކަމަކީ ފުރިހަމަ ސިއްހަތު ކަމަށާއި އެއަށްފަހު ތައުލީމް ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި މި ދެކަމަކީ ވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ދެ ކަން ކަމުގައި ގާސިމް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާއަށް އަބަދުވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ގާސިމް ވިދާޅުވީ ސްކޫލްތަކަށް ދިމާވަމުންދާ އެކިއެކި ދަތިތައް ހައްލުކޮށްދެއްވުމަށް މީގެ ކުރިން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާނެ ކަމަށެވެ. އެގޮތުން މީގެ 15 ވަރަކަށް އަހަރު ކުރިން ވެސް އަށެއްކަ ރަށް ފިޔަވާ ރާއްޖޭގެ ހުރިހާ ރަށަކަށް ގާސިމްގެ އަމިއްލަފުޅު ހަރަދުގައި ކޮމްޕިއުޓާ ލެބް ހެދުމަށް ކޮޕްޕިއުޓަރުގެ އިތުރުން އެހެނިހެން ބައެއް ތަކެތި ދެއްވާފައިވާނެ ކަމަށް ވެސް ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވައި، އެތައް ހާސް ދަރިވަރުންނަށް މަތީ ތައުލީމް ހޯދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ގާސިމްގެ ހަރަދުގައި މިހާތަނަށް ހަތްހާހަށް ވުރެ ގިނަ މީހުން ރާއްޖޭގައި މަތީ ތައުލީމް ހޯދައިފައިވެ އެވެ. އަދި ގާސިމް ދާދި ފަހުން ވަނީ އެ މަނިކުފާނުގެ ވިލާ ފައުންޑޭޝަނުން މަތީ ތައުލީމަށް ލޯން ނަގާފައިވާ އެންމެންގެ ލޯން ވެސް މައާފު ކޮށްދެއްވައިފަ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ގާސިމް އަދި ވިދާޅުވީ، ރާއްޖޭގެ ސަރުކާރުތަކުން މީގެ ކުރިން ނަގާފައިވާ ލޯންތަކާ ގުޅިގެން ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނިތައް އެޅިފައިވާއިރު އެ ލޯންތަކުގެ ތަފްސީލް ވެސް އެމްއެމްއޭގެ ގަވަރުނަރަށް ވެސް ފިނޭންސް މިނިސްޓަރަށް ވެސް އެނގިވަޑައިނުގަންނަވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ނޭނގޭ ކަމަށް ވިދާޅުވަނީ ސަބަބުތަކެއް ނެތި ނޫން ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީއާއި ޕީޕީއެމަށް ތިން ފަހަރެއްގެ މަތިން ވެރިކަން ހޯދައިދެއްވި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ނާންގާ ފޮރުވާފައި ބާއްވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ގާސިމްގެ ސަރުކާރެއްގައި ކަންތައްތައް ކުރާނީ ކަމެއް ކުރަން އޮންނަ ހަމަތަކާއި އުސޫލުތަކުގެ ދަށުން ވީހާވެސް ހާމަކަން ބޮޑު ގޮތަކަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment