Support Us

ނޫޙުގެފާނު ނެތަސް ނައުކޮޅު އެބަ އޮތް

މިއީ އަލްޖަޒީރާގެ ލިޔުންތެރިއަކު ލިޔުއްވައިފައިވާ ލިޔުމަކުން މަޢުލޫމާތު ނަގައިގެން ލިޔާ ލިޔުމެކެވެ. އަކުރުން އަކުރަށް ތަރްޖަމާނުކޮށެވެ. ޚިޔާލާއި ފިކްރަކީ އެ ލިޔުންތެރިޔާގެ އުފެއްދުމެކެވެ.

ތުރްކީއަށް މި މަހު ހަ ވަނަ ދުވަހު އައި ބިންހެލުމުގައި ވެއްޓި ކުދިކުދިވި ޢިމާރާތްތަކުގެ ދަށުން ދިރިތިބީން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި 100 ގަޑިއިރު ފަހުން ފަސް އަހަރުގެ ކުޑަކުއްޖަކު ސަލާމަތްކުރި ޚަބަރަކީ ނޫސްތަކުގެ މައި ސުރްޚީތަކުގައްޔާއި ޓްވީޓްތަކުގައި ފެތުރުނު (ވައިރަލްވި) ޚަބަރެކެވެ. މި ކުއްޖާ މި ހުރިހާ ވަގުތެއްވީ އިރު ބަނޑުހައިނުވޭތޯ ތުރްކީގެ ޓީވީން ސުވާލުކުރުމުން މި ކުއްޖާ ޖަވާބުގައި ބުންޏެވެ. "އިރުއިރުކޮޅުން އަހުރެންގެ ގާތަށް ހުދު ހެދުމެއްގައި ހުރި މީހަކު އައިސް މަށަށް ކާންދީ ބޯންދީ ހެދިއެވެ."

"މިއީ މަލާއިކަތެއް ނޫންހެއްޔެވެ؟" މީހަކު އޭނާގެ ޓްވީޓެއްގައި ލިޔުނެވެ. "މިއީ ކޮންކަހަލަ ފީކަޅާ ވާހަކައެއް ހެއްޔެވެ؟ މި ތަހްޒީބީ ޒަމާނުގައި ތިޔަބައިމީހުން އަދިވެސް މި ފަދަ ފުލޯކު ވާހަކަތައް ޤަބޫލުކުރަން ހެއްޔެވެ؟"

ތުރްކީއަށާއި ސޫރިޔާއަށް މި އައި ބިންހެލުންތަކާއި މި ހާދިސާއާ ގުޅިގެން ހިނގަމުންދާ ކަންތައްތަކާމެދު ދީނީ ތަފްސީރަކަށް ނުދަމާ ހިނގާށެވެ. އެއީ މި ބިންމަތިން ފެންނަމުންދާ ޠަބީޢީ ކަންތައްތަކެކެވެ. އެއީ މީސްތަކުންގެ ފަސާދަކަމުން އައި އިލާހީ ޢިޤާބެކޭ ނުބުނެވޭނެއެވެ. މަންޠިޤު ބުނާނީ: ރަނގަޅު މީހުންގެ ކުށަކީ ކޮބައިހެއްޔެވެ؟ ތުއްތު ކުދީން ކުރި ފާފައަކީ ކޮބައިހެއްޔެވެ؟

އެހެނަސް މި ގޮތަށް ވާހަކަދައްކާ އެއްވެސް މީހަކަށް މި ކުއްޖާ ހަތަރު ދުވަހު ދިރިއުޅުނު ގޮތް އަދި މި ކުއްޖާ ސަލާމަތުން ޢިމާރާތުގެ ދަށުން ނުކުތް ގޮތް ތަފްސީރުކޮށްދޭކަށް ނޭނގުނެވެ.

ވެއްޓިފައިވާ ޢިމަރާތެއްގެ ދަށުން ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި ޢުމުރުން އަދި އެންމެ 10 ދުވަސްވީ ކިރުބޯ ކުއްޖަކު ވިއެވެ. މި ކުއްޖާ ސަލާމަތް ކުރެވުނީ ޒިލްޒާލު އައިތާ ފަސް ދުވަސް ފަހުންނެވެ. މީގެ މާނައަކީ މި ކުއްޖާގެ ޢުމުރުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްފައި މި ވަނީ ވެއްޓިފައިވާ ގޭގެ ދަށުގައެވެ. މިފަދަ ކުއްޖަކީ އޭނާގެ މަންގެ ގާތުން ދެ ގަޑިން ދެގަނޑިން ބުއް ބޯންޖެހޭނެ ކުއްޖެކެވެ. ޠަބީޢީ ޤާނޫނުގެ ދަށުން މި ކުއްޖާ ސަލާމަތްވީ ކިހިނަކުން ކަން ނިކަން ބުނެދީ ބަލާށެވެ!

މި ބިރުވެރި ޙާދިސާއާމެދު ދީނީ ނަޒަރަކުން ވިސްނުމާ ދެކޮޅުހަދާ މީހުންނޭވެ!

އަހުރެމެން މުސްލިމުންނަކީ ޣައިބަށް އީމާންވާ ބަޔަކީމުއެވެ. މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ދެ ކުދީން ސަލާމަތްކޮށްދެއްވީ މަލާއިކަތުންނޭ ނުބުނާންވީ ކީއްވެގެން ހެއްޔެވެ؟

މި ދެކުދީން އެކަނި ސަލާމަތް ކުރެއްވީ ކީއްވެ ހެއްޔެވެ؟ އެހެން ކުދީން ކޮބައިހެއްޔެވެ؟

މި ފަދަ ބޮޑު ވޭނެއް މީސްތަކުންނަށް ދެއްވަނީ ކީއްވެގެން ހެއްޔެވެ؟

ތިބާއަކީ މަށިން ހައްދަވާ ﷲތަޢާލާ ފުރާނައެޅުއްވި މަޚްލޫޤެއްކަން ޤަބޫލު ކުރާނަމަ ތިބާއަށް ތިބާގެ ވެރި ރަސްކަލާނގެއާ ދެކޮޅު ހެދުމުގެ ބާރު ލިބިގެން ނުވާކަން އެނގޭނެތެވެ. އެ ކަންތައް ކުރެއްވީ ކީއްވޭ ހެއްޔެވެ؟ މި ކަންތައް ނުކުރެއްވީ ކީއްވެހެއްޔެވެ؟ ތިބާއަށް މި ސުވާލު ކުރުމުގެ ބާރު ލިބިގެން ނުވެއެވެ. ﷲ ތަޢާލާ އެއަށްވުރެ މާ މަތިވެރިވެގެން ވެއެވެ. އެކަލާނގެ މަލަކޫތުގައި އެކަލާނގެ ތަދްބީރު ކުރައްވާ ގޮތަކަށް އެކަލާނގެ ކަންތައްތައް ހިންގަވާނެތެވެ. އެކަލާނގެ ވާށޭ އެންގެވުމުން އެކަމެއް ވެގެންދާނެތެވެ. މި ކަމުގައި އެހެން އެއްވެސް ފަރާތަކަށް ޚިޔާރެއް ލިބިގެން ނުވެއެވެ.

އަހުރެމެންގެ ޙަޔާތުގައި އެކަމުގެ އަރަތް ދޭހަނުވާ ކިތައްކިތައް ހާދިސާ ހިނގައިފައި ވޭހެއްޔެވެ؟

ތިބާގެ ދަރިފުޅު ތިބާގެ ޤަރާރުތަކާ އިޢުތިރާޟު ކުރީމާ ތިބާ ގާތަށް ރުޅި އައި ކިތައްކިތައް ޙާދިސާ ހިނގައިފައިވޭ ހެއްޔެވެ؟ އެއީ ތިބާގެ ދަރިއެއް ނަމަވެސް އެއީ ތިބާ އުފެއްދި މަޚްލޫޤެއް ނޫނެވެ. ޚާލިޤުވަންތަ ﷲގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެ ޤަދަރާ އިޢުތިރާޟު ކުރާނީ ކިހިނެއް ހެއްޔެވެ؟

އެހެންމީހުން ބުނާ އެއްޗެއް ބުނެފާނެއެވެ. މާތްﷲ ކަމެއް ކުރަން އަންގަވައިފިނަމަ އެކަމެއް ކުރަން ޖެހޭނެއެވެ. ކުރަންޖެހޭ ސުވާލަކީ އަހުރެންގެ ވެރި ރަސްކަލާނގެ އެކަން ކުރަން ނުވަތަ ނުކުރަން އެންގެވި ހެއްޔެވެ؟ ކުރަން އެންގެވިނަމަ ކުރާނަމެވެ. ނުކުރަން އެންގެވިނަމަ ނުކުރާނަމެވެ. މިއީ މުއުމިނުން ކަންކުރަން ޖެހޭނެ ގޮތެވެ. ކީއްވެތޯ ސުވާލެއް ނުކުރާނެއެވެ.

ރުކޫޢުކުރުމުން ސަޖިދަކުރުމުން ލިބޭ ކަސްރަތަކަށް، ރޯދަހިފުމުން ލިބޭ ދުޅަހެޔޮކަމަކަށް ބަލާކަށް ނުޖެހެއެވެ. މާތްﷲ ކުރަން އަމުރު ކުރެއްވި ހެއްޔެވެ؟ އެހެންވެއްޖެއްޔާ އެކަމަށް އިޖާބަދޭނަމެވެ.

މާތް ﷲ ޢައްޒަ ވަ ޖައްލަ އަޅުގަނޑުމެންނަށް ޚަބަރުދެއްވައިފައިވާ ގޮތުގައި އެކަލާނގެ ވަނީ މަލާއިކަތުން ޚަލްޤު ކުރައްވައިފައެވެ. އެބޭކަލުން ﷲ  އެންގެވި ގޮތަކަށް އެންގެވި ކަމެއް ކުރައްވަތެވެ. މާތް ﷲ މަލާއިކަތުން ޚަލްޤު ކުރެއްވީ ކޮން ކަމަކަށް ޓަކައި ކަމެއް އެނގޭކަށް ނުޖެހެއެވެ. ޙިކްމަތަކީ އެކަލާނގެ ބަސްފުޅު އަހައި ކިޔަމަންގަތުމެވެ.

ތިބާ މި ކަން ޤަބޫލެއް ނުކުރަމުއެވެ. ތިބާގެ ގާތުގައި އެއީ ޚުރާފާތުތަކެކެވެ. އަރަބިކަރައިގެ ޞަޙަރާއެއްގައި "އުޅުނު މީހަކު" މީގެ 15 ވަރަކަށް ސައްތަ އަހަރު ކުރިން ދައްކައިފައިވާ ފުލޯކު ވާހަކަތަކެކެވެ. އަހުރެމެންގެ ކޮންމެ މީހަކަށް އެމީހަކު ޤަބޫލުކުރާ ގޮތަކަށް އުޅުމުގެ މިނިވަންކަން އޮންނާނެއެވެ. ވީމާ "އަހުރެންގެ ވެރިރަސްކަލާނގެ ބާވައިލެއްވި ބަސްފުޅުތަކާ އެއްގޮތަށް ކަންތައް ކުރުމުގެ ޙައްޤު މަށަށް ވެސް އޮންނާނެއެވެ."

"ތިބާ ޤަބޫލުކުރާ ކަމެއް ޤަބޫލުކުރުމުގެ ޙައްޤު ތިބާއަށް ލިބިގެން ވިޔަސް އެ ގޮތް އަހުރެންގެ މައްޗަށް ލާޒިމުކުރުމުގެ ބާރު ތިބާއަށް ލިބިގެން ނުވެއެވެ. އަހުރެން ޤަބޫލުކުރާ ގޮތް ތިބާގެ މައްޗަށް އަހުރެން ލާޒިމެއް ނުކުރަމުއެވެ."

ދުނިޔޭގައި ހިނގާ ކަންތައްތައް ތަފްސީރުކޮށްދިނުމުގައި ސައެންސާއި ޢިލްމު ނުކުޅެދިފައިވާ އެތައް ކަމެއް ކޮންމެ ދުވަހަކު އަހުރެމެންގެ ލޮލުގެ ކުރިމަތީގައި ހިނގަމުންދަނީ މަދެއްކޮށް ނޫނެވެ.

އާނ! މާތްﷲ ފާސިޤުންނަށާއި ކާފިރުންނަށް ދެއްވި ބައެއް ޢިޤާބުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ. އެއީ ﷲގެ ބަސްފުޅެވެ. ޚަލްޤުތަކުންގެ ޚާލިޤުގެ ބަސްފުޅެވެ. އެކަލާނގެ ބަސްފުޅު ޤަބޫލުކުރުން ނޫން ގޮތެއް ނޯންނާނެއެވެ. އެހެނަސް ޤުރްއާނަކީ ދުނިޔޭގައި ހިނގާ ކޮންމެ ކަމެއް ތަފްސީރުކޮށްދޭ ފޮތެއް ނޫނެވެ. މި ފޮތަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ބާވައިލެއްވި ފޮތެކެވެ. މިއީ ސައެންސާއި ފަންނިއްޔާތުގެ ފޮތެއް ނޫނެވެ. ކައުނުގައި ހިނގާ ކަންތައްތައް ހިނގަނީ ﷲގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ތުރްކިޔޭއަށާއި ސޫރިޔާއަށް އައި ބިންހެލުންތަކުގެ ސަބަބުން އެތައް ބައިވަރު ޢިމާރާތްތަކެއް ވެއްޓުނެވެ. އެތައް ހާސް ފުރާނަތަކެއް މި ދުނިޔެ ދޫކުރިއެވެ. އެތައް ހާސް ބަޔަކު ޒަޚަމުވިއެވެ. ހިތާމަޔާއި ބިރުވެރިކަން ފެތުރިގެން ދިޔައެވެ. ޒިލްޒާލުގެ ސަބަބުން މަރުވެގެން ދިޔަ މީހުންނާމެދު ކުރާ ހިތާމައެވެ. އުޚުއްވަތްތެރިކަމާއި އިންސާނިއްޔަތުކަމުން ބަނދެވިފައިވާ ގުޅުމުގެ ސަބަބުން ލިބޭ ވޭނެވެ. މުޅި ދުނިޔެ ބޯމައްޗަށް ވެއްޓުނު ކަހަލައެވެ.

މަންޒަރުތައް އެހާމެ ބިރުވެރިއެވެ. ބިމާ ހަމައަށް ތިރިވެގެން ފުނޑުފުނޑުވެގެން ދިޔަ ބައެއް ޢިމާރާތްތަކަކީ ބައު ތަންތަނެއް ނޫނެވެ.

އަހުރެން އެ ތާނގައި ވީނަމަ ކުރާނީ ކޮން ސުވާލެއް ބާވައެވެ؟ މިއީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުން ޢަލާމާތެއް ހެއްޔެވެ؟

އޭގެތެރެއިން މީހަކު ބުންޏެވެ. ޒިލްޒާލު އަންނަން ފެށުމުން މުލްޙިދަކު މި މުޞީބާތުން ނަޖާކޮށްދެއްވުމަށް އެދި ﷲއަށް ދުޢާދަންނަވާން ފެށިއެވެ.

އޭނާގެ ފިޠުރަތު ބޭއިޚްތިޔާރުގައި ޙަރަކާތްތެރިވިއެވެ. މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މަތިންދާބޯޓު ތަޅުވައިގަތީމާ "އޯ ގޯޑް" އޭ ބޭއިޚްތިޔާރުގައި ބުނާތަން އާދެއެވެ. މިއީ ފަރުވާދޭ ޑަކްޓަރު ބަލިމީހާގެ ހިތަށް ދޭ ޝޮކެއް ފަދަ ކަމެކެވެ. މި ޝޮކަށް އިޖާބަ ނުދެވި ހުންނާނެބާވައެވެ؟

އަހުރެމެން ހާދިސާތަކާމެދު ވިސްނަމުއެވެ. ﷲގެ އާޔަތްތަކާމެދު ފިކްރުކުރުމެވެ. އެއީ ﷲ ތަޢާލާގެ މިބަސްފުޅުގެތެރޭގައި ހިމެނޭ ބަޔަކަށް އަހުރެމެން ވެދާނޭތީއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَٰئِكَ هُمُ الْغَافِلُونَ- سورة الأعراف: 179- އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ.))

ކާރޫބާރޫ ބޮޑު ޙަޔާތުގެ ތެރޭގައި އެކަންކަމާމެދު ވިސްނައިނުލެވޭ ކިތަންމެ ކަމެއް ހިނގައިނެކަން ކަށަވަރެވެ. އެހެނަސް މިފަދަ ބޮޑު ކަމެއް ހިނގުމުން އެކަމާމެދު ވިސްނައިނުލެވިއްޖެނަމަ އެކަމާމެދު ކަންބޮޑު ނުވެވިއްޖެނަމަ އެކަމުގެ ސަބަބުން އާޚިރަތް ހަނދުމަވެގެންނުދާނަމަ އެއީ މުޞީބާތެކެވެ.

އަހުރެމެންގެ ނިމުމާމެދު ނުވިސްނާނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ﷲ އަހުރެމެން ދެކެ ކޯފާވެވޮޑިގަތީ ކީއްވެގެންތޯ ބަހުސްކުރާން ޖެހޭނެއެވެ. އަނިޔާވެރިން އަނިޔާވެރިކަމުގައި ޙައްދުފަހަނަޅައި ދިޔައީ ބާވައެވެ؟ ހަނުހިމޭނުން ތިބޭމީހުން ހަނުހިމޭންކަމުގައި ޙައްދުފަހަނަޅައި ދިޔައީ ހެއްޔެވެ؟ ޙަޤީޤީ މުޞީބަތަކީ މިއީއެވެ.

ސައެންސީން ވިދާޅުވާ ވިދާޅުވުންތަކަކީ އަހުރެމެންގެ އިޚްތިޞާޞެއް ނޫނެވެ. މުޞީބާތްތައް ކުރިމަތިވުމުގެ ކުރިން ނަޖާވާނެ ގޮތްތައް ހޯދާންވަނީ ޖެހިފައެވެ.

ނަޖާވުމަށް ޓަކައި މަސައްކަތް ކުރާންވީ ފަނާވިޔަސް ސަލާމަތް ވިޔަސް ސަލާމަތްކޮށްދޭނެ ލައިފް ޖެކެޓެއް ހޯދުމަށެވެ. މިކަމަށް ޓަކައި ދާންޖެހެނީ ދީނަށެވެ. ދީން ގޮވައިލާ ގޮވައިލުންތަކާ އެއްގޮތަށް ބަދަލުވެގަތުމަށެވެ. އެހެން މީހުން ޝަރީޢަތަށް ހުށަނާޅައެވެ.

އަހުރެމެން ބިރުގަންނަންވީ މަތިންދާބޯޓު ތެޅިގަންނައިރުގައެއް ނޫނެވެ. ޢިމާރާތް އަރިއަޅައިލާ ވަގުތުގައެއް ނޫނެވެ. ފާލަން ވެއްޓެމުންދާއިރުގައެއް ނޫނެވެ. މުޅި ބިން ތެޅެމުން ހެލެމުންދާ ވަގުތުގައެވެ. އެ ބިންގަނޑު އޭގެ ބަނޑުތެރޭގައިވާ އެއްޗެހިތައް ނެރެ އުކާލައި ވަގުތުގައެވެ. އެ ބިންގަނޑުގެ މަތީގައިވާހައި އެއްޗެއް ހަށިފޮޅައިލާ ވައްޓައިލާ ވަގުތުގައެވެ. އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނާ ވަގުތުގައެވެ.

މިއީ ބިރުވެރި ވަގުތެކެވެ. ޣަރަޤުވުުގެ ކުރިން ވިސްނަންވީ ނޫޙުގެފާނު ކޮބައިތޯއެވެ.

نوح عليه السلام ނެތަސް އެކަލޭގެފާނު ނައުކޮޅު އެބަ އޮތެވެ. އެދޭ މީހަކު އަވަހަށް ނަވަށް އެރޭތޯ މަސައްކަތް ކުރާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *