Support Us

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ފޮޓޯ ނެގުމަށްޓަކައި މީހަކު ހަރަކާތްތެރިވަނީ. -އަދިވެސް ފޮޓޯ

އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމާއެކު އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއް އެޗްޑީސީން ހުޅުވާލައިފި

އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމާއެކު އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއް އެޗްޑީސީން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އިއްޔެ ހުޅުވާލި މި މުބާރާތަކީ ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެހެން ހުޅުވާލައިފައިވާ މުބާރާތެއް ކަމަށާއި ބޭނުމަކީ ހުނަރުވެރި އަދި ގާބިލް އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުން ކަމަށެވެ.

"މި މުބާރާތުގެ ބައިވެރިވާ ފަރާތްތަކުން ސަގާފީ އަދި ޒަމާނީ ޑިޒައިން ހިމެނޭގޮތަށް "ޓޫރިޒަމް އައިލެންޑްގެ ކޮމާޝަލް ސްޕައިން"ގެ ކޮންސެޕްޓެއް އެކުލަވާލަންވާނެއެވެ. މި ކޮމާޝަލް ސްޕައިން ވެގެންދާނީ އާންމުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭ އަދި ހުސްވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ކުޅިވަރު ހަރަކާތްތަކެއް އެކުލެވިގެންވާ ސަރަހައްދަކަށެވެ." އެޗްޑީސީން ބުންޏެވެ.

މި މުބާރާތުގެ އިނާމުތައް:

ކޮންސެޕްޓް މަރުހަލާގެ

1 ވަނައަށް 200،000ރ.

2 ވަނައަށް 30،000ރ.

3 ވަނައަށް 20،000ރ.

"މީގެ އިތުރުން މި މުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަކުން ހުށަހަޅާ ކޮންސެޕްޓުގެ ޑީޓެއިލްޑް ޑިޒައިން ކުރެހުންތައް ތައްޔާރުކުރުމުގެ ފުރުސަތު އެފަރާތަކަށް ލިބިގެންދާނެއެވެ. އަދި ޑީޓެއިލްޑް ޑިޒައިން ފުރިހަމަ ކުރުމުން އެފަރާތަކަށް 750،000ރ. އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ."

މި މުބާރާތުގައި ބައިވެރިވުމަށް އެޗްޑީސީގެ ކޮމްޕެޓިޝަން ވެބްސައިޓް މެދުވެރިކޮށް https://design.hdc.com.mv/ ރަޖިސްޓަރކުރެވޭނެއެވެ.

ކޮންމެ ބައިވެރިވާ ފަރާތެއްގެ ނަމުގައި ހުށަހެޅޭނީ އެންމެ ކޮންސެޕްޓެކެވެ. މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 12 ސެޕްޓެމްބަރު ވާ ހޯމަދުވަހެވެ. އަދި ރެޖިސްޓްރީވާ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެޗް.ޑީ.ސީގެ މީސްމީޑިއާ މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.