Support Us

ސިފައިންގެ ކައިވެނި، ޝައުޤުވެރި ވާހަކައެއް

ސިފައިންގެ މީހަކާއި އާންމު ރައްޔިތަކާ ހުންނަ އެންމެ ބޮޑު އެއް ތަފާތަކީ ޤާނޫނީ ގޮތުން ސިފައިންގެ މީހާއަށް ބައެއް އަސާސީ ޙައްޤުތަކުން މަޙުރޫމުވާން ޖެހުމެވެ. އާންމު ރައްޔިތަކަށް ލިބޭ އެތައް ޙައްޤުތަކެއް ސިފައިންގެ މީހާއަށް ޤާނޫނާއި ގަވާއިދާއި އަސްކަރީ އާދަކާދަ ނިޔާކުރާގޮތުން މަނާކުރުމެވެ. ނޫނީ ހިފެހެއްޓިފައި ހުންނަ ހިފެހެއްޓުމެވެ. ނުވަތަ ޙައްޤުތައް ހަނިިކުރާ ހަނިކުރުމެވެ. ދީނީގޮތުންނާއި ޤާނޫނީ ގޮތުން އެހެން ރައްޔިތުންނާއި ސިފައިންނާ އޮންނަ އެންމެ ބޮޑު އެއް ތަފާތަކީ ކައިވެނި ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ތަފާތެވެ.

ބޭރު މީހުންނާ ކައިވެނިކުރުން

ބޭރު ޤައުމުތަކުގެ މީހުންނާ ސިފައިން ކައިވެނިކުރުމަކީ، ދުނިޔޭގެ ގިނަ އަސްކަރިއްޔާތަކުގައި ޒަމާނުއްސުރެ މަނާކަމެކެވެ. މި ގަވާއިދު އަދިވެސް ގިނަ ޤައުމުތަކުގައި އޮތީ މިހެންނެވެ. އެހެން ނަމަވެސް މިގޮތް އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ބަދަލުކޮށްފިއެވެ. އެމެރިކާގައި ޤައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއްގެ ސާބިތުނުވާ ބިދޭސީއަކާ ހުއްދަ ނަގައިގެން ކައިވެނިކުރެވެއެވެ. މިގޮތުން ހުއްދަދީގެން ކުރާ ކައިވެންޏަށް ވެސް ބާރު އަޅަނީ ހަޔާތުގެ ބައިވެރިޔާ އެމެރިކާގެ ރައްޔިތަކަށް ފަހުން ހެދުމަށެވެ. ގްރީން ކާޑު ހޯދުމަށްފަހު، ރައްޔިތެއްގެ ގޮތުގައި ތިން އަހަރު ހޭދަކޮށް، އެމެރިކާގެ ސިޓިޒަންޝިޕް ހޯދުމަށް ހުށަހެޅުމަށެވެ.

އިންޑިއާ ސިފައިންގެ ގަވާއިދުތައް ބުނާގޮތުން އެ ޤައުމުގެ ސިފައިންނަށް ބިދޭސީ ރައްޔިތަކު އޭނާގެ ޤައުމުގެ ސިޓިޒަންޝިޕް ދޫކޮށް، އިންޑިއާގެ ރައްޔިތަކަށް އެދި ހުށަނާޅާހާ ހިނދަކު ކައިވެންޏެއް ނުކުރެވެއެވެ.

ސަޢުދީ ޢަރަބިއްޔާގައި ދީނީ ހަމަތަކާ އެއްގޮތަށް އަދި ހަދާފައިވާ ގަވާއިދާ އެއްގޮތަށް ބިދޭސީންނާ ކައިވެނިކުރުން ހުއްދައެވެ. އެކަމަކު ހުއްދަ ދިނުމުގައި ގެންގުޅޭ ގަވާއިދުތައް ވަރަށް ހަރުކަށްޓެވެ. މިގޮތުން ރެކޯޑް ސާފުކޮށް ހުއްދަ ދިނުމަށް ބަލާ މުއްދަތު ދިގުވުމަކީ މިފަދަ ކައިވެނިތައް ކުރުމަށް އޮންނަ ހުރަހެކެވެ. ޢަރަބި އިސްލާމީ އެހެން ޤައުމުތަކަށް ބަލާއިރު މިޞްރުގައި އަދިވެސް ސިފައިންނަށް ބޭރު މީހުންނާ ކައިވެނި ކުރުމަށް ހުއްދައެއް ނޫނެވެ.

ސިފައިންގެ މީހުން ސިފައިންގެ މީހުންނާ ކައިވެނިކުރުން

ސިފައިންގެ މީހުން ސިފައިންގެ މީހުންނާ ކައިވެނި ކުރުމުގައި ވެސް ގިނަ އަސްކަރިއްޔާތަކުގައި ހިފެހެއްޓުންތައް ގިނައެވެ. ސިފައިންގެ މީހުން ސިފައިންގެ މީހުންނާ ކައިވެނިކުރުމުގައި އަސްކަރީ ސަޤާފަތަކީ އޮފިސަރަކާއި އެހެން ކޯރއެއްގެ ސިފައިންގެ މީހަކު ކައިވެނި ނުކުރެވޭގޮތަށް އޮތުމެވެ. އޮފިސަރ ކޯރއާއި އެންލިސްޓެޑް ކޯރ ކްރޮސްކޮށް ކައިވެނިކުރުން އިންޑިއާ ފަދަ ޤައުމުތަކުގައި މަނާކުރެއެވެ. އެމެރިކާއާއި ހުޅަނގުގެ ބައެއް އަސްކަރިއްޔާތަކުގައި ބަލާ ބެލުންތަކަކާއެކު ސިފައިންގެ މީހުންނާ ސިފައިންގެ މީހުން ސީނިއަރިޓީއަށް ނުބަލައި ކައިވެނިކުރުން ހުއްދަކުރެއެވެ. މިގޮތަށް ހުއްދަ ދޭއިރު ވެސް ސިފައިންގެ އެއް ދާއިރާއެއް ނުވަތަ އެއް ޔުނިޓެއްގައި މަސައްކަތެއް ނުކުރެވެއެވެ.

ސިފައިންނާއި ސިފައިން ކައިވެނިކުރަން ހުއްދަކޮށްފައިވާ ޤައުމުތަކުގައި ވެސް ސިފައިންގެ ދެ އަންހެނަކާ ދެ އަނތްބަށް ކައިވެނިކުރުން އޮންނަނީ މަނާކޮށްފައެވެ.

ސިފައިންގެ މީހަކު އިނދެ ވަރިކޮށްފައިވާ މީހަކާ އެހެން ސިފައިންގެ މީހަކު އިނުމަކީ ވެސް ޒަމާނުއްސުރެ އަސްކަރިއްޔާތަކުގައި މަނާކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ޤައުމުތަކެއްގައި ޝަރުތުތަކާއެކު މިކަމަށް ވަނީ ހުއްދަ ކޮށްފައެވެ. އޭގެތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ.

ކައިވެނި ނުކުރެވޭ އަދި ވަރި ވެސް ނުކުރެވޭ ހާލަތްތައް

ސިފައިންގެ މީހުންނަށް ކޮންމެކޮންމެ ހާލަތަކު ކައިވެންޏެއް ނުކުރެވެއެވެ. އަދި ކޮންމެކޮންމެ ހާލަތަކު ވަރިއެއް ވެސް ނުކުރެވެއެވެ. އެމެރިކާގެ ސިފައިން ކައިވެނި ކުރުމުގެ އުސޫލުތައް ބިނާވެފައިވާ ޤާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން ހަނގުރާމައިގެ މައިދާނުގައި ޚިދުމަތްކުރާ ނުވަތަ ސީދާ ހަނގުރާމައެއްގައި ބައިވެރިވާ، ނުވަތަ ކުއްލި ޙާލަތެއްގައި ދިފާޢީ އޮޕަރޭޝަނެއްގައި ޝާމިލުވާ މީހަކަށް އެ މުއްދަތުގައި ކައިވެންޏެއް ނުކުރެވެއެވެ.

އަސްކަރީ ކޮލެޖެއް ނުވަތަ އެކަޑަމީއެއްގައި ތަމްރީނު ހަދާ ސިފައިން އެ މުއްދަތުގައި ކައިވެނިކުރުމަކީ އެމެރިކާގައި މަނާކަމެކެވެ. ގިނަ ޤައުމުތަކުގައި އަސާސީ ތަމުރީނު ނުހަދާ ސިފައިން ކައިވެނިކުރުމަކީ ވެސް މަނާކަމެކެވެ.

ހަނގުރާމައިގެ މައިދާނުގައި ޚިދުމަތްކުރާ ނުވަތަ ސީދާ ހަނގުރާމައެއްގައި ބައިވެރިވާ ނުވަތަ ކުއްލި އަސްކަރީ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ ސިފައިންގެ މީހަކަށް އެމެރިކާގައި ވަރިއެއް ނުކުރެވެއެވެ. އަދި ވަރިއަށް އެދި ހުށައެއް ވެސް ނޭޅެއެވެ. މިހާލަތުގައި ސިފައިންގެ މީހެއްގެ ވަރީގެ މައްސަލަ ކުރިއަކަށް ވެސް ނުގެންދެވެއެވެ.

ކައިވެނިކުރަން ހުއްދަ ނަގަންޖެހުމާއި ހުއްދަ ނުލިބޭ ފަރާތްތައް

ދުނިޔޭގެ ގިނަ އަސްކަރިއްޔާތަކުގައި، ސިފައިންނަށް ކައިވެނިކުރެވެނީ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގައި ވެސް ގަވާއިދުން ހުއްދަ ނަގަން ޖެހެއެވެ.

ހުއްދަދޭއިރު އެމެރިކާގައި ސިފައިންގެ މީހަކަށް ކައިވެނިކުރަން ހުއްދަ ނުދޭ ފަރާތްތަކެއް ފާހަގަކޮށްފައި ހުރެއެވެ. މީގެ ތެރޭގައި މަދަނީ ހަމަނުޖެހުމެއްގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ޖިނާޢީ ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ މީހުންނާއި ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ފަރާތްތައް ހިމެނެއެވެ. އަދި މީގެތެރޭގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ސާބިތުވެފައިވާ ބިދޭސީން ވެސް ހިމެނެއެވެ. މިފަދަ މީހަކާ ކައިވެނި ކުރިއަސް އެކައިވެންޏަކީ ޞައްޙަ ކައިވެންޏަކަށް އެމެރިކާގައި ނުބަލައެވެ.

ކައިވެނި ކުރަން ބޭނުންވާ ސިފައިން ކައިވެނި ކުރުމުގެ އެއް މަސް ކުރިން އެމެރިކާގައި ހުއްދައަށް އެދެން ޖެހެއެވެ. ކައިވެނިކުރުމުގެ ހުއްދަ ދިނުމަށްޓަކައި ކައިވެނި ކުރަން ހުށަހަޅާ މީހާގެ މެޑިކަލް އެގްޒެމިނޭޝަނެއް ހައްދަން ޖެހެއެވެ. އަދި ކައިވެންޏާ ބެހޭގޮތުން ކައުންސެލިންގކޮށް، ދެމީހުންގެ މާލީ ހާލަތު ދެނެގަނެ، މާލީ ރެކޯޑްތަކާއި ހެކިތަކަށް ބަލައެވެ. މިކަންކަން ވަކި މިންގަނޑެއްގައި ހުރެގެން ނޫނީ ސިފައިންނަށް ކައިވެނި ކުރާކަށް ހުއްދައެއް ނުދެއެވެ.

މީހަކު ދެކެ ލޯބިވުމަކީ ސިފައިންގެ މީހަކަށް އަސްކަރިއްޔާތަކުން ކައިވެނިކުރަން ހުއްދަކުރާ އަދި ހުއްދަދޭ ސަބަބެއް ނޫނެވެ. ސިފައިން ވަނީ މިފަދަ އެތައްއެތައް ޙައްޤުތަކަކުން މަޙުރޫމުވެފައެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ޤައުމީ އެންމެ މަތީ މަޞްލަޙަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ސިފައިންނަށް ތަފާތު އިނާޔަތްތައް ދައުލަތުން ހަމަޖައްސަވަނީ މިފަދަ އެތައްއެތައް ސަބަބަކާ ހުރެއެވެ.

މަޢުލޫމާތު:
މިލިޓަރީ.ކޮމް/ އެންސީއޯ ސަޕޯޓް.ކޮމް

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *