ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބަހުރައިންއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި ބަޙްރައިނާ ދެ ޤައުމަށްވެސް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި އެ ލަނޑުދަނޑިއަށް ވާޞިލްވުމުގައި ބަޓެލްކޯއިން ވެދޭ އެހީއަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ޢަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެކުންފުނިން ދެކޭ ގޮތުގައި، ކޮންމެ އިޤުތިޞާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ބަޓެލްކޯ އާއެކު ވެވުނު ސައިބަރ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ޚިދުމަތްތައްދޭ ޤައުމީ އަދި ބައިނަލްއަޤުވާމީ ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މިބައްދަލު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި ބަޙްރައިންގެ ފޮރިން މިނިސްޓަރ ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯ އާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މުވާޞަލާތީ ކުންފުނި ދިރާގާއި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން ސައިބަރ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.