ކެމެރާއެއް ގެންގުޅުމުގެ ޚިޔާލު އަހަރެންގެ ހިތުގައި ކުޑައިރުއްސުރެ ހިނގައެވެ. ވަގުތު ފާއިތުވަމުން ގޮސް ތައުލީމު ހޯދަން އުޅުނު ދުވަސްވަރު ދިމާވި އެތައް ހާދިސާތަކަކަށް ފަހުވެސް މި ޝައުގުވެރިކަން ހިތަކުން ނުފިލިއެވެ. އެހެންކަމުން، އާއިލީ ރައްޓެއްސަކު އަހަންނަށް ކެމެރާއެއް ދޭނެ ކަމަށް ވައުދުވުމުން، މި ޝައުގު އިތުރަށްގަދަވިއެވެ. އަހަރެން ކެތްމަދުވެ އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ވައުދު ފުއްދާނެ އިރަކަށެވެ. އަހަރެން އޭރު ކުޑައެވެ. އޭނާގެ ވައުދު ފުއްދައިނުދެވުނީ ކީއްވެގެންކަން އަހަންނަށް ވިސްނަން އުނދަގޫވިއެވެ.
އެކަމަކު އެއްދުވަހަކު، އެންމެ ފަހުން އޭނާ އައިސް، އަހަރެން އުންމީދު ކުރަމުންދިޔަ ހަދިޔާ ގެނެސްދިނެވެ. އޭނާ ގެނެސްދިނީ ކޮޑަކް އިންސްޓެމެޓިކް ބޮކްސް ކެމެރާއެކެވެ. އަހަންނަށް ފޮޓޯ ނަގަން ނޭނގުނު ނަމަވެސް ކެމެރާގެ ވިއުފައިންޑަރުގެ ތެރެއިން މަންޒަރުތައް ބަލާލެވުމުން ވަރަށް އުފާވިއެވެ. އަހަރެން ދިޔަ ކޮންމެ ތަނަކަށް ގޮސް އުޅުނީ އެ ކެމެރާ ހިފައިގެންނެވެ. އޭގެތެރެއިން އުފަން ރަށް، ސ. ހިތަދޫގެ ރީތި މަންޒަރުތައް ބެލުމަށެވެ.
އޭގެ ދެތިން އަހަރު ފަހުން ގަމުގައި މަސައްކަތް ކުރާ ތިމާގެ މީހަކު އަހަރެންގެ ކެމެރާގައި ބޭނުންކުރަން 120ގެ ފިލްމުގެ ރޯލެއް ދިނެވެ. އިންސްޓަމެޓިކް ކެމެރާއެއް ކަމުން ނިކަން ފަސޭހައިން ފޮޓޯތަކެއް ނެގިއްޖެއެވެ. ދެން އެފިލްމު ޑިވެލޮޕް ކުރަން އޭނާއާ ހަވާލުކުރީމެވެ. ޕްރިންޓް ކުރެވިފައިވާ ފޮޓޯތައް ފެނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަދި އިތުރަށް ފޮޓޯތަން ނަގަން ބޭނުންވިއެވެ. އޭގެ ތެރޭގައި އަހަރެން ގަޔާވާ އަންހެން ކުއްޖަކު އޭގެ ފޮޓޯއެއްގައި ދުރުން ފެންނަން ހުއްޓެވެ. އަހަރެން ވަރަށް ގިނަ ފަހަރު އެފޮޓޯއަށް ބެލީމެވެ. އެކަމުގެ ސަބަބުން އަހަރެންގެ ފޮޓޯގްރަފީއަށް ޝައުގުވެރިކަން އިތުރަށް ވަރުގަދަވިއެވެ.
އަހަރެންގެ ކެމެރާ ތަޖުރިބާކޮށް، ހުނަރު ތަރައްގީ ކުރަމުން ދިޔައިރު، އަމިއްލައަށް ފިލްމު ޕްރޮސެސް ކުރަން ދަސްކޮށް، އަމިއްލައަށް ފޮޓޯ ބޮޑުކުރާ އެއްޗެއް ވެސް ހަދައިފީމެވެ.
އޭގެ ފަހުން ރޯޔަލް އެއާފޯސް ގަމުގެ ފޮޓޯގްރަފިކް ސެކްޝަނަށް ގޮސް އެމީހުންނާ އަހަރެންގެ ޝައުގު ވާހަކަ ހިއްސާކުރީމެވެ. އެތަނުގައި ހުރި އިނގިރޭސި ފޮޓޯގްރާފަރު އަހަރެން ގޮވައިގެންދިޔައީ ސްޓޭޝަން ސްކޮޑްރަން ހެޑްކުއާޓަރަށެވެ. އޭނާގެ އިންޗާޖް އޮފިސަރު ގާތަށެވެ. އަހަންނަށް ޓްރެއިނިން ދިނުމަށް އެ އޮފިސަރު ހުއްދަ ދިނެވެ. ދެން ވަރަށް އަވަހަށް، ފޮޓޯގްރަފިކް ސެކްޝަންގައި ރަނގަޅު ތަމްރީނުތަކެއް ލިބޭނެ ގޮތް މެދުވެރިވިއެވެ. އަދި ދުނިޔޭގެ ފެންވަރުގެ ސާމާނު ބޭނުންކުރުމުގެ ފުރުސަތު ވެސް އަހަންނަށް ލިބުނެވެ.
ރޯޔަލް އެއާފޯސްއަށް އެސައިންމެންޓްތައް ނަގައި، އެކިއެކި އިވެންޓްތަކުގެ ފޮޓޯ ނަގަން ލިބުމުން އަހަރެން ވަރަށް އުފާވިއެވެ. ފޮޓޯގްރަފީ ވެގެން ދިޔައީ ހަމައެކަނި ހޮބީއަކަށްވުރެ މާ ބޮޑު ކަމެއްގެ ގޮތުގައެވެ. އެކަން ޝައުގުވެރިކަމަކުން ޕްރޮފެޝަނަކަށް ބަދަލުވިއެވެ. މި ހުރިހާ ކަމެއް ފެށިގެން އައީ އާއިލާގެ ރައްޓެއްސެއްގެ ފަރާތުން ލިބުނު އާދައިގެ ހަދިޔާއަކުންކަން އަހަރެން އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ކުރަމެވެ.
އޭގެ ފަހުން ދެން ކަންތައް ދިމާވި ގޮތްތަކަކީވެސް ޝައުގުވެރިކަމުން ފުރިގެންވާ ވާހަކަތަކެވެ. އެ ބައިވެސް ފަހުން ލިޔަމުން ގެންދާނަމެވެ.
(ނުނިމޭ)