Support Us

ފެނަކައިގެ މެނޭޖިން ޑައިރެކްޓަރ އަޙުމަދު ސައީދު

ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ: ފެނަކަ

ފެނަކައިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގައި އެ ކުންފުނިން މިއަދު ބުނެފިއެވެ. 

ފެނަކައިން މިހެން ބުނީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު، ވަޓްސްއެޕް ގްރޫޕެއް ހައްދަވައިގެން އެމްޑީޕީގެ މަޖިލީސް މެމްބަރުންނަށް ބިރުދައްކަމުންދާ ކަމަށް، ރައްޔިތުން މަޖިލީހުގެ އެމް.ޑީ.ޕީ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާތީ ނެރުނު ބަޔާނެއްގައެވެ.

"މިއީ އެއްވެސް ޙާލަތެއްގައި އެއްވެސް މިންވަރެއްގެ ހަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫނެވެ. ތުހުމަތުކޮށްފައިވާ ވަޓްސްއެޕް ގްރޫޕަކީ ވުޖޫދުވެފައިވެސް ނުވާ ގްރޫޕެއް ކަމަށްވާއިރު، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ފަރާތުން، އެފަދަ ވަޓްސް އެޕް ގްރޫޕް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓް ފޯމެއްގައިވެސް، އެއްވެސް އިއްޒަތްތެރި މަޖިލީސް މެމްބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުޢާމަލާތެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން މެނޭޖިން ޑިރެކްޓަރުގެ ފަރާތުން މި ކުންފުނީގެ މުވައްޒަފުންނަށް ދެއްވާފައިވާތީ، އެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހިއްސާ ކުރުމުގެ ގޮތުން ދަންނަވަމެވެ." ފެނަކައިގެ ބަޔާނުގައިވެއެވެ.

"މި ކުންފުނިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ. މި ކުންފުނީގެ އެންމެހައި މަސައްކަތްތައް ރޭވި ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތަކުގެ މައްޗަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށެވެ."

ފެނަކައިން ބުނީ މިފަދަ ހަޤީޤަތެއް ނެތް ވާހަކައެއް ފެތުރުމުގެ ހަމައެކަނި މަޤްޞަދަކީ، މި ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުގެ އަބުރު ނަގާލުމާއި، އާންމުންގެ މެދުގައި މި ކުންފުންޏާ ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާ ދޭތެރޭ ރައްޔިތުން ދެކޭ ތަޞައްވަރު ކިލަނބުކޮށްލުމެވެ.

"މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ، މި ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ހޯދައިދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ފަރާތެއް ކަމަށް ވީހިނދު، އެފަދަ ފަރާތަކާ މެދު މިފަދަ ހަޤީޤަތެއް އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމީ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ދަންނަވަމެވެ." ފެނަކައިގެ ބަޔާނުގައިވެއެވެ.