Support Us

ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ.

ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވާ ކަމަށް ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((للصّائمِ فَرحَتانِ: فَرحَةٌ حينَ يُفطِرُ، وفَرحةٌ حينَ يَلْقى ربَّه[1]– ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. ރޯދަވީއްލާއިރު ލިބޭ އުފަލަކާއި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާއިރު ލިބޭ އުފަލެކެވެ.))

މި ޙަދީސުން ދޭހަވާގޮތުގައި އިންސާނާއަށް ލިބޭ އުފާތައް ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއީ ދުނިޔަވީ (ފިޠުރީ) އުފަލާއި ދީނީ (އުޚްރަވީ) އުފަލެވެ.

ދުނިޔަވީ އުފާ

ދުނިޔަވީ އުފަލަކީ މާތްﷲ އެކަލާނގެ އަޅުންނަށް ހުއްދަކޮށްދެއްވައިފައިވާ އުފަލެވެ. މުދަލުގެ ސަބަބުން ނުވަތަ ދަރީންގެ ސަބަބުން ނުވަތަ ކެއިންބުއިމާއި ފޭރާމާއި ޒީނަތްތެރިކަން ފަދަ ކަންކަމުން ލިބޭ އުފަލެވެ. މި ފަދަ ކަންކަމުން އުފާ ލިބިގަތުމަކީ ހުއްދަ ކަމެކެވެ. މި ކަންކަމުން އުފާ ޙާޞިލުކުރުން ދީނީގޮތުން މަނާ ވާނީ ނުވަތަ އެދެވިގެންނުވާ ކަމަކަށް ވާނީ އެ ކަންކަމުގައި ޙައްދުފަހަނަޅައި ދިޔުމުންނެވެ. އިސްރާފުކުރުމުންނެވެ. ﷲގެ ޠާޢަތާއި ޞާލިޙު ޢަމަލުތަކުގެ މައްޗަށް މި ކަންކަން އިސްކުރެވޭ ވަގުތުގައެވެ. މި ކަންކަމުގެ ސަބަބުން މީސްތަކުންގެ މައްޗަށް ބޮޑާވެވުމުންނެވެ. ނިޢުމަތް ދެއްވާ ފަރާތުގެ މަތިން ހަނދުމަނެތުމުންނެވެ. ކިބުރުވެރިކަމާއި ފޮނިކަން އިތުރުވެ މީސްތަކުންގެ ޢިއްޒަތާއި ޤަދަރު ވައްޓައިލެވޭ ހިސާބަށް ދިޔުމުންނެވެ.

ޤާރޫނު އޭނާގެ ބޮޑާކަމާއި ފޮނިކަމުގެ މަސްތީގައި ހުރެ ބުންޏެވެ. ((إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي [2]– ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ.)) އެހިނދު އޭނާގެ ޤައުމުގެ މީހުން އޭނާއަށް ނަސޭހަތްތެރިވިއެވެ. އޭނާއަށް ފުރައްސާރަ ކުރިއެވެ. އެމީހުން ޤާރޫނަށް ބުންޏެވެ. ((لَا تَفْرَحْ  إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ[3]– (كبر ވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.)) މުޖާހިދު ވިދާޅުވާ ގޮތުގައި މާނައަކީ މާތް ﷲ ދެއްވި ނިޢުމަތަށް ޝުކްރުނުކޮށް ބޯޑާވެގަނެ އުފާނުކުރާށެވެ. މީސްތަކުންނަށް ބޮޑާވުމުގެ ގޮތުންނާއި ތިމާގެ މުއްސަނދިކަން ދެއްކުމަށާއި މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތުގައި ކުރިއަށް ދެވޭތީ އުފާ ފާޅުނުކުރުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި އިރްޝާދު ދެއްވައިފައިވެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَلَا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ[4]– އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، فخر ވެރިވާ އެއްވެސް މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.)) ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((وَفَرِحُوا بِالْحَيَاةِ الدُّنْيَا وَمَا الْحَيَاةُ الدُّنْيَا فِي الْآخِرَةِ إِلَّا مَتَاعٌ [5]– އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެއުރެން އުފާކުރޫއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، آخرة ގެ ދިރިއުޅުމާ އަޅައިބަލާއިރު، ވަގުތީ އުފަލެއްކަމުގައި މެނުވީ ނުވެތެވެ.))

ދީނީ އުފާ

އެއީ ދީނުގެ ނުވަތަ ޢިބާދާތުގެ ނިޢުމަތާ ގުޅިގެން ފާޅުކުރާ އުފަލެވެ. އެއީ މާތް ﷲ ދެއްވި ދުނިޔަވީ ނިޢުމަތަކަށް ޓަކައި އެކަލާނގެއަށް ޝުކްރު ދެންނެވުމެވެ. ﷲގެ ފަޟްލުވަންތަކަމަށް ޓަކައި ނުވަތަ ދެއްވި ނިޢުމަތަކަށް ޓަކައި ނުވަތަ ﷲ އެންގެވި ކަމެއް ކުރުމުގައި ދެއްވި ތައުފީޤަށް ޓަކައި އުފާކުރުމަކީ މުއުމިނުންގެ ސިފައެކެވެ. ކޮންމެ ޞާލިޙު ޢަމަލެއް ކުރުމުން މުއުމިނު އިންސާނާއަށް ލިބޭ ލައްޒަތާއި ހިތްހަމަޖުހުމަކީ ދީނީ އުފަލެކެވެ. ފަރްޟު ފަސް ނަމާދު އަދާކުރެވުމުން ނުވަތަ ރަމަޟާން މަހު ރޯދަ ހިފުމުން ނުވަތަ ރޭގަނޑު ދަމުނަމާދުކުރުމުން ނުވަތަ ރަޙްމަތްތެރިއަކަށް ޒިޔާރަތްކޮށްލުމުން ނުވަތަ މުހުތާދުވެރިއަކަށް އެހީއެއް ފޯރުކޮށްދެވުމުން ލިބޭ ހިތްހަމަޖެހުމުން ލިބޭ އުފަލެވެ. މި އުފަލާއި ޝުޢޫރަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ އަޅުންގެ ހިތްތަކަށް ވައްދަވާ ދުނިޔޭގެ ސުވަރުގެއެވެ.

އިބްރާހީމު ބިން އަދްހަމު ވިދާޅުވިއެވެ. "އަހުރެމެން މި އުޅޭ އުފާވެރިކަމާއި ނިޢުމަތް ރަސްރަސްކަލުންނަށާއި ރަސްރަސްކަލުންގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނަމަ އެމީހުންގެ ޗާބޫކުތަކުން އަހުރެމެންގެ ގައިގައި ތަޅާނެއެވެ. "ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَإِذَا مَا أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَٰذِهِ إِيمَانًا ۚ فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ ‎[6]– سورة އެއް ބާވައިލައްވައިފިނަމަ، އެ سورة ން އެމީހެއްގެ إيمان ކަން އިތުރުވީ ތިޔަބައިމީހުންގެ ތެރެއިން ކާކުހޭ ބުނެއުޅޭ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، إيمان ވެއްޖެ މީސްތަކުން ދަންނާށެވެ! ފަހެ، އެއުރެން (އެކަމަށްޓަކައި) އުފާކުރާ حال، އެއުރެންގެ إيمان ކަން އިތުރުވިއެވެ.)) މި ބަސްފުޅުން އެނގޭގޮތުގައި މުއުމިނު އިންސާނާގެ ހިތަށް އުފާވެރިކަން ވައްދާދޭ ދީނީ ކޮންމެ ކަމަކީ އެދެވިގެންވާ ކަމެއް ކަމެވެ. އެއީ ޙަޤީޤީ އުފަލެއް ކަމެވެ.

ދުނިޔެއާ ހެދި އުފާފާޅުކުރާ މީހުންނާއި ބޮޑާވާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވަތެވެ. މާތް ﷲ އުފާވުމަށް އަންގަވަނީ ﷲގެ ރަޙްމަތާއި ފަޟްލުވަންތަކަމަށް ޓަކައެވެ. އީމާންކަމާއި އިސްލާންކަން ދެކެއެވެ. އަޅުގަނޑުމެން މުސްލިމުން ކަމުގައި ލެއްވީތީ އެކަމަށް ޓަކައި އުފާވާން ޖެހޭނެއެވެ. ރަމަޟާން މަހާ ހަމައަށް ވާޞިލުކޮށްދެއްވީތީ އުފާވެ ޝުކްރު ދަންނަވަން ވާނެއެވެ.

މާތް ﷲ ރުއްސުންލެއވި އަބޫ ޛައްރުގެފާނު އަރިހުން މުސްލިމު ރިވާކުރެއްވިއެވެ. ((ކީރިތި ރަސޫލާ ﷺ އަށް ދެންނެވުނެވެ. މީހަކު އޭނާގެ ނަފްސަށް ޓަކައި ހެޔޮކަމެއް ކުރާއިރު މީސްތަކުން އެކަމަށް ތާރީފުކުރުން ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ((تِلكَ عاجِلُ بُشْرى المُؤْمِنِ[7]– އެއީ މުއުމިނާއަށް ދެއްވާ އަވަސް ހެޔޮ ޚަބަރެކެވެ.))

މާތް ﷲ ރަޙްމަތްލެއްވި އިބްނުލް ޖައުޒީ ވިދާޅުވިއެވެ. "އޭގެ މާނައަކީ ﷲ ތަޢާލާ އިންސާނެއްގެ ޢަމަލު ޤަބޫލުކުރައްވައިފިނަމަ އެކަން ކުރި މީހާގެ ހިތަށް އެ ޢަމަލު ޤަބޫލު ކުރެއްވިކަމުގެ އިޙްސާސް ވައްދަވާނެތެވެ. މާތްﷲ އެކަލާނގެ އަޅަކު ދެކެ ލޯބިވެވޮޑިގަންފިނަމަ އެހެން އަޅުން ލޯބިވާ މީހެއް ކަމުގައި އޭނާ ހައްދަވައިފާނެތެވެ. މިއީ އޭނާގެ ޢަމަލު ޤަބޫލު ކުރެއްވި ކަމުގެ ޢަލާމަތެކެވެ. އެމީހުންނަކީ މި ބިންމަތީގައިވާ ﷲގެ ހެކިވެރީންނެވެ.

ރަމަޟާންމަހަކީ އެމަހާމެދު އުފާކުރާން ޖެހޭނެ މަހެކެވެ. އެ މަހަކީ ﷲގެ ހެޔޮ ޚަބަރުތައް ހިމެނޭ މަހެކެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވުމުގެ ސަބަބުންނެވެ. ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވުމުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވި ބަސްފުޅު ތަކްރާރުކޮށްލާނަމެވެ. ((للصّائمِ فَرحَتانِ: فَرحَةٌ حينَ يُفطِرُ، وفَرحةٌ حينَ يَلْقى ربَّه[8]– ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. ރޯދަވީއްލާއިރު ލިބޭ އުފަލަކާއި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާއިރު ލިބޭ އުފަލެކެވެ.))

މި ބަސްފުޅުން އެނގޭގޮތުގައި ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އެއީ ވަގުތުން ޙާޞިލުވާ އުފަލަކާއި ފަހުން ލިބޭ އުފަލެކެވެ. ރޯދަވީއްލުމުން ލިބޭ އުފަލަކީ ﷲއަށް ކިޔަމަންގަތުމުން ލިބޭ އުފަލެވެ. ރޯދަ ހިފުމުގައި ﷲ ދެއްވި ތަނަވަސްކަމާއި ފަހިކަމަށް ޓަކައި އުފާކުރާކުރުމުން ލިބޭ އުފަލެވެ. ރޯދަވެރިޔާ ރޯދަވީއްލުމުން ދެ ބާވަތެއްގެ އުފަލެއް ލިބެއެވެ. އެއީ ކޮންމެ ދުވަހަކު ރޯދަވީއްލުމުން ލިބޭ އުފަލެވެ. ދެވަނަ އުފަލަކީ ރަމަޟާން މަސް ނިމުމުން ލިބޭ ފިޠުރުޢީދުގެ އުފަލެވެ.

މާތްﷲ އެންގެވި ގޮތަށް ރޯދަހިފުމުން އޭނާއަށް ލިބޭ އުފާތައް ވަރަށް ގިނައެވެ. ކަންބޮޑުވުން ފިލައިގެން ގޮސް ހިތަށް ލިބޭ އަރާމުން ލިބޭ އުފަލުންނެވެ. މާތްﷲ އޭނާއަށް ރޯދައިގެ ވަގުތުގައި ޙަރާންކުރައްވައިފައިވާ ކަންތައްތައް ޙަލާލުކޮށް ދެއްވުމުން ލިބޭ އުފަލެވެ. އިރުއޮއްސުމުން އޭނާ މި ޙަލާލުކަންތަކަށް އަވަސްވެގަންނާން ޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺގެ އިރްޝާދަކީ އިރުއޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުމެވެ. އެންމެ ރަނގަޅު މީހަކީ އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރާ މީހާއެވެ.

ދެވަނަ އުފަލަކީ އޭނާއަށް މި ދުނިޔެ ދޫކޮށްފައި ދިޔުމުން ލިބޭ އުފަލެކެވެ. ﷲގެ ޙަޟްރަތަށް ދެވުމުން ލިބޭ ދާއިމީ އުފަލެކެވެ. ﷲގެ ޙަޟްރަތުން ދެއްވާ ދަރުމައަކީ ﷲގެ އަޅާ އެކަމަށް ޝައުޤުވެރިވެ ދަހިވެތިވާނެ އުފަލެކެވެ. ރޯދަހިފާ މީހާއަށް ޖަޒާ ދެއްވަނީ ސީދާ ﷲއެވެ. އެ ކަން ވަނީ އެކަލާނގެ ޒާތުފުޅަށް ޚާއްޞަ ކުރައްވައިފިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((الصَّومُ لي، وأنا أجْزي به[9]– ރޯދަ ލިބިވޮޑިގެން ވަނީ ތިމަން ރަސްކަލާނގެއަށެވެ. ތިމަންރަސްކަލާނގެ އެކަމަށް ޖަޒާ ދެއްވަމުއެވެ.)) ޤިޔާމަތް ދުވަހުން މާތްﷲ ރޯދަވެރިޔާއަށް ތަފާތު ގޮތްގޮތަށް އުފާވެރިކަން ދެއްވާނެއެވެ. އޭގެތެރޭގައި ސުވަރުގެ ވަނުމަށް ޓަކައި އޭނާއަށް ދޮރުކޮޅެއް ޚާއްޞަކޮށްދެއްވުން ވެއެވެ. މި ދޮރުކޮޅުގެ ނަމަކީ "އައްރައްޔާން" އެވެ. މި ދޮރުކޮޅުން އެހެން ބަޔަކަށް ނުވަދެވޭނެއެވެ.

އަޅުގަނޑުމެންގެ ކުރީގެ ޢިލްމުވެރީން ވަނީ ރޯދައިގެ އަގު ޚާއްޞަކޮށް ރަމަޟާންމަހުގައި ހިފާ ރޯދައިގެ އަގު އުންމަތަށް ބަޔާންކޮށް ދެއްވައިފައެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާ މި ކަމަށް ދެއްވާ ސަވާބުގެ މިންވަރުގެ ކޮޅެއްވެސް ނެތެވެ. ކެއިންބުއިމާއި ޝަހަވާތްތަކުގެ އިތުރަށް ލޮލުންނާއި ކަންފަތުންނާއި ދުލުންނާއި އަތްފައިން ވެސް ރޯދަ ހިފަން ޖެހޭނެއެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރުގެފާނަކީ މިސްކީނަކާ އެކުގައި މެނުވީ ރޯދަފުޅު ވީއްލަވާ ބޭކަލެއްނޫނެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ޛައްރުގެފާނު ވިދާޅުވިއެވެ. "ތިބާ ރޯދަ ހިފާއިރު ތިބާއަށް ރައްކައުތެރިވެވޭން އޮތް ހުރިހާ ކަމަކަށް ރައްކައުތެރިވެގެން ރޯދަ ހިފާށެވެ!" މި ހުރިހާ މަސައްކަތެއްގެ އަމާޒަކީ ﷲއާ ބައްދަލުވާ ދުވަހުގެ އުފާ ލިބުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އެ ދުވަހު އުފާ ލިބޭ މީހަކަށް ވުމެވެ.

[1]  – أخرجه البخاري (١٩٠٤)، ومسلم (١١٥١)، والنسائي (٢٢١٥)، وابن ماجه (١٦٣٨) والترمذي (٧٦٦) وأحمد (٩٤٢٩)

[2]  – القصص: 78

[3]  –  القصص : 76

[4]  – الحديد: 23

[5]  – الرعد: 26

[6]  –  التوبة : 124

[7]  –  أخرجه مسلم (٢٦٤٢)، وابن ماجه (٤٢٢٥)، وأحمد (٢١٤٧٧)

[8]  – أخرجه البخاري (١٩٠٤)، ومسلم (١١٥١)، والنسائي (٢٢١٥)، وابن ماجه (١٦٣٨) والترمذي (٧٦٦) وأحمد (٩٤٢٩)

[9]  – أخرجه البخاري (٧٤٩٢) ومسلم (١١٥١)، والترمذي (٧٦٤)، والنسائي (٢٢١٥)، وابن ماجه (١٦٣٨) وأحمد (١٠٦٩١)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *