ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެނަކައިން މިއަދު ފަށައިފި އެވެ. އެ ހިދުމަތް ފައްޓަވައިދެއްވީ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ފެނަކައިން ބުނި ގޮތުގައި ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ހިދުމަތަށް އެދި ހުށަހަޅަން ޖެހޭނީ ފެނަކައިގެ ވެބްސައިޓުގައިވާ ހާއްސަ ފޯމަކުންނެވެ.
މިއަދުގެ ރަސްމީޔާތުގައި މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ މީޓަރު ޓެސްޓުކުރުމަށް ތިން ހަތަރު ދުވަސް ނެގި ޒަމާން މާޒީވެއްޖެ ކަމަށާއި މިއަދު ތައާރަފުކުރި ހިދުމަތުގެ ސަބަބުން މީޓަރު ޓެސްޓުނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ނުޖެހޭނެ ކަމަށެވެ.
ފެނަކައަކީ ރާއްޖޭގެ އާބާދީގެ 70 ޕަސަންޓަށް ކަރަންޓު ފޯރުކޮށްދޭ ކުންފުންޏެކެވެ. ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މިވަގުތު ތައާރަފުކޮށްފައި ވަނީ މާލެ ސަރަހައްދަށް އެކަނި ކަމަށް ވީނަމަވެސް އައްޑޫ އާއި ހއ އަދި ހދ. އަތޮޅަށް އެ ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
މީޓަރު ޓެސްޓުކުރުމުގެ ހިދުމަތުގެ ތެރޭގައި ސްމާޓް މީޓަރު ޓެސްޓު ކުރެވޭނެ ބެންޗެއްވެސް ފެނަކައިގައި ވަނީ ގާއިމުކޮށްފައެވެ. ފެނަކައިން މިވަގުތު ބޭނުންކުރަނީ ގަޑިއިރަކު 75 މީޓަރު ޓެސްޓު ކުރެވޭ ވަރުގެ ފެންވަރު ހުރި ބެންޗެކެވެ. އެއީ ދުނިޔޭގެ ފެންވަރުގައިވެސް މީޓަރު ޓެސްޓު ކުރުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށް ފެނަކައިން ބުނެއެވެ.
"ފެނަކައިން ބޭނުންކުރާ ބެންޗަކީ ރާއްޖޭގައި މި ލެވެލްގައި ޓެސްޓު ކުރެވޭ ހަމައެކަނި ބެންޗު،" ސައީދު ވިދާޅުވިއެވެ.
މި ޙިދުމަތް ފެށުމުގެ ސަބަބުން މީޓަރު ޓެސްޓުކުރުމަށްޓަކައި ރައްޔިތުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ފަސޭހަ ގޮތެއްގައި މީޓަރ ޓެސްޓްކުރުމުގެ ނިޒާމެއް ގާއިމުވެގެން ދާނެ. (2/2) pic.twitter.com/TnA7ldIWZs
— Fenaka Corporation Ltd (@TeamFenaka) November 17, 2022